01 Feb 2012, 14:43
އިދިކޮޅު ފަރާތްތަކާ ބައްދަލު ކުރައްވާ ނައިބު ރައީސް ޑރ. މުހައްމަދު ވަހީދު ހަސަންމަނިކު ދައްކަވާ އެއްވެސް ވާހަފުޅަކުން އެމްޑީޕީގެ މަސައްކަތަށް އެއްވެސް ހުރަހެއް ނެތް ކަމަށް އެމްޑީޕީ ޕާލަމެންޓްރީ ގުރޫޕްގެ ނައިބު ލީޑަރު ދިއްދޫ ދާއިރާގެ މެންބަރު އަހުމަދު ސަމީރު ވިދާޅުވެއްޖެ އެވެ.
އޭނާ މިއަދު ވިދާޅުވީ ޝަރުއީ ނިޒާމް ހަމަ މަގަށް އަޅުވަން އެމްޑީޕީ ކުރާ އެއްވެސް މަސައްކަތަށް ނައިބު ރައީސްގެ ވާހަކަފުޅުތަކުން އަސަރު ނުކުރާނެ ކަމަށެވެ.
އެމްޑީޕީ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަމީރު ވިދާޅުވީ ކްރިމިނަލް ކޯޓްގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާޒީ ހައްޔަރުކޮށްގެން އުޅެނީ ގާނޫނާއި ހިލާފަށް ކަމަށް ރައީސުލް ޖުމްހޫރިއްޔާގެ ނައިބު ވިދާޅުވާއިރު އިސް ގާޒީ ހައްުޔަރުން ވީއްލަން ޖެހެނީ ގާނޫނޫގެ ކޮން ހުދޫދެއްދެ ތެރެއިންކަންވެސް ވިދާޅުވެ ދެއްވަން ޖެހޭނެ ކަމަށެވެ.
"މިއަދު ނައިބު ރައީސް އަޅުގަނޑުމެން މިކުރާ މަސައްކަތަށް ހުރަސް އަޅުއްވައި އެ ބޭފުޅާ [އަބްދުﷲ ގާޒީ] ދޫކޮށްލަން ވިދާޅުވާއިރު ރައީސުލް ޖުމްހޫރިއްޔާގެ ނައިބު ވިދާޅުވެދެއްވަން ޖެހޭނެ ގާނޫނުގެ ކޮން ހުދޫދެއްގެ ތެރެއިން ކަން ދޫކޮށްލަން ޖެެހެނީ،" ސަމީރު ވިދާޅުވި އެވެ.
އެމްޑީޕީގެ ނައިބު ރައީސް އަދި ރައްޔިތުން މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު އަލްހާނު ފަހުމީ މއިދު ވިދާޅުވީ ނައިބު ރައީސް ވިދާޅުވާ ވާހަކަފަޅަކުން އެމްޑީޕީން ފަށާފައިވާ މަސައްކަތްތަކަށް އެއްވެސް ބަދަލެއް ނުގެންނާނެ ކަމަށެވެ.
"މަގުމަތީގައި އިދިކޮޅު ސިޔާސީ ފަރާތްތަކުން ހިންގަން އުޅޭ ބަޣާވާތެއްގައި ނައިބު ރައީސް ބައިވެރިވެ ވަޑައިގަންނަވަން އުޅޭ މަންޒަރު ބަޔަކު ދައްކަން މަސައްކަތް ކުރާއިރު އެކަމުން ރައްކާތެރިވެ ހުންނެވުމަކީ އަޅުގަނޑުމެން ޕާޓީގެ ފަރާތުން ކުރާ އިލްތިމާސެއް،" އަލްހާނު ވިދާޅުވި އެވެ.
ރ. އުނގުލަށް އުފަން އަބްދުﷲ ގާޒީ ހައްޔަރު ކޮށްފައިވަނީ ގަނޫނާ ހިލާފަށް ކަމަށްބުނެ އޭނާ ދޫކޮލުމަށްގޮވާ އިދިކޮޅު ފަރާތްތަކުން ގެންދަނީ ސިލްސިލާ ގޮތެއްގައި މުޒާހަރާ ކުރަމުން ނެވެ. އަދި މިދިޔަ ހޯމަ ދުވަހުގެ ރޭ އިދިކޮޅު ފަރާތްތަކުން ވަނީ މުޒާހަރާގެ ތެރެއިން ނައިބު ރައީސާއި ބައްދަލުކޮށްފަ އެވެ. އެ ބައްދަލުވުމުގައި ނައިބު ރައީސް ވިދާޅުވެފައިވަނީ އަބްދުﷲ ގާޒީ ހައްޔަރު ކޮށްފައިވަނީ ގާނޫނާއި ހިލާފަށް ކަމަށެވެ.
އުއްތަމަ ފަނޑިާރުގެ އިތުރުން ހައިކޯޓުން އަބްދުﷲ ގާޒީ ދޫކޮލުމަށް އަންގާފަ ވާއިރު އެޗްއާރުސީއެމް އިންވެސް ބުނެފައިވަނީ އަބްދުﷲ ގާޒީ ހައްޔަރުކޮށްފައި ބެހެއްޓުމުން މައްސަލަތައް ހައްލުނުވާނެ ކަމަށެވެ.
ސިފައިން ގިރިފުށީގައި ހިފަހައްޓާފައިވާ ގާޒީ، އަބްދުﷲގެ މައްސަލަތަކެއް ޖޭއެސްސީއަށް ހުށަހެޅިފައިވާއިރު އެނާ އާ މެދު ފިވަޅު އެޅުމަށްވެސް އެ ކޮމިޝަނުން ވަނީ ނިންމާފަ އެވެ.
ޝަރުއީ ނިޒާމުގައި އިސްލާހު ކުރުމަށް ސަރުކާރު ހިންގާ އެމްޑީޕީން އަޑު އުފުލަމުންދާއިރު އެޗްއާރުސީއެމް އިންވެސް ވަނީ ޝަރުއީ ނިޒާމްގައި މައްސަލަތަކެއް ހުރިކަމަށް ބުނެފަ އެވެ. އަދި ފަނޑިޔާރުންގެ މައްސަލަތަކެއް އެބަހުރި ކަމަށް ބުނެ ފަނޑިޔާރުން ތަކެއް އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒު ހުސެއިން އަށް ވަނީ ސީޓީއެއް ވެސް ފޮނުއްވާފަ އެވެ.