ތ. ތިމަރަފުށީގައި ޓެރަރިޒަމްގެ އަމަލުތައް ހިންގައި ރޭވުމުގެ ތުހުމަތުގައި ދައުވާ ކުރި އަށް މީހުން ޝަރީއަތް ނިމެންދެން ބަންދު ކުރަން ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.

އެ މައްސަލައިގައި ދައުވާކޮށްފައިވާ މީހުންނަކީ ތ. ތިމަރަފުށި، ފެހިވިދުވަރުގެ، އަބްދުﷲ ޝަރީފް އާއި، ތ. ތިމަރަފުށި، ކެނެރީގެ، އަލީ މުނީޒު އާއި ތ. ތިމަރަފުށި، އަސުރުމާގެ، މުހައްމަދު އާސިރު އާއި، ތ. ތިމަރަފުށި، އަސްރަފީވިލާ، އަހުސަން މުހައްމަދު އާއި، ރ. މަޑުއްވަރި، ބީޗްހައުސް އަބްދުﷲ އިމާދު އާއި، ތ. ތިމަރަފުށި، ސައިމާ، ޝަމާހު ޝަރީފާއި، ނ. ކުޑަފަރި، ރޯޒްމީޑު، އިބްރާހިމް ލޫތު އާއި، ރ. ކަނދޮޅުދޫ، ފެހިވިލާ، އަލީ އަރުހަމް މުހައްމަދެވެ.

އެ މީހުން ހައްޔަރުކޮށްގެން މިއަދާ ހަަމައަށް ބަންދު ކުރަމުން ދިޔައީ، ކޯޓަށް ގެންގޮސް ބަންދުގެ މުއްދަތު އިތުރު ކުރަމުންނެވެ. އެންމެ ފަހުން އެ މީހުންގެ ބަންދުގެ މުއްދަތު އިތުރު ކުރީ 10 ދުވަހަށެވެ. އެ މުއްދަތު މިއަދު ހަމަވާތީ މިއަދު ވަނީ ބަންދު މުރާޖައާ ކުރުމުގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި ބާއްވައިފަ އެވެ.

މިހާރު އެ މީހުންގެ މައްޗަށް ދައުވާކޮށް، ޝަރީއަަތް ފަށަން ތައްޔާރުވެފައިވާއިރު، އެ އަށް މީހުންގެ ފަރާތުން މުޖުތަމައުއަށް ނުރައްކަލެއް ކުރިމަތިވެދާނެތީ އެ އަށް މީހުންވެސް ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް މިއަދު ދައުލަތުން އެދުމުން، މައްސަލަ ބައްލަވާ ގާޒީ ނިންމެވީ އެ އެންމެންވެސް ޝަރީއަތް ނިމެންދެން ބަންދު ކުރުމަށެެވެ.

މިދިޔަ އަހަރު ފަހުކޮޅު ތ. ތިމަރަފުށީގައި ފުލުހުން ހިންގި ޓެރަރިޒަމް އޮޕަރޭޝަންގައި، އެ މީހުން ހައްޔަރު ކުރީ، އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއަތުގެ އިރުޝާދުގެ ދަށުން ތިމަރަފުށީގައި ހަރުކަށި ފިކުރު ފެތުރުމާއި، އިމްޕްރޮވައިޒްޑް އެކްސްޕްލޯސިވް ޑިވައިސް (އައިއީޑީ) އަކުން އެ ރަށު ސްކޫލުގެ ލެބޯޓަރީ ގޮއްވާލަން އުޅުމާއި، ފަޅު ރަށްރަށަށް ގޮސް ހަނގުރާމައިގެ ތަމްރީނުތައް ހެދުން ފަދަ ޓެރަރިޒަމްގެ އަމަލުތައް ހިންގުމުގެ ތުހުމަތުގަ އެވެ.

ޓެރަރިޒަމްގެ ގާނޫނުގެ ދަށުން އެ އަށް މީހުންނަށް ޖުމްލަ 20 ދައުވާ އުފުލާފައިވެ އެވެ.