01 Feb 2012, 14:25
ސަރުކާރާއި ރައްޔިތުން ހިއްސާވާ ވިޔަފާރި ކުންފުނިތަކުގެ ތެރެއިން އެމްޓީސީސީ އަށް މިދިޔަ އަހަރު ސާފުފައިދާގެ ގޮތުގައި 10.2 މިލިއަން ރުފިޔާ ލިބި، އެސްޓީއޯއަށް ވެސް 149 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިއްޖެ ކަމަށް އެ ކުންފުނިތަކުން އާންމު ކުރި ހިސާބުތަކުން ދައްކައިފި އެވެ.
އާންމު ރައްޔިތުންގެ 44.7 ޕަސެންޓް ހިއްސާވާ އެމްޓީސީސީގެ ވެބްސައިޓްގައި އާންމުކޮށްފައިވާ ކުއާޓާ ރިޕޯޓްގައި ވާގޮތުން އެ ކުންފުންޏަށް މިދިޔަ އަހަރުގެ ފަހު ކުއާޓާގައި ވަނީ 9.7 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިފަ އެވެ. އަދި އެ ކުންފުންޏަށް އެންމެ ބޮޑު ފައިދާއެއް ލިބުނު ތިން ވަނަ ކުއާޓާގައި އެ ކުންފުނިން 19.8 މިލިއަން ރުފިޔާގެ ފައިދާއެއް ހޯދި އެވެ. ނަމަވެސް މިދިޔަ އަހަރުގެ އަހަރުގެ ފުރަތަމަ އަށް މަސް ދުވަހު އެ ކުންފުނިން 19.4 މިލިއަން ރުފިޔާގެ ގެއްލުމަކާއި ކުރިމަތިލާން ޖެހުނެވެ.
މިދިޔަ އަހަރުގެ ގެއްލުމާއި ހަރަދަށް ކެނޑުމުގެ ކުރިން އެމްޓީސީސީ އިން ވަނީ 28.1 މިލިއަން ރުފިޔާގެ ވިޔަފާރިކޮށްގެން ޖުމްލަ ފައިދާގެ ގޮތުގައި 73.9 މިލިއަން ރުފިޔާ ހޯދައިފަ އެވެ.
ރައްޔިތުންގެ 44.7 ޕަސެންޓް ހިއްސާވާ އެމްޓީސީސީ އަށް މިދިޔަ އަހަރުގެ ފައިދާވި ނަމަވެސް 2010 ވަނަ އަހަރު ވަނީ 15.1 މިލިއަން ރުފިޔާގެ ގެއްލުމަކާ ކުރިމަތިލާންޖެހި، ހިއްސާދާރުންނަށް ފައިދާ ނުބަހައިފަ އެވެ.
ރަނގަޅު ފައިދާއެއް ލިބުނު އެސްޓީއޯ އިން މިދިޔަ އަހަރު ހަ ބިލިއަން ރުފިޔާގެ ވިޔަފާރި ކޮށްގެން ސާފުފައިދާގެ ގޮތުގައި 149 މިލިއަން ރުފިޔާ ހޯދި އެވެ. އަދި ޖުމްލަ ފައިދާގެ ގޮތުގައި އެ ކުންފުނިން 257 މިލިއަން ރުފިޔާ ލިބުނެވެ. މިދިޔަ އަހަރު އެންމެ ބޮޑު ފައިދާއެއް ލިބުނީ އަހަރުގެ ފަހު ހަތަރު މަސްދުވަހު އެވެ. އެ މުއްދަތުގައި 119.10 މިލިއަން ރުފިޔާ ލިބުނެވެ. އަބަދުވެސް ފައިދާވާ އެސްޓީއޯ އަށް މިދިޔަ އަހަރުގެ ހުރިހާ ކުއާޓާއެއްގައި ވެސް ވަނީ ފައިދާވެފަ އެވެ.
އާންމު ރައްޔިތުންގެ 18 ޕަސެންޓް ހިއްސާވާ އެ ކުންފުންޔަށް 2010 ވަނަ އަހަރު ފައިދާގެ ގޮތުގައި 119 މިލިއަން ރުފިޔާ ލިބުނެވެ. މިއަހަރުގެ ހިސާބުތަކަށް ބަލާ ނަމަ އެސްޓީއޯ އިން 30 މިލިއަން ރުފިޔާގެ ކުރި އެރުމެއްހޯދި އެވެ. ޕަބްލިކް ކުންފުނިތަކުގެ ތެރެއިން ހަމައެކަނި ފައިދާ ބެހީ އެ ކުންފުނިންނެވެ. އެ ކުންފުނިން ހިއްސާއަކަށް 68ރ. ބެހި އެވެ.