ފުވައްމުލައް ސިޓީގައި ކޮވިޑާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް އިތުރު ހަފްތާއަކަށް ދަންމާލައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ އެކަން ސަން އަށް ކަށަވަރުކޮށްދީފަ އެވެ.

ކޮވިޑް19 ފެތުރުން ކޮންޓްރޯލުކުރުމަށް އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ރޭގަނޑު 8:30 އިން ފަތިހު 4:00 އަށް ފުވައްމުލަކު ސިޓީގައި އުޅަނދުފަހަރު ދުއްވުމާއި ބޭރަށް ނުކުމެ އުޅުން މަނާކޮށްފައިވެ އެވެ.

އެގޮތުން އެއްގަމު އުޅަނދު ދުއްވުމާއި ބޭރަށް ނިކުމެ އުޅުން ވަކި ވަގުތަކަށް މަނާކުރުމުގެ އިތުުރުން އެ ސިޓީގައި ހަފްލާތަކާއި އެއްވުންތައް ބޭއްވުން ވަނީ މަނާކޮށްފަ އެވެ.

އޭގެ އިތުރުން ފުވައްމުލައް ސިޓީގެ އެއް އަވަށުން އަނެއް އަވަށަށް ދަތުރުކުރުން ހުއްޓައިލުމާއި، އެއް ގެއިން އަނެއް ގެއަށް ޒިޔާރަތްކުރުން ހުއްޓައިލުމުގެ އިތުރުން އެއްފަހަރާ ތިން މީހުންނަށްވުރެ ގިނައިން އާންމު ތަންތަނަށާއި މަގުމައްޗަށް އެއްވެ އުޅުން ހުއްޓައިލަން ވަނީ އަންގައިފަ އެވެ.

އެ ސިޓީގެ ސެލޫންތަކާއި، ޖިމް، ބޯކޮށާ ތަންތަން ބަންދުކުރުމުގެ އިތުރުން ކުޅިވަރުގެ ހުރިހާ ހަރަކާތްތަކާއި، ކަސްރަތުގެ ހަރަކާތްތައް ހިންގުން ހުއްޓައިލުމަށާއި ޔުނިވާސިޓީތަކާއި، ކޮލެޖްތަކާއި، ސްކޫލުތަކަށް ދަރިވަރުން ހާޒިރުވެގެން ކުލާސްތައް ކުރިޔަށް ގެންދިޔުން ހުއްޓައިލަން ވަނީ ނިންމައިފަ އެވެ.

ފުވައްމުލަކުގައި ޕަބްލިކް ޓްރާންސްޕޯޓުގެ ހިދުމަތް ދޭ ފަރާތްތަކުންނާއި ޓެކްސީގެ ހިދުމަތް ދޭ ފަރާތްތަކުން، އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ހިދުމަތް ދިނުމަށާއި ފިހާރަތަކާއި ބޭންކުތައް ފަދަ އާންމު ހިދުމަތްދޭ ތަންތަނުގައި ހިދުމަތް ދޭއިރު ގައިޑްލައިނާ އެއްގޮތަށް ގައިދުރުމިން ބެހެއްޓުމާއި، ތަނަށް ވަދެވޭ އަދަދު ކަނޑައަޅައިގެން ހިދުމަތް ދޭން ވަނީ އަންގައިފަ އެވެ.

މީގެ އިތުރުން ހޮޓާތަކާއި، ކެފޭތަކާއި، ރެސްޓޯރަންޓްތަކުން ދެމުންގެންދާ ހިދުމަތްތައް ހުއްޓައިލަންވެސް ވަނީ އަންގައިފަ އެވެ. ނަމަވެސް ޑެލިވަރީގެ ހިދުމަތް ދެވޭނެ އެވެ.

ފުވައްމުލަކުގައި ކާފިއު ހިންގައި އެއްގަމު އުޅަނދު ދުއްވުން ވަކި ވަގުތަކަށް މަނާކުރިއިރު، މާލެ އާއި އައްޑޫ ސިޓީ ހިމެނޭހެން ރާއްޖޭގެ އެންމެ ބޮޑު ތިން ސިޓީގައި ވަނީ ކޮވިޑު19 ފެތުރުން ކޮންޓްރޯލު ކުރުމަށް ހަރުކަށި ފިޔަވަޅު އަޅައިފަ އެވެ.

ފުމައްމުލަކުގައި ކޮވިޑު ފެތުރޭކަން އެނގުނީ މި މަހުގެ ހަތްވަނަ ދުވަހު އެރަށުން ނެގި ރެންޑަމް ސާމްޕަލެއް ޕޮޒިޓިވް ވުމުންނެވެ. އޭނާ އާއި ގުޅުންހުރި އިތުރު ބަޔަކު ޓެސްޓުކުރި އިރު އޭގެ ތެރެއިން އިތުރު އަށް މީހަކު ޕޮޒިޓިވް ވެފައިވާއިރު އެ ސިޓީގައި މިހާތަނަށް ނުވަ މީހަކު ވަނީ ބައްޔަށް ޕޮޒިޓިވް ވެފަ އެވެ.