ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ލ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި މިއަދު ވެރިރަށް ފޮނަދުއަށް ވަޑައިގަތުމުން އެމަނިކުފާނާ ދެކޮޅަށް ރަށުގެ އާއްމުން ނުކުމެ މުޒާހަރާ ކޮށްފި އެވެ. އެމީހުން މުޒާހަރާ ކުރީ ކްރިމިނަލް ކޯޓްގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނީ ރައްކާތެރިކަމުން މަހުރޫމްކޮށް ނިޒާމުން ގެއްލުވާލުވާފައިވާތީ އެކަމާ ދެކޮޅު ހެދުމުގެ ގޮތުންނެވެ.

ޕީޕީއެމްގެ ވަގުތީ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު، އަބްދުރަހީމް އަބްދުﷲ ނިސްބަތްވާ ރަށަށް ރައީސް ވަޑައިގެން ރަށު ކައުންސިލް އިދާރާއަށް ވަޑައިގަންނަވާ ހަބަރު ލިބުމާއެކު މިއަދު މެންދުރުން ފެށިގެން އަޑުގަދަ ކުރާ އާއި ޝުއޫރުތައް ލިޔެފައިވާ ޕޯސްޓަރުތައް ހިފައިގެން ނުކުމެ މުޒާހަރާ ފެށީ ކައުންސިލް އިދާރާ ކައިރީގަ އެވެ.

ސަން އޮންލައިނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު މެންދުރުފަހު ކައުންސިލް އިދާރާގައި ރަށު ކައުންސިލަރުންނާ ބައްދަލު ކުރެއްވުމަށް ރައީސް ނިންމާފައިވީނަމަވެސް، މުޒާހަރާއާ ގުޅިގެން އެ ބައްދަލުވުން ވަނީ ފަސްކޮށްފަ އެވެ.

ޑީއާރްޕީގެ މެޖޯރިޓީ އޮންނަ ފޮނަދޫ ކައުންސިލްގެ ރައީސް ހަސީބް އިބްރާހިމް ވިދާޅުވީ މުޒާހަރާގެ ބައިވެރިން އަޑު އުފުލީ އަބްދުﷲ ގާޒީ މިނިވަން ކުރުމަށާއި އޭނާއަށް ގާނޫނީ ރައްކާތެރިކަން ދިނުމަށް ކަމަށެވެ. ރައީސް ނަޝީދު ގާނޫނާ ހިލާފަށް އަމަލު ކުރައްވަމުންދާތީ އެ މަނިކުފާނުގެ އިސްތިއުފާއަށް ގޮވި ކަމަށް ވެސް ހަސީބު ވިދާޅުވި އެވެ.

ފޮނަދޫ ކައުންސިލް އިދާރާގެ ކުރިމަތީގައި ސަރުކާރާ ދެކޮޅަށް އަޑު އުފުލިއިރު ސަރުކާރަށް ތާއީދު ކުރާ ބަޔަކުވެސް އެ ސަރަހައްދަށް ޖަމާވި އެވެ. އަދި ދެ ބައި މީހުންގެ މެދުގައި ބަހުގެ ހޫނު ހަމަލާތަކެއް ރައްދު ކުރި އެވެ. ދެބައިމީހުންގެ ދެމެދު ހަމަނުޖެހުމެއް ހިނގައިފާނެތީ މުޒާހަރާ ކުރި އިރު ފުލުހުން ވެސް ހަރަކާތްތެރިވި އެވެ.