އިދިކޮޅު ޕީޕީއެމް، ޕީއެންސީން ދެން މާލޭގައި މުޒާހަރާ ކުރާނަމަ ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުނެފި އެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް ސުޕަރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވީ އިދިކޮޅުން މިހާރު ބާއްވަމުންދާ އެއްވުންތަކަކީ އެޗްޕީއޭގެ ގައިޑްލައިންތަކާ ހިލާފު އަދި ގާނޫނީ ގޮތުން ވެސް މަނާ ކަމެއް ކަމަށެވެ.

"މި އެއްވުންތައް ބޭއްވެމުން މިދަނީ ހަމައެކަނި އެޗްޕީއޭގެ ގައިޑްލައިންތަކާ ހިލާފަށް ނޫން، ގާނޫނީ ގޮތުން ވެސް މިވަގުތަށް މަނާ ކަމެއް ކަން ފާހަގަކުރަން. ގާނޫނު ނަންބަރު 20/2016 އަދި ގާނޫނު ނަންބަރު 1/2013، ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ގާނޫނަށް ގެނެވުނު އެއްވަނަ އިސްލާހުގެ 24ވަނަ މާއްދާގެ ޅ. އަށް ބަލާއިރުވެސް ފުލުހުން ދޭ ހުއްދައަކާއެކު މެނުވީ މާލެ ސަރަހައްދުގައި ސުލްހަވެރިކަމާއެކު އެއްވެ އުޅުމަކީ މަނާކަމެއް." ޝަރީފް ވިދާޅުވި އެވެ.

އެއްވުންތަކާއި މުޒާހަރާތައް މި ދުވަސްވަރު ނުބޭއްވުމަށް އިދިކޮޅު ޕާޓީތަކުގެ ވެރިން ފުލުސް އޮފީހަށް ތަކުރާރުކޮށް ހާޒިރުކޮށްގެން ދެންނެވުމުން ވެސް އެކަން ހުއްޓާފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކުރިއަށް އޮތް ތާނގައި މާލޭ މަގުމަތީގައި މިފަދަ އެއްވުންތައް ބާއްވަމުންދާނަމަ، އެ އަމަލީ ގާނޫނު ނަންބަރު 9/2014، ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 533 ވަނަ މާއްދާގައި ބަޔާންކުރާ ގާނޫނީ ހިންގުމަށް ހުރަސް އެޅުން ނުވަތަ ދައުލަތުގެ އެހެން މަސައްކަތްތަކަށް ހުރަސް އެޅުން ކަމަށް ބެލެވޭ ފަދަ އަމަލަކަށް ވާތީ ގާނޫނީ ގޮތުން ފުލުހުން އަޅަން ޖެހޭ ފިޔަވަޅުތައް ވަގުތުން އަޅަމުންދާނަން." ޝަރީފް ވިދާޅުވި އެވެ.

ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފް މިރޭ މީޑިއާއަށް މައުލޫމާތު ދެއްވަނީ

އެފަދަ އެއްވުންތައް ހުއްޓުވުމަށްޓަކައި ބާރުގެ ބޭނުން ކުރަން ޖެހިއްޖެނަމަ ފުލުހުން އެކަން ކުރާނެ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.

އެއްވުންތަކުގައި ބައިވެރިވުމަކީ މި ހާލަތުގައި މަނާކަމެއް ކަމާއި ސިއްހީ ގޮތުން މި ދުވަސްވަރު ރައްކާތެރިކަމެއް ނޫންކަން ފާހަގަކުރައްވައި ޝަރީފް ވަނީ އެފަދަ އެއްވުންތަކުގައި ބައިވެރިވާ ފަރާތްތަކަށް އެކަން ނުކުރުމަށް އިލްތިމާސް ކުރައްވާފަ އެވެ.

"އެއްވުންތަކުގެ ބައިވެރިންނަށް ދަންނަވާލަން އޮތީ، މިއި ގާނޫނީ ގޮތުންނާއި އެޗްޕީއޭގެ ގައިޑްލައިންތަކާ ހިލާފަށް ހިންގާ ހަރަކާތްތަކަކަށް ވާތީ، ބައިވެރިންވެސް މިކަންކަމުގައި ބައިވެރި ނުވުމަށް،" ޝަރީފް ވިދާޅުވި އެވެ.

"މިފަދަ އެއްވުންތަކުގައި ހަރަކާތްތެރިވާ މީހުންގެ ތެރެއިން އެއްގޮތަކަށް ވެސް ނޭނގޭނެ ކޮވިޑު ބަލި ޖެހިފައި ހުރީ ކޮން ފަރާތަކަށް ކަމެއް. ކޮންމެ އާއިލާއެއްގައި ވެސް ކުޑަކުދިންނާއި މުސްކުޅިންނާއި އަދި އަމިއްލަ ފަރުދު ވެސް ހިމެނޭ ގޮތަށް މި ބަލިން ރައްކާތެރިވުމަށްޓަކައި މިފަދަ ކަންކަން ނުކުރަން އިލްތިމާސް ކުރަން."