ކޮވިޑް ޖެހިގެން ފަރުވާ ހޯދަމުން ދިޔަ ކުރީގެ ފިލްމީ ތަރި، ކޮއްޔަ ހަސަން މަނިކު މަރުވެއްޖެ އެވެ.

ކޮއްޔަ ހަސަން މަރުވީ ދަރުމަވަންތަ ހޮސްޕިޓަލުގެ ޑީއެޗް 11 ގައި ފަރުވާ ހޯދަމުން ދަނިކޮށް މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ.

ކޮއްޔަ ހަސަން މަނިކަކީ ފިލްމީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެއް މަސައްކަތްކޮށްފައިވާ ފަންނާނެކެވެ. 1989 ވަނަ އަހަރު ފިލްމީ ދާއިރާއަށް ނުކުމެ ގިނަ އަދަދެއްގެ ޓީވީ ޑްރާމާ ސިލްސިލާ ތަކާއި ފިލްމުތައް ކުޅެފައިވެ އެވެ.

އޭނާގެ ފާހަގަކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި ލޯބިވެވިދާނެ، އަޖައިބު، ހުރަސް، ދެރިޔާ، ކަރުނަވީ ބޭވަފާ، ވާ ލޯބި އެނގޭ ނަމަ އަދި މާފެއްނެތް ފަދަ ފިލްމުތައް ހިމެނެ އެވެ. އަދި ޑްރާމާ ސިލްސިލާ ހިނިތުންވެލާށޭ ކަލާ އަކީ ވެސް ކޮއްޔަގެ ފާހަގަކޮށްލެވޭ މަސައްކަތެކެވެ.

ކޮއްޔަ ވަނީ 'ފުރުސަތު'ގެ ނަމުގައި އަމިއްލަ ޑްރާމާއެއް އުފައްދައި އެ ޑްރާމާގައި ވެސް ފެނިގެން ގޮސްފަ އެވެ.

މިއީ ރާއްޖޭގައި މި ބަލި ޖެހިގެން މަރުވި 60 ވަނަ މީހާ އެވެ. އަދި 24 ގަޑިއިރުގެ ތެރޭގައި ކޮވިޑުގައި މަރުވި ދެވަނަ މީހާ އެވެ.

ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާފައި ފަރުވާހޯދަމުން ދިޔަ 63 އަހަރުގެ ދިވެހި އަންހެނަކު ވެސް ރޭ ވަނީ މަރުވެފަ އެވެ. ރޭ މަރުވީ ރ. މަޑުއްވަރީއަށް ނިސްބަތްވާ މީހެކެވެ.

ރާއްޖޭގައި ކޮވިޑު ޖެހުނު މީހުންގެ ޖުމްލަ 18،467 އަށް އަރާފައިވާ އިރު މިވަގުތު 2،446 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ. އޭގެ ތެރެއިން 159 މީހުން ތިބީ ހޮސްޕިޓަލުގަ އެވެ. ބަލީގައި މަރުވި މީހުންގެ ޖުމްލަ 60 އަށް އަރާފައިވާ އިރު 15،965 މީހުން ވަނީ ބަލިން ރަނގަޅުވެފަ އެވެ.