ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ދައުވަތަކަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު، ޑރ. ސުބުރަހްމަންޔަން ޖައިޝަންކަރު މި މަހު ރާއްޖެއަށް ރަސްމީ ދަތުރެއް ކުރެއްވުމަށް ހަމަޖެހިއްޖެ އެވެ.

ފޮރިން މިނިސްޓްރީން ބުނީ ޑރ. ސުބުރަހްމަންޔަން ޖައިޝަންކަރު ރާއްޖެ ވަޑައިގަންނަވާނީ ހޮނިހިރު ދުވަހު ކަމަށެވެ.

މި ދަތުރުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހަށާއި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވާނެ އެވެ. އަދި ފޮރިން މިނިސްޓަރު ޝާހިދު އާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ އާވެސް ބައްދަލު ކުރައްވާނެ އެވެ.

އޭގެ އިތުރުން ފިނޭންސް މިނިސްޓަރާއި އިކޮނޮމިކް މިނިސްޓަރު އަދި ޕްލޭނިން މިނިސްޓަރާއެކު ޖޮއިންޓް މީޓިންގއެއް ބާއްވަން ހަމަޖެހިފައިވާ ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.

އެކްސްޓާނަލް އެފެއާޒް މިނިސްޓަރުގެ މި ދަތުރުގައި އިންޑިއާ އާއި ރާއްޖެއާއި ދެމެދު މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކުރަން ހަމަޖެހިފައިވާ ކަމަށާއި އިންޑިއާ ސަރުކާރުގެ އެހީގެ ދަށުން ހިންގުނު މުހިންމު މަޝްރޫއުތަކެއް އިފްތިތާހު ކުރަން ހަމަޖެހިފައިވާކަމަށް މިނިސްޓްރީން ބުންޏެވެ.

ޑރ. ސުބުރަހްމަންޔަން ޖައިޝަންކަރު ރާއްޖެއަށް މި ކުރައްވާ ދަތުރަކީ 2019 ވަނަ އަހަރުގެ މެއި މަހު މަގާމާ ހަވާލުވިފަހުން ރާއްޖެއަށް ކުރައްވާ ދެވަނަ ދަތުރެވެ. ފުރަތަމަ ވަޑައިގަތީ 2019 ވަނަ އަހަރު ސެޕްޓެމްބަރު މަހު ރާއްޖޭގައި ބޭއްވުނު 5 ވަނަ އިންޑިއަން އޯޝަން ކޮންފެރެންސް ގައި ބައިވެރިވެވަޑައިގަތުމަށެވެ.