19 Feb 2021, 19:06
ވޮޝިންޓަން (ފެބްރުއަރީ 19): ދުނިޔޭގެ މުއްސަނދި ގައުމުތަކުން ވަނީ އެގައުމުތަކަށް ބޭނުންވާ ވަރަށް ވުރެ އިތުރަށް ކޮވިޑް-19 ވެކްސިންގެ އެއް ބިލިއަން ޑޯޒް ގަނެފައި ކަމަށް އާ ދިރާސާއަކުން ދައްކައިފި އެވެ.
ފަގީރު ކަމާ ދެކޮޅަށް މަސައްކަތް ކުރާ ޖަމިއްޔާއެއް ކަމަށްވާ ވަން ކެމްޕެއިން އިން ހެދި ދިރާސާއެއްގައި ވަނީ އެކި ގައުމުތަކުން ކޮވިޑް ވެކްސިންތައް ހޯދުމަށް ހަދާފައިވާ އެއްބަސްވުންތައް އެނެލައިޒްކޮށްފަ އެވެ. އެގޮތުން ފައިޒާ-ބަޔޯއެންޓެކް އާއި މޮޑާނާ އާއި އޮކްސްފޯޑް-އެސްޓްރާޒެނެކާ އާއި ޖޯންސަން އެންޑް ޖޯންސަން އާއި ނޯވާވެކްސްގެ ވެކްސިންތައް ގަންނަން ހަދާފައިވާ އެއްބަސްވުންތައް އެ ޖަމިއްޔާއިން ހޯދާފައިވެ އެވެ.
ވަން ކެމްޕެއިން އިން ބުނި ގޮތުގައި އެ ދިރާސާއިން އެނގުނީ، އެމެރިކާ، އީޔޫ، އިނގިރޭސިވިލާތް، އޮސްޓްރޭލިއާ، ކެނެޑާ އަދި ޖަޕާނުން ތިން ބިލިއަން ޑޯޒްގެ ވެކްސިން ގަނެފައިވާ ކަމެވެ. ނަމަވެސް އެގައުމުތަކުގެ މުޅި އާބާދީއަށް ވެކްސިންގެ ދެ ޑޯޒް ޖަހަން ބޭނުން ވަނީ 2.06 ބިލިއަން ޑޯޒް ކަމެވެ.
ވަން ކެމްޕެއިން އިން ނެރުނު ރިޕޯޓުގައިވާ ގޮތުން މުއްސަނދި ގައުމުތަކުން ކޮވިޑް ވެކްސިން ބައްކުރާތީ ފަގީރު ގައުމުތަކަށް މި އަހަރު ތެރޭ ވެކްސިން ނުލިބުން އެކަށީގެންވެ އެވެ. އަދި އޭގެ ސަބަބުން ބަލިމަޑުކަން ނުހުއްޓި، ދިގު ލައިގެން ދިޔުމަށް މަގުފަހިވާނެ އެވެ.
"ދުނިޔޭގެ އެއްވެސް ތަނެއްގައި ވައިރަސް ފެތުރެމުންދާ ނަމަ، އާ ވޭރިއެންޓުތަކުގެ ނުރައްކާ އިތުރުވެ، ކޮވިޑާ ދެކޮޅަށް މަސައްކަތް ކުރާ ވެކްސިނާއި ފަރުވާއަށް ނުގުޑާ ސްޓްރެއިން އުފެދުން އެކަށީގެންވޭ،" ވަން ކެމްޕެއިންގެ ރިޕޯޓުގައިވެ އެވެ.
އެ ޖަމިއްޔާގެ އިތުރުން އދ.އިން ވެސް ވަނީ މުއްސަނދި ގައުމުތަކުން ވެކްސިން ބައްކުރާތީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެގޮތުން އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް ވިދާޅުވި ގޮތުގައި ދުނިޔޭގައި މިހާތަނަށް ޖަހާފައިވާ ކޮވިޑް ވެކްސިންގެ 75 ޕަސެންޓު ޑޯޒްތައް ޖަހާފައި ވަނީ މުއްސަނދި 10 ގައުމެއްގަ އެވެ. އަދި 130 ގައުމަކަށް ވެކްސިންގެ އެންމެ ޑޯޒްއެއްވެސް އަދި ލިބިފައި ނުވެ އެވެ.
ދުނިޔޭގެ އިގުތިސާދީ ގޮތުން އެންމެ ކުރިއަރާފައިވާ ގައުމުތައް ހިމެނޭ ޖީ7ގެ ބައެއް ލީޑަރުން މިހާރު ވަނީ އެގައުމުތަކުން އިތުރަށް ގަނެފައިވާ ވެކްސިންތައް ހަދިޔާ ކުރާނެ ކަމުގެ އިޝާރާތެއް ދެއްވާފަ އެވެ. އަދި އިނގިރޭސިވިލާތުން އިތުރުވާ ވެކްސިންތަކުގެ 80 ޕަސެންޓު ދޭނީ ކޮވެކްސް ޕްރޮގްރާމަށް ކަމަށް އެގައުމުގެ ޓައިމްސް ނޫހުން ވަނީ ރިޕޯޓުކޮށްފަ އެވެ.
މީގެ އިތުރުން އެމެރިކާއިން ކޮވެކްސްއަށް ހަތަރު ބިލިއަން ޑޮލަރު ހަދިޔާ ކުރާނެ ކަމަށް ރައީސް ޖޯ ބައިޑެންގެ ސަރުކާރުގެ އޮފިޝަލަކު ވަނީ ވިދާޅުވެފަ އެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނި ގޮތުގައި ފަގީރު ގައުމުތަކުގެ 20 ޕަސެންޓު މީހުންނަށް ވެކްސިން ޖެހޭ ވަރަށް ޑޯޒްތައް ފޯރުކޮށް ދިނުމަށް ކޮވެކްސްއަށް މިއަހަރު އެކަނިވެސް ފަސް ބިލިއަން ޑޮލަރު ބޭނުން ވާނެ އެވެ.