18 Feb 2021, 22:48
މިއަދު މުޅި ރާއްޖެއިން 7،818 މީހުން ކޮވިޑް ވެކްސިން ޖަހައިފި އެވެ.
އެޗްޕީއޭ އިން މިރޭ އަންމުކުރި ކޮވިޑް ވެކްސިން ހިސާބުތައް ދައްކާގޮތުން މިއަދު ވެކްސިން ޖެހި މީހުންގެ ތެރެއިން 5،998 މީހުންނަކީ މާލެ ސަރަހައްދުން ވެކްސިން ޖެހި މީހުންނެވެ. އަތޮޅުތަކުން ވެކްސިން ޖަހާފައިވަނީ 1،829 މީހުންނެވެ.
އެއާއެކު ޖުމްލަ މިހާތަނަށް 64،048 މީހަކު ވަނީ ވެކްސިން ޖަހާފަ އެވެ. މާލެ ސަރަހައްދުން 49،800އަށްވުރެ ގިނަ މީހުން ވަނީ ވެކްސިން ޖަހާފަ އެވެ. އަދި އަތޮޅު ތެރެއިން 14،00އަށްވުރެ ގިނަ މީހުން ވަނީ ވެކްސިން ޖަހާފަ އެވެ.
މާދަމާ އަކީ ހުކުރުދުވަސް ކަމަށް ވުމުން، މާދާމާ ވެކްސިން ޖެހުމެއް ނޯންނާނެވެ. ދެން ވެކްސިން ދޭނީ ހޮނިހިރު ދުވަހު އެވެ.
ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ރާއްޖޭގައި ޖަހަން ފަށާފައިވަނީ މިމަހުގެ އެއްވަނަ ދުވަހުއެވެ. ރާއްޖޭގައި ކޮވިޑް-19ގެ ވެކްސިންގެ ދެވަނަ ޑޯޒް ޖަހާނީ މީހާއަށް ފުރަތަމަ ޑޯޒް ޖަހާތާ އަށް ހަފްތާ ފަހުންނެވެ.
ރާއްޖޭގައި މިހާރު ޖަހަމުން އަންނަނީ އިންޑިއާއިން ހަދިޔާ ކުރި އޮކްސްފޯޑް-އެސްޓްރާޒެކެނާ ކޮވިޝީލްޑް ވެކްސިންގެ 100،000 ޑޯޒް އެވެ. ޗައިނާއިންވެސް ވަނީ ރާއްޖެއަށް ސައިނޯފާމް ވެކްސިންގެ 100،000 ޑޯޒް ހަދިޔަ ކުރަން ނިންމައިފައެވެ. މިހާރު ރާއްޖޭގައި ހުރި ސައިނޯފާމް ވެކްސިން ދޭން އަދި ފަށާފައި ނުވަނީ އެއަށް ހުއްދަ ނުލިބޭތީ އެވެ.
އެ ވެކްސިންތަކުގެ އިތުރުން ސަރުކާރުން ވަނީ 700،000 ޑޯޒް ގަތުމަށް އެސްޓްރާޒެނެކާއާއެކު އެއްބަސްވުމެއް ހަދާފަ އެވެ. އެ އެއްބަސްވުމުގެ ދަށުން ގެންނަ ވެކްސިން އަންނަ މާޗު މަހު ލިބޭނެ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވަނީ ވިދާޅުވެފަ އެވެ.