ފުލުހުންނަށް ހެކިބަސްދޭ މީހުންނަށް އިންޒާރުދީ ބިރުދެއްކި ކަމުގެ ތުހުމަތުގައި ޕީޕީއެމްގެ އެކްޓިވިސްޓަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން" އަށް ވިދާޅުވީ ޓީވީ ޗެނަލަކުން ގެނެސްދިން އިންޓަވިއުއެއްގައި ފުލުހުންނަށް ހެކިބަސް ދޭ މީހުންނަށް އިންޒާރުދީ ބިރުދެއްކި މައްސަލައެއްގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން މިރޭ 51 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް "ސަން" އަށް ވިދާޅުވީ، ޗެނަލް 13 އަށް ދިން އިންޓަވިއުއެއްގައި ދެއްކި ވާހަކަތަކަކާ ގުޅިގެން މިއަދު ހައްޔަރުކޮށްފައި ވަނީ "ސަމަދުބެ" ނަމަކަށް ކިޔާ އެ ޕާޓީގެ އެކްޓިވިސްޓެއް ކަމަށެވެ.

ޝިޔާމް ވިދާޅުވިގޮތުގައި "ސަމަދުބެ" ހައްޔަރުކުރީ މިއަދުގެ މުޒާހަރާގެ ތެރެއިންނެވެ.

ޕީޕީއެމް، ޕީއެންސީން މީގެކުރިން ކުރި މުޒާހަރާއަކުން ހައްޔަރުކޮށް ދޫކޮށްލުމުން ޗެނަލް 13 އަށް ދިން އިންޓަވިއުއެއްގައި "ސަމަދުބެ" ބުނެފައި ވަނީ އޭނާ ޖަލުގައި ބެހެއްޓީ މަކަރާއި ހީލަތުން ދޮގު ހެކިދީގެން ކަމަށާއި އޭނައާ ގުޅޭގޮތުން ދޮގު ބަޔާން ދިން ފުލުހުން އެނގޭ ކަމަށެވެ.

"ސަމަދުބެ" ބުނެފައި ވަނީ އެ ފުލުހުންނާ އިންސާފު އަރާ ހަމަކުރާ ދުވަސް އަންނާނެ ކަމަށާއި އެ ދުވަހަކުން އެ ފުލުހުން ޖަލުގެ ތޭރި ތަކުގެ ތެރެއަށް ވަންނަން ޖެހޭނެ ކަމަށެވެ.

އޭނާ އިންޒާރުދިން ކަމަށް ތުހުމަތު ކުރެވެނީ އެއަށްފަހު ދެން ދެއްކި ވާހަކައިގަ އެވެ.