21 Feb 2021, 09:54
ނިޔުޔޯކް (ފެބްރުއަރީ 21) : މިހާތަނަށް ދުނިޔޭގެ އެކިގައުމުތަކުގައި ޖުމްލަ 201 މިލިޔަނަށްވުރެ ގިނަމީހުންނަށް ކޮވިޑް ވެކްސިން ޖަހައިފި ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ނޫސްއެޖެންސީތައް ބުނާގޮތުން ދުނިޔޭގެ 107 ގައުމަކުން ވަނީ ވެކްސިން ދިނުމުގެ ކަންތައް ފަށައިފަ އެވެ. އާބާދީގެ ނިސްބަތުން ދުނިޔޭގައި އެންމެ ގިނައިން ކޮވިޑް ވެކްސިން ޖަހަމުން ގެންދަނީ މުއްސަނދި ގައުމުތަކާއި ބާރާއި ނުފޫޒު ހުރި ގައުމުތަކުގައާއި އަމިއްލައަށް ވެކްސިން އުފައްދާ ގައުމުތަކުގަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ރައްޔިތުންގެ އެންމެ ގިނަ ބަޔަކަށް ކޮވިޑް ވެކްސިން ދެމުން ގެންދާ ގައުމަކީ ފަލަސްތީނުގެ ބިމަށް ގަދަބާރުން ވެރިވެގަނެގެން އުޅޭ އިސްރާއީލެވެ. އިސްރާއީލުގެ އާބާދީގެ ގާތްގަނޑަކަށް 48 ޕަސެންޓް މީހުންނަށް ކޮވިޑްގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ކަމަށާއި 30 ޕަސެންޓް މީހުންގެ ގަޔަށް ދެވަނަ ޑޯޒް ވެސް ޖަހާފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
އިސްރާއީލަކީ އެގައުމުގެ ޔަހޫދީންގެ އާބާދީ ކުޑަވެފައިވުމުގެ އިތުުރުން ޔަހޫދީ އާބާދީގެ ބޮޑުބައެއް މުސްކުޅި ވެފައި ގުދްރަތީ ގޮތުން އާބާދީ އިތުރުވާމިންވަރު ވެސް އާދަޔާ ޚިލާފަށް ދަށުގައިއުޅޭ ގައުމަކަށްވާތީ އިސްރާއީލަކީ ޔަހޫދީ އަބާދީ ނެތިހިނގައިދާނެ ކަމުގެ ބިރު ވަރަށް ބޮޑަށް އިޙްސާސްކުރާ ގައުމެވެ.

އިސްރާއީލުގައި ކޮވިޑް ވެކްސިން ދެނީ
އެހެންކަމުން އިސްރާއީލުގެ އެންމެ ޔަހޫދީއަކު ވެސް ބަލިބަލީގައާއި ހަނގުރާމައިގާ މަރުވުމަކީ ފަލަސްތީނުގެ ބިމުގައި އެގައުމު ދެމިއޮތުމަށް ނުރައްކާ ވާކަމެއްކަމެއްކަމަށް އިސްރާއީލުން ދެކެ އެވެ. ކޮވިޑްގެ ވެކްސިން ހޯދުމަށް ވެސް އިސްރާއީލުން އާދަޔާ ޚިލާފަށް އިސްކަން ދިނީ އެހެންވެ އެވެ. ނަމަވެސް އިސްރާއީލު ގެންދަނީ އެގައުމުގެ އަޅުވެތިކަމުގައިތިބި ފަލަސްތީނުގެ ނިކަމެތި ރައްޔިތުން ކޮވިޑް ވެކްސިން އިން މަހްރޫމް ކުރުމަށް މަސައްކަތް ކުރަމުންނެވެ.
އާބާދީގެ ގާތްގަނޑަކަށް ދިހަ ޕަސެންޓް އަށް ވުރެ މަތީ އަދަދަކަށް ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ދީފައިވާ އެހެން ގައުމުތަކުގެ ތެރޭގައި ސީޝެލްސް އިނގިރޭސިވިލާތް ބަހްރައިން އެމެރިކާ ދިވެހިރާއްޖެ ރަޝިއާ، ޗައިނާ ، ޗިލީ އަދި ޔުނައިޓެޑް އަރަބް އިމަރޭޓްސް ހިމެނެ އެވެ. މީގެ ތެރެއިން ސީޝެލްސް އިން ވަނީ އެގައުމުގެ ރައްޔިތުންގެ ގާތްގަނކަށް 43 ޕަސެންޓް މީހުންނަށް ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައެވެ.
އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިޔޯ ގުޓަރެސް ދާދިފަހުން ވަނީ ކޮވިޑް ވެކްސިން ލިބުމުގައި ދުނިޔޭގައި ހަމަހަމަކަން ނެތްކަމާއި މުއްސަނދި ގައުމުތަކާއި ބާރާއި ނުފޫޒުހުރި ދިހަވަރަކަށް ގައުމުން ކޮވިޑްގެ ވެކްސިން ޑޯޒްތަކުގެ ގާތްގަނޑަކަށް 75 ޕަސެންޓް މޮނޮޕޮލީ ކޮށްގެން އުޅޭކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅު ކުރައްވައި ވާހަކަ ދައްކަވައިފަ އެވެ.