09 Jul 2010, 10:26
14:30
ޣައިރު ޤާނޫނީ އަމަލުތަކެއް ސަރުކާރުން ހިންގަމުންދާ ކަމަށް ބުނެ އެ ކަމާ ދެކޮޅަށް އަޑުއުފުލުމަށް އެއްވުމެއް ބޭއްވުމަށް ޑީއާރްޕީގެ ކައުންސިލުން ނިންމައިފި އެވެ.
ޑީއާރްޕީގެ މީޑިއާ ކޯޑިނޭޓަރ އަލީ ސޯލިހު ވިދާޅުވީ، މިހާރު ހިނގަމުންދާ ސިޔާސީ ކަންތައްތަކާ ގުޅޭ ގޮތުން ޑީއާރްޕީގެ އަޑު ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ މަގުސަދުގައި މާލޭގައި މާދަމާ ރޭ އެއްވުމެއް ބޭއްވުމަށް ޑީއާރްޕީ ކައުންސިލުގެ ހުރިހާ މެމްބަރުންގެ އިއްތިފާގުން ރޭ ނިންމައިފާވާ ކަމަށާއި، އަތޮޅުތަކުގެ ޑީއާރްޕީގެ ގޮފިތަކުންވެސް ސަރުކާރުގެ އަމަލުތަކާމެދު ހިތްހަމަނުޖެހުން ފާޅުކޮށް، އަޑުގަދަކުރުމަށް މުޒާހަރާ އާއި އެއްވުންތައް ބޭއްވުމަށް ރާވަމުން އަންނަ ކަމަށެވެ. އެގޮތުން ފުވައްމުލަކާއި އައްޑޮ އަތޮޅުގެ އިތުރުން ބައެއް ރަށްތަކުގައި މުޒާހަރާތައް ކުރިއަށްދާނެ ކަމަށް ސޯލިހު ވިދާޅުވި އެވެ.
ފުވައްމަލުކުގައި މިއަދު ހަވީރު ބޭއްވުމަށް ހަމަޖެހިފައިވާ ޑީއާރްޕީގެ އެއްވުމާ ގުޅޭ ގޮތުން އެރަށުގައި ހުންނަވައިގެން މައުލޫމާތު ދެއްވަމުން ޑީއާރްޕީގެ ޒުވާނުންގެ ގޮފީގެ ރައީސް އަދި މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފް ވިދާޅުވީ، ގޭބަންދުގައިވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މިނިވަންކުރުމަށާއި ސަރުކާރުން ހިންގަމުންދާ ޣައިރު ޤާނޫނީ އަމަލުތައް ހުއްޓުވުމަށް ގޮވާލާ އެ އެއްވުމުގައި ރައްޔިތުން އަޑުއުފުލާނެ ކަމަށެވެ.