01 Feb 2012, 15:31
އައްޑޫ ދަރުބާރުގެ، އީކްއެޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) ހިމެނޭ ސަރަހައްދުގައި ސިޓީ ހޮޓަލެއް ބިނާކޮށް އީސީސީ ހިންގުމަށް ކުރި މަތިލުމުގެ މުއްދަތު ދެވަނަ ފަހަރަށް ސިޓީ ކައުންސިލުން އިތުރުކޮށްދީފި އެވެ.
ސާކް ސަމިޓަށް ބިނާ ކުރި ދަރުބާރުގެ މިދިޔަ ނޮވެމްބަރު މަހު ބައިނަލްއަގުވާމީ ބީލަމަށް ހުޅުވާލިއިރު ބިޑް ހުށަހެޅުމަށް އެންމެ ފަހުގެ ތާރީހަކަށް އޮތީ ޖެނުއަރީ 18 އެވެ. ނަމަވެސް އައްޑޫ ސިޓީ ކައުންސިލުން އާންމު ކުރި އިއުލާނެއްގައި ބުނަނީ އީސީސީ ހިންގަން ޝައުގިވެރިވާ ފަރާތްތަކަށް ބިޑް ފޮތް ދޫކުރުން މި މަހުގެ 13 އާއި ހަމައަށް ކުރިއަށްދާނެ ކަމަށާއި ބިޑްތައް ހުށަހަޅައި ހުޅުވުން އޮންނާނީ 14 ވަނަ ދުވަހު ކަމަށެވެ.
ސިޓީ ކައުންސިލްގެ އޮފިޝަލަކު ވިދާޅުވީ މުއްދަތު އިތުރުކުރީ ޝައުގުވެރިވާ ގިނަ ފަރާތްތަކެއް ތިބެ އެ ފަރާތްތަކުން އިތުރު ވަގުތު ބޭނުންވާކަމަށް އެމީހުން ބުނާތީ ކަމަށެވެ.
"އެމީހުން ބުނަނީ މުއްދަތު ތަންކޮޅެއް ކުރުކަމަށް. އެހެންވެ އެމީހުންނަށް ވަގުތު ދޭންވެގެން އެގޮތަށް ހެދީ." އޮފިޝަލް ވިދާޅުވި އެވެ.
ސިޓީ ކައުންސިލުން އިއުލާންކޮށްފައިވަނީ އީސީސީ ހިމެނޭ 67 ހެކްޓަރުގެ ބިމުގެ ސަރަހައްދުގައި 100 އެދުގެ ސިޓީ ހޮޓަލެއް އަޅައި އެ ސަރަހައްދު ތަރައްގީކޮށް ހިންގުމަށެވެ.
ސަތޭކަ ފަންސާސް މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކުރި ދަރުބާރުގެ ހިންގުމަށް މިހާތަނަށް ފަސް ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށް މައުލޫމާތުވަނީ ސާފުކޮށްފަ އެވެ. ނަމަވެސް ބިޑްފޮތް ގަނެފައިވަނީ ތިން ފަރާތަކުން ކަމަށް ސިޓީ ކައުންސިލުން ބުނެ އެވެ.
ސިޓީ ކައުންސިލުން ބީލަން ފޮތް ވިއްކަނީ ދިވެހިންނަށް 2000ރ. އަށް އަދި ބިދޭސީ ފަރާތަކަށް 300 ޑޮލަރަށެވެ.