01 Feb 2012, 15:43
ކްރިމިނަލް ކޯޓްގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާއި ހިލާފަށް ސިފައިން ހައްޔަރުކުރި މައްސަލަ ބައިނަލް އަގުވާމީ ދުނިޔެ ވަރަށް ކައިރިން ބަލަމުންގެންދާ ކަމަށް ޕީޕީއެމްގެ ސްޕޯކްސް ޕާސަން ދުންޔާ މައުމޫން މިއަދު ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ދުންޔާ ވިދާޅުވީ އަބްދުﷲ ގާޒީގެ ސަރުކާރުން ބަންދުކުރި މައްސަލަ ބޭރުގެ ގައުމުތަކުން ވަރަށް ގާތުން ބަލަމުން ގެންދާ ކަމަށާއި އޭގެ ތެރޭގައި އދ ގެ ޖަމިއްޔާތަކާއި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތައް ހިމެނޭ ކަމަށެވެ. އަދި ވިދާޅުވީ އިތުރުން ބައެއް ގައުމުތަކުން ބަޔާންތައް ނެރެ ސަރުކާރުގެ އެ އަމަލު ކުށްވެރިކުރުމުގެ އިތުރުން ބޭރުގެ ބައެއް މީޑިޔާތަކުން އެމައްސަލަ ރިޕޯޓްކުރަމުން އަންނަ ކަމަށެވެ.
"އައިއެފްޖޭ އާއި ޔޫރަޕިއަން ޔޫނިއަނުންނާއި ކެނެޑާ ސަރުކާރުންނާއި އަދި ޔޫއެންގެ ހައިކޮމިޝަނަރު ފޯ ހިއުމަން ރައިޓްސުން ވެސް ވަނީ ބަޔާންތައް ނެރެފައި. އަޅުގަނޑު އުފާކުރަން ރާއްޖޭގެ ކަންތައް އެފަރާތްތަކުން ބަލައި އެކަން ކުށްވެރިކުރަމުން ގެންދާތީ. މީގެ އިތުރަށް ވެސް އަޅުގަނޑުމެންނަށް ހެޔޮއެދޭ ގައުމުތަކަށް ގޮވާލަން ރާއްޖޭގެ މި ސިޓުއޭޝަން އިތުރަށް ގޯސްވިޔަނުދީ މިމައްސަލަ ހަމައަކަށް އެޅުވުމަށް އެބޭފުޅުންނަށް ވެސް ކުރެވެން އޮތްމަސައްކަތްތަކެއް ކުރެއްވުމަށް،" ދުންޔާ ވިދާޅުވި އެވެ.
ދުންޔާ ވިދާޅުވީ ރާއްޖެއަށް ވަޑައިގެން އުޅުއްވާ ބޭރުގެ ބައެއް ޑިޕޮލޮމެޓިކް ފަރާތްތަކުން މިހާރު ކުރިމަތިވެފައިވާ މައްސަލަތަކާއި ގުޅިގެން ސަރުކާރާއި އިދިކޮޅު ފަރާތްތަކާއިއެކު ވެސް ބައްދަލުވުން ތައް ބާއްވަމުން ގެންދަވާ ކަމަށާއި އެ ބައްދަލުވުމާއި ގުޅޭ މައުލޫމާތުތައް މީޑިޔާއަށް އަދި ހާމަކުރެވެން ނެތްކަމަށެވެ.