19 Feb 2021, 14:10
ރާއްޖޭގައި ކޮވިޑް ވެކްސިން ޖެހި ދުވަސްވީ މީހަކު މަރުވުމާ ގުޅިގެން، އެ މަރުގެ ސަބަބު ހޯދުމަށް ތަހުގީގު ފަށާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
މިއަދު ހެނދުނު މަރުވީ ގދ. ގައްދޫ އަށް ނިސްބަތްވާ އުމުރުން 93 އަހަރުގެ ފިރިހެނެކެވެ. އޭނާއަކީ ގިނަ އަދަދެއްގެ ބަލިތަކެއް ތަހައްމަލު ކުރަމުން ދިޔަ މީހެކެވެ. އަދި އޭނާއަށް ހިނގާބިނގާވެ ނޫޅެވޭތާ 10 އަހަރު ވެފައިވާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
އެޗްޕީއޭ އިން ބުނީ އޭނާ ކޮވިޑް ވެކްސިން ޖެހީ މި މަހުގެ 17 ވަނަ ދުވަހު ކަމަށެވެ.
"ޕްރޮޓޮކޯލް އާ އެއްގޮތަށް، މަރުގެ ސަބަބު ދެނެގަތުމަށް ތަހުގީގު ވަނީ ފަށައިފައި،" އެޗްޕީއޭ އިން ބުންޏެވެ.
އެޗްޕީއޭ އިން ބުނީ ތަހުގީގާ ގުޅޭ އިތުރު މައުލޫމާތު ފަހުން ހާމަކުރާނެ ކަމަށެވެ.
ގައްދޫ ހެލްތު ސެންޓަރުގެ އޮފިޝަލަކު މިއަދު "ސަން" އަށް ވިދާޅުވީ އޭނާގެ ހާލު ގޯސްވެގެން ތިނަދޫގައި ހުންނަ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންދިޔައީ ރޭގެ ވަގުތެއްގައި ކަމަށެވެ.
މިހާތަނަށް ރާއްޖޭގައި 64،048 މީހަކު ކޮވިޑް ވެކްސިން ޖަހާފައި ވާއިރު، ސީރިއަސް ސައިޑް އިފެކްޓެއް ރިޕޯޓުކޮށްފައިވާކަމަށް އެޗްޕީއޭ އިން ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް ހުން އައުމާއި ވެކްސިން ޖެހި ތަން ދުޅަވުން ފަދަ ސައިޑްއިފެކްޓުތައް ވަނީ ރިޕޯޓުކޮށްފަ އެވެ.