ޝަރުއީ ނިޒާމް އިސްލާހް ކުރުމަށް ގޮވާލުމަށް ރާއްޖޭގެ އެކި ސަރަހައްދުން ތަކުން މީހުން މާލެ ގެނެސްގެން އެމްޑީޕީން ބާއްވާ ބޮޑު އެއްވުން މި މަހުގެ 17 ވަނަ ދުވަހު ބާއްވަން އެމްޑީޕީން އިއުލާން ކޮށްފި އެވެ.

އެމްޑީޕީ އޮފީހުގައި ޕާޓީގެ ނައިބު ރައީސް އަލްހާނު ފަހުމީ ވިދާޅުވީ ރާއްޖެތެރޭގެ އެކި ރަށްތަކު މީހުން މާލެ ގެނެސްގެން ބާއްވާ މި އެއްވުމަކީ ޝަރުއީ ނިޒާމް އިސްލާހު ކުރަން ސަރުކާރާއި އެމްޑީޕީން ކުރަމުންދާ މަސައްކަތަށް ރައްޔިތުންގެ ތާއީދު އޮތްކަން އަންގަން ބާއްވާ އެއްވުމެއް ކަމަށެވެ.

"މި މުޒާހަރާ ބާއްވަނީ އެމްޑީޕީއާއި ސަރުކާރުން އަދުލު އިންސާފް ގާއިމުކުރުމުގެ ނިޒާމުގެ އެތެރޭގެ ހުރި މައްސަލަތައް ހައްލުކޮށް ޖުޑީޝަރީ ރިފޯމް ކުރުމަށް. އަދި ޕާޓީން މިކުރާ މަަސައްކަތަށް ދިވެހި ރައްޔިތުންގެ ތައީދު، އަދި އެމްޑީޕީގެ ތައީދު އޮތް މިންވަރު އިދިކޮޅު ފަރާތްތަކަށާއި އަދި ޖުޑިޝަރީގައި އެންމެހާ ފަރާތްތަކަށް ހާމަ ކުރެއްވުމުގެ ބޭނުމުގައި" އަލްހާނު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެމްޑީޕީން މަގު މައްޗަށް ނުކުންނަން ޖެހުނީ ޝަރުއީ ނިޒާމް އިސްލާހު ކުރުމަށް ސަރުކާރާއި އެމްޑީޕީން ކުރާ މަސައްކަތްތަކާއި ދެކޮޅަށް އިދިކޮޅު ޕާޓީ ތަކުން ނުކުމް "ބަޣާވާތް" ކުރަން މަސައްކަތް ކުރަން ފެށުމުން ކަމަށެވެ.

އަލްހާނު ވިދާޅުވީ އެމްޑީޕީން ޝަރުއީ ނިޒާމް އިސްލާހު ކުރުމަށްކުރާ މަސައްކަތްތަކަށް ރާއްޖޭގެ ރައްޔިތުންގެ ތައީދު އޮތްކަން ބޮޑު އެއްވުމުން އެނގޭނެ ކަމަށެވެ.

"އަޅުގަނޑުމެނަށް ވަރަށް ޔަގީން، ވަރަށް ސާފް އަޅުގަނޑުމެން މި ކުރާ މަސައްކަތަށް ރައްޔިތުންގެ ތާއީދު އޮތްކަން. އެހެންވީމަ 17 ފެބްރުއަރީވާ ދުވަހަކީ އެއީ އަޅުގަނޑުމެން އެ މަންޒަރު ހުރިހާ ސިޔާސީ ފަރާތްތަކަށާއި ޖުޑީޝަރީގައި ތިއްބެވި އެންމެހާ ބޭފުޅުންނަށް ފޮޓޯ އަކުން ދައްކާނެ ދުވަހެއް"

އެމްޑީޕީ ޕާލަމެންޓްރީ ގުރޫޕްގެ ބާރަށު ދާއިރާގެ މެންބަރު މުހައްމަދު ޝިފާޒް ވިދާޅުވީ އެމްޑީޕީން ޝަރުއީ ދާއިރާ ހަމަ އަކަށް އެޅުވުމަށް ކުރާ މަސައްކަތް ހުއްޓާ ނުލާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ މެނިފެސްޓޯގައި އޮންނާނެ ބަޔާންކޮށްފައި އަދުލް އިންސާފް ގާއިމު ކުރުމުގެ ރިވެތި ނިޒާމެއް އަޅުގަނޑުމެން ގެނެސްދޭނަމޭ. އެއީ އަޅުގަނޑުމެން ކުރަންޖެހޭނެ ކަމެއް. އެކަން ކުރަން އަޅުގަނޑުމެން މި ފަހަރު މިއައީ. އެހެންވީމަ އަޅުގަނޑުމެން މިފަހަރު ފަހަތަށް ޖެހޭނެ ކަމަށް އެއްވެސް މީހަކު ގަބޫލުކޮށްގެން ނުވާނެ. ކިތަންމެ ފިއްތުން ތަކެއް މީގެ ކުރިން ކުރިމަތިވި ނަމަވެސް ކުރިއަށް އޮތްތާގައި ކުރާނަން" ޝިފާޒް ވިދާޅުވި އެވެ.