އެކަށީގެންވާ ވަރަށް ފްލެޓް ނެތްކަމަށް ބުނެ، އަލަތު ކައިވެނީގެ ކެޓަގަރީ ހިމެނޭ ގޮތުން "ހިޔާ" މަޝްރޫއުގެ އެއް ކޮޓަރީގެ ފްލެޓް ހިމެނޭ ކެޓަގަރީތަކަށް ފްލެޓް ނުދޭން ނިންމާ އެބައިތަކަށް ލާފައިވާ ފޯމުތައް ސަރުކާރުން ބާތިލްކޮށްފި އެވެ.

ޕްލޭނިން އެންޑް ހައުސިން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައިވާ ގޮތުގައި ފްލެޓް ނުދޭން ނިންމައި ފޯމުތައް ބާތިލްކުރީ އެއް ކޮޓަރީގެ ފްލެޓް ދޭން ކަނޑައަޅާފައިވާ ތިން ކެޓަގަރީއަކުންނެވެ. އެ ކެޓަގަރީތަކަކީ؛

  • H11: އަށާރަ އަހަރާއި 40 އަހަރާ ދެމެދުގެ ކައިވެނިކޮށްގެން އުޅޭ ފަރާތްތަކަށް ހާއްސަ

  • H13: މާލޭ މުނިސިޕަލްޓީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ހާއްސަ
  • H15: އަލަތު ކައިވެނިކޮށްގެން އުޅޭ ޒުވާނުންނަށް ހާއްސަ

ހައުސިން މިނިސްޓްރީގެ އިއުލާނުގައިވާ ގޮތުގައި ކުރީގެ ސަރުކާރުން އެއް ކޮޓަރީގެ ފްލެޓްތައް ދޭން ނިންމާފައި ވަނީ ހިޔާ މަޝްރޫއުގެ ދަށުން ސަރުކާރުގެ ކުންފުނިތަކުން އަޅާ ޓަވަރުތަކުން އެއް ކޮޓަރީގެ ބައެއް ފްލެޓްތައް ސަރުކާރަށް ގަތުމަށް ފަހު އެވެ. އެހެން ނަމަވެސް، އޭގެ ތެރެއިން ގިނަ ކުންފުނިތަކުން ފްލެޓް ނާޅާ ގޮތަށް މިހާރު ނިންމާފައި ވާތީ އެ ކެޓަގަރީތަކަށް ހަމަވާ ވަރަށް ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް އިމާރާތްކުރަމުން ނުދާ ކަމަށް ވެސް ހައުސިންގެ ބަޔާނުގައިވެ އެވެ.

އެއް ކޮޓަރީގެ ފްލެޓްތައް ލިބެން ހުރީ ފެން ކުންފުނި، އެމްޑަބްލިއުއެސްސީއިން އިމާރާތް ކުރާ ޓަވަރުން 36 ފްލެޓް ކަމަށް ވެސް ބަޔާނުގައިވެ އެވެ.

"ވީމާ، ސަރުކާރު ކުންފުނިތަކުން އެޅުމަށް ނިންމާފައިވާ ޓަވަރުތަކުން އިތުރު ފްލެޓް ގަންނަން ލިބެން ނެތުމުގެ ސަބަބުން އެ ތިން ކެޓަގަރީ އުވާލައި، އެ ކެޓަގަރީތަކަށް ހުށަހަޅާފައިވާ ފޯމުތައް ބާތިލްކުރުމަށް ނިންމީ އެވެ،" ހައުސިންގެ އިއުލާނުގައިވެ އެވެ.

އެ އިއުލާނުގައި އަދި ބުނީ މިހާރު ސަރުކާރަށް ގަތުމަށް ލިބެންހުރި 36 ފްލެޓް، ހިޔާ މަޝްރޫއުގެ H14، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އާއިލާތަކަށް ހާއްސަ ކެޓަގަރީއަށް ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކަށް ދިނުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެއަށް ފަހު ބާކީވާ ފްލެޓްތައް، މާލޭ ރަށްވެހިންނަށް ހާއްސަ ކެޓަގަރީއަށް ދިނުމަށް ވެސް ނިންމާފައިވާ ކަމަށް ވެސް އިއުލާނުގައިވެ އެވެ.

އަލަތު ކައިންވެންޏާއެކު ފްލެޓް ދިނުމަކީ ކުރީގެ ރައީސް، އަބްދުﷲ ޔާމީންގެ ރިޔާސީ ވައުދެކެވެ. އަދި ކުރީ ސަރުކާރުން ވަނީ އެ ކެޓަގަރީން ފްލެޓް ދޫކުރަން ނިންމި އަދަދަށް މީހުން ފޯމު ހުށަހަޅާފައި ނުވާތީ، ފޯމު ހުށަހެޅި ހުރިހާ އެންމެނަށް ފްލެޓް ދޭން ނިންމައިފަ އެވެ. އަދި އެ ފަރާތްތަކަށް ވަނީ ލިޔުން ވެސް ހަވާލުކޮށްފަ އެވެ.

ޔާމީންގެ ސަރުކާރުން އެއް ކޮޓަރީގެ ފްލެޓްތައް ދޭން ނިންމި ގޮތް:

  • 18-40 އަހަރާ ދެމެދުގެ އުމުރު ފުރާ: 438 ފްލެޓް

  • އާއި މާލެ ރަށްވެހިން: 114 ފްލެޓް
  • ދަފުތަރު ކެޓަގަރީ: 33 ފްލެޓް
  • ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ: 43 ފްލެޓް
  • އަލަތު ކައިވެނި: 993

އެއް ކޮޓަރީގެ ފްލެޓްތަކާ ގުޅޭގޮތުން ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މިދިޔަ ޖުލައި މަހު ވިދާޅުވެފައި ވަނީ، އެ ފްލެޓުތަކުގެ މަސައްކަތް ފަށާފައި ވެސް ނުވާކަމަށެވެ.

"އެއް ކޮޓަރީގެ ފްލެޓްތައް ހަދަން ފަށާފައެއް ނެތް. އިއުލާން ކުރި ނަމަވެސް ހަދަން ފަށާފައެއް ވެސް ނެތް،" މިނިސްޓަރު އަސްލަމް ވިދާޅުވެފައިވެ އެވެ.