01 Feb 2012, 13:41
ގދ. ގައްދޫން ގޯތި ދޫކުރަން ފޯމު ބަލައިގަތުމުގައި ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދީފައިވާ ކަމަށް ބުނެ، ކައުންސިލް އިދާރާގެ ޒިންމާދާރު ވެރިޔާ އާއި ކައުންސިލް މެމްބަރެއްގެ މައްޗަށް ދައުވާ ކުރަން އޭސީސީން ޕީޖީއަށް ފޮނުވައިފި އެވެ.
އެ މައްސަލައިގައި ދަޢުވާކޮށް ދިނުމަށް އެދި އޭސީސީން ޕީޖީއަށް ފޮނުވާފައި ވަނީ މިދިޔަ ބުދަ ދުވަހު އެވެ.
އޭސީސީން ބުނަނީ ގައްދޫން ގޯތި ދޫކުރަން 2010 ވަނަ އަހަރުގެ ފަހުކޮޅު ކުރި އިއުލާނާ ގުޅިގެން ފޯމުތައް ބަލައިގަތުމުގެ މުއްދަތު ހަމަވެފައި ވަނިކޮށް ކައުންސިލް އިދާރާގެ އެސިސްޓެންޓް ޑިރެކްޓާ އަދި ޒިންމާދާރުވެރިޔާ، އެރަށު އަތިރީގެ، އިސްމާއިލް ޝަމީމަށް ބޮޑުބޭބެ ކިޔާ މީހެއްގެ ފޯމާއި އިތުރު ފޯމެއް ބަލައިގެންފައިވާ ކަމަށެވެ.
އަދި އެ ދެ ފޯމު ބަލައިގަތް ކަމަށް ލިޔެފައި ވަނީ ހުކުރު ދުވަހު ކަމަށްވެފައި، އެއްވެސް ބަންދު ދުވަހެއްގައި ނުވަތަ ރަސްމީ ގަޑިއެއްގައި ވެސް ފޯމު ބަލައިގަތްފައިވާކަން ސާބިތުނުވާ ކަމަށާއި އެކަމަށް ޝަމީމް ވެސް އެއްބަސް ވެފައިވާ ކަމަށް އޭސީސީން ބުންޏެވެ.
ކޮމިޝަނުން ބުނީ ފޯމުތައް ބަލައިގަތުމަށްފަހު ނޯޓު ކުރަން ގެންގުޅެނު ފޮތް ގެއްލުނު ފަހުން ޝަމީމްގެ މޭޒު ވަތްގަނޑުން އެ ފޮތް ފެނި، އޭގެ ފަހުން ފޮތް ނަގަން ދިޔައިރު ދެވަނަ ފަހަރަށް ފޮތް ގެއްލި އެ ފޮތް ފެނިފައިނުވާ ކަމަށެވެ. އަދި އެކަމަކީ ޝަމީމް އޭނާގެ މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ އެއް ހޯދާދިނުމަށް ކޮށްފައިވާ ކަމެއް ކަމަށް ބެލެވޭ ކަމަށެވެ.
ގޯތި ފޯމުތައް ދިރާސާ ކުރުމަށް އެކުލަވާލި ކޮމެޓީގެ ޗެއާމަން، ގައްދޫ ކައުންސިލް މެމްބަރު މުންނާރުދޮށުގޭ، ނިޒާރު އަބުދުﷲ އާއި ގޯތި ފޯމުތަކާއި ގޯއްޗަށް އެދިފައިވާ ފަރާތްތަކުގެ ލިސްޓު ހަވާލު ކުރި ކަމަށް ވެސް އޭސީސީން ބުނެ އެވެ. އަދި ބުނީ އެއްވެސް ފޯމެއް ލިސްޓަށްވުރެ އިތުރުވެ ނުވަތަ މަދުވާ ނަމަވެސް ކައުންސިލްގެ ރައީސަށް އެންގުމަށް ކައުންސިލްގެ ރައީސް އެދިފައިވަނިކޮށް ނިޒާރު ތައްޔާރު ކުރުވި ލިސްޓުގައި އެއް ފޯމު އިތުރުވިއިރު އެކަން ކައުންސިލް ރައީސްގެ ސަމާލު ކަމަށް ގެނެސްފައި ނުވާ ކަމަށެވެ.
އިތުރުވި ފޯމަކީ ނިޒާރުގެ އެއްބަނޑު އެއްބަފާ ބޭބެގެ ފޯމެއް ކަމަށާއި އެ ފޯމް ހުށަހެޅި ފަރާތަކީ ނިޒާރު ކަމަށް އެއްބަސް ވެފައިވާ ކަމަށް އޭސީސީން އާންމު ކުރި ހަބަރަށް ދޭ މައުލޫމާތު ކަރުދާހުގައި ވެއެވެ. އޭގައި ބުނެފައި ވަނީ އޭގެ ފަހުން ފޯމުތަކަށް ޕޮއިންޓް ދިނުމުގެ އުސޫލަށް އަމިއްލައަށް ބަދަލުތަކެއް ގެނެސްފައިވާކަން ހެކިންގެ ހެކިބަހުން ސާބިތުވާ ކަމަށާއި އެކަމަކީ ނިޒާރު އޭނާގެ މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމަށް ކޮށްފައިވާ ކަމެއް ކަމަށެވެ.
ޝަމީމާއި ނިޒާރުގެ މައްޗަށް ދައުވާ ކުރަނީ ކޮރަޕްޝަން ހުއްޓުވުމާއި މަނާ ކުރުމުގެ ގާނޫނުގެ 23 ވަނަ މާއްދާގެ ދަށުންނެވެ.