18 Feb 2021, 23:13
ކޮވިޑް ކޭސްތަކާ ގުޅިގެން އަރާ ފޭބުން މަނާކޮށްފައިވާ ފުވައްމުލައް ސިޓީން މިއަދު އެކަކު ޕޮޒިޓިވްވެ، އެ ސީޓީން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 33 އަކަށް އަރައިފި އެވެ.
ފުވައްމުލަކު ހޮސްޕިޓަލުން މިރޭ އާންމު ކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން ރޭ 9:00 އިން މިރޭގެ 9:00އަށް ނަތީޖާ ލިބުނު 73 މީހުންގެ ތެރެއިން ޕޮޒިޓިވްވެފައި ވަނީ އެކަކެވެ.
މިހާތަނަށް ޖުމްލަ 4،200 އަށްވުރެ ގިނަ ސާމްޕަލް އެ ސިޓީން ނެގި އިރު، ޕޮޒިޓިވްވި ޖުމްލަ މީހުންގެ އަދަދަކީ، 33 އެވެ. އޭގެ ތެރެއިން ފަސް މީހަކު ވަނީ ބަލިން ފަސޭހަވެފަ އެވެ. ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންގެ އަދަދަކީ، 27 އެވެ.
ކޮވިޑަށް ޕޮޒިޓިވްވި މީހުންނާ ބައްދަލުވި 760 މީހަކު ކޮންޓެކް ޓްރޭސިންއިން ދެނެގަނެވިފައިވެ އެވެ.
ދެ މީހަކު ޕޮޒިޓިވްވެ، ފުވައްމުލައް ސީޓީ މޮނީޓަރިން ހާލަތައް ގެނެސް، އަރާފޭބުން މަނާ ކުރީ މިމަހުގެ ނުވަ ވަނަ ދުވަހު އެވެ.
މިއަދު އެ ސިޓީގައި 326 މީހަކު ކޮވިޑް ވެކްސިން ޖަހާފައިވެ އެވެ. ޖުމްލަ އެ ސީޓީޏް 778 މީހަކު ވަނީ ވެކްސިން ޖަހާފަ އެވެ.
ފުވައްމުލަކުން އެކަކު މިއަދު ޕޮޒިޓިވްވި އިރު، މިއަދު ރާއްޖެއިން 116 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.