01 Feb 2012, 17:34
މިހާރު މާލޭގައި ކުރަމުންދާ ސިލްސިލާ މުޒާހަރާތަކަކީ މާރާމާރީ އާއި ޓެރަރިޒަމްގެ އަމަލުތަކަށް މަގުފަހިވާ މުޒާހަރާތަކެއް ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ މާލޭގައި މިހާރު ކުރަމުންދާ މުޒާހަރާތަކަކީ ސުލްހަވެރި މުޒާހަރާއެއްގެ ގޮތުގައި ހާމަ ކުރަމުން ދިޔަ ނަމަވެސް، މުޒާހަރާތައް މާރާމާރީ އާ ޓެރަރިޒަމްގެ އަމަލުތަކަށް މަގުފަހިވާ ފަދަ މުޒާހަރާއަކަށް ބަދަލު ވެފައިވާ ކަމަށެވެ. އަދި އެފަދަ މުޒާހަރާތައް ކުރުމުގެ ފުރުސަތު ފުލުހުން ނުދޭނެ ކަމަށް ވެސް އެބަޔާނުގައި ބުނެފައިވެ އެވެ.
ފުލުހުންގެ ބަޔާނުގައި ބުނީ ރޭގައި ކުރިޔަށްދިޔަ މުޒާހިރާގައި އަލިފާން ބޯޅައާއި އަލިފާން ފްލޭއާ އާއި ޕެޓްރޯލް ފުޅީގެ އިތުރުން ޕޭމަންޓު ގާ ފަދަ ތަކެތި ބޭނުންކޮށްފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ފުލުހުންނާއި ޢާއްމު ރައްޔިތުންނާއި ދައުލަތުގެ މުދަލަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ. އަދި ރޭގެ މުޒާހަރާގައި އަލިފާން ބޯޅަ އަކުން ޖެހި ފުލުހަކު ފިހުނު އިރު ޕޭމަންޓު ގަލަކުންޖެހި ފުލުހެއްގެ ބަނޑަށް ވަރަށް ބޮޑަށް އަނިޔާވެ އެހެން ފުލުހެއްގެ ބޯފަޅައިގެން ގޮސްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
ރޭ އެއްލި އަލިފާން ބޯޅައިން ޖެހިގެން ފިހުނު ފުލުސް މީހާ އަށް އޭޑީކޭގައި ފަރުވާދީފައިވާ އިރު އެ މައްސަލައާ ގުޅިގެން 16 އަހަރުގެ ކުއްޖަކު ފުލުހުން ރޭ ވަނީ ހައްޔަރު ކޮށްފަ އެވެ.
މާލޭގައި ސިލްސިލާކޮށް ކުރަމުންގެންދާ މުޒާހަރާއާ ގުޅިގެން ނެރުނު ބަޔާނުގައި ފުލުހުން ބުނީ މާލޭގެ މަގުތަކަށް އެއްވެ މުޒާހަރާކުރުމުގެ ގޮތުން ހިންގާ އެންމެހައި ހަރަކާތްތައް ހުއްޓުވުމަށް ފުލުހުން އަޅަން ޖެހޭ ޤާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ.
މާލޭގައި އިދިކޮޅު ފާރާތްތަކުން ސިލްސިލާކޮށް މުޒާހަރާ ކުރަނީ ގާނޫނު އަސާސީ އާ ހިލާފަށް ސަލާމަތީ ބާރުތަކުން، ސިސްޓަމުން ގެއްލުވާލާފައިވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު މިނިވަން ކުރުމަށް ގޮވާލުމަށް ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެ އެވެ. އަދި މުޒާހަރާ ކުރާ މީހުން ބުނަނީ، ގާނޫނު އަސާސީ އިން ހުއްދަ ދީފައިވާ ގޮތަށް އެ މީހުން ކުރާ ސުލްހަވެރި މުޒާހަރާ އަށް ފުލުހުން ހުރަސްއަޅާ ކަމަށެވެ. އަދި އެ މީހުން އަޑު ހަރުކޮށް ގޮވަމުން ދަނީ ރައީސް ނަޝީދު ގާނޫނު އަސާސީއާ ހިލާފުވެފައިވާ ކަމަށާއި ގާނޫނާ ހިލާފަށް ފުލުހުންގެ މައްޗަށް ކުރާ އަމުރަށް ފުލުހުން ކިޔަމަންވާން ނުޖެހޭނެ ކަމަށެވެ.
ކްރިމިނަލް ކޯޓުގެ އިސް ގާޒީ ހައްޔަރުކޮށްފައި ވަނީ ގާނޫނު އަސީސީއާ ހިލާފަށް ކަމަށާއި އޭނާ ވަގުތުން ދޫކޮށްލުމަށް ސުޕްރީމް ކޯޓުންނާއި ހައި ކޯޓުންނާއި ޖިނާއީ ކޯޓުން ވަނީ ސަލާމަތީ ބާރުތަކުގެ މައްޗަށް އަމުރުކޮށްފަ އެވެ. ނަމަވެސް ދައުލަތުގެ އެންމެ މަތީ ސުޕްރީމް އޮތޯރިޓީ އިން ސަލާމަތީ ބާރުތަކުގެ މައްޗަށާއި ސަރުކާރަށް ކުރި އަމުރަށް އެ ފަރާތްތަކުން ބޮލެއް ނުލަނބަ އެވެ.
ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު އަސްކަރީ ބަންދުން ދޫކޮށްލުމަށް ނޫނީ ދައުވާ ކުރުމަށް އދ. އިން ވެސް ވަނީ ސަރުކާރަށް ގޮވާލައިފަ އެވެ. އަދި އޭނާ ދޫކޮށްލުމަށް އިންޓަނޭޝަނަލް ކޮމިޝަން އޮފް ޖޫރިސްޓްސް އިން ވެސް ވަނީ ސަރުކާރަށް ގޮވާލައިފަ އެވެ.