20 Feb 2021, 21:43
ފަހި ދިރިއުޅުން ކޯޕަރޭޝަނުން ހިންގަން ރާވާފައިވާ 2،000 ހައުސިިން ޔުނިޓު އެޅުމުގެ މަޝްރޫއުއަށް ބޭނުންވާ ލޯނު ދިނުމާ ގުޅޭ އެއްބަސްވުމުގައި އިންޑިއާގެ އެގްޒިމް ބޭންކާއެކު ސޮއިކޮށްފި އެވެ.
އެ މަޝްރޫއު ކުރިއަށްގެންދިއުމަށް ދިވެހި ސަރުކާރުން ސޮވެރިން ގެރެންޓީ ދީގެން ނަގަނީ 130 މިލިއަން ޑޮލަރުގެ ލޯނެކެވެ.
މި އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަހްމަންޔަން ޖައިޝަންކަރު ރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތުގަ އެވެ.
މި މަޝްރޫއުގެ އަމަލީ މަސައްކަތް ކުރިއަށްގެންދަނީ އިންޑިއާ ސަރުކާރުގެ ނެޝަނަލް ބިލްޑިންގްސް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެންބީސީސީ)އާ ހަވާލުކޮށްގެންނެވެ.
ފަހިދިރިއުޅުން ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ސަލްފިއްޔާ އަންވަރު "ސަން"އަށް ވިދާޅުވީ، އެކަމާ ގުޅޭ ލެޓާ އޮފް އިންޓެންޓުގައި ދެ ފަރާތުން ސޮއިކޮށްފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ މިއީ ގިނަ އަދަދެއްގެ އާންމުން އުންމީދު ކުރަމުން އައި ކަމެއް ކަމަށާއި މިފަހަރު އެކަން ކާމިޔާބު ކުރެވޭނެ ކަމަށެވެ.
"ލޯނުގެ ކަންތައްތައް މިހާރު މި ކުރިއަށްދަނީ. ރަނގަޅަށް ހުރިހާ ކަމެއް ގޮސްފިނަމަ މެއި މަހުގައި އަމަލީ މަސައްކަތް ފެށޭނެ." ސަލްފިއްޔާ ވިދާޅުވި އެވެ.
އެ ލޯނަކީ ކިހާ ދުވަހަކުން އަނބުރާ ދައްކާ ގޮތަށް ނެގި ލޯނެއްް ކަމެއް އަދި އިންޓަރެސްޓް ރޭޓަކީ ކޮބައި ކަމެއް ދެ ސަރުކާރަކުން ވެސް ނުބުނެ އެވެ.