01 Feb 2012, 13:37
ދައުލަތުގެ މާލިއްޔަތު ގާނޫނާ ހިލާފަށް ހެލްތު މިނިސްޓްރީ އިން 14.8 މިލިޔަން ރުފިޔާގެ ތަކެތި އެމިނިސްޓްރީ އަށް ގަނެފައިވާ ކަމަށް އޮޑިޓް އޮފީހުން ބުނެފި އެވެ.
އޮޑިޓާ ޖެނެރަލް ނިޔާޒު އިބްރާހިމް ސޮއިކުރައްވައި އޮޑިޓް އޮފީހުގެ ވެބްސައިޓްގައި އާއްމުކޮށްފައިވާ ހެލްތު މިނިސްޓްރީގެ 2010 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްގައިވާ ގޮތުން 2010 ވަނަ އަހަރު އެމިނިސްޓްރީ އަށް ގަނެފައިވާ މެޑިކަލް ކޮންސޮއިމަބަލްގެ ތެރެއިން 10 ވައުޗަރެއްގައި ހިމެނޭ 48 ބިލަށްވާ 14.8 މިލިއަން ރުފިޔާގެ ތަކެތި ގަނެފައި ވަނީ ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ 8.15ގެ (ހ)ގައި ބަޔާންކޮށްފައިވާ ގޮތާ ހިލާފަށް ކަމަށެވެ.
އޭގެތެރެ އިން އެއް ބިލްގައިވާ 1.8 މިލިއަން ރުފިޔާ ތަކެތި ގަނެފައި ވަނީ ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ 8.25 އާ އެއްގޮތަށް ފިނޭންސް މިނިސްޓްރީގެ އިވެލިއޭޝަން ބޯޑަށް ނުފޮނުވައި ކަމަށް ވެސް އޮޑިޓް ރިޕޯޓްގައި އޮޑިޓާ ޖެނެރަލް ވަނީ ފާހަގަކުރައްވައިފަ އެވެ. އަދި އެތަކެތި ގަނެފައި ވަނީ އާއްމުކޮށް އިޢުލާންނުކޮށް ކަމަށާއި އެކަމުގައި އިހުމާލްވެފައިވާ ފަރާތްތަކާ މެދު ފިޔަވަޅުއެޅުމަށް ވެސް އޮޑިޓް ރިޕޯޓްގައި އޮޑިޓާ ޖެނެރަލް ވަނީ ވިދާޅުވެފަ އެވެ.
އޮޑިޓާ ޖެނެރަލް ވިދާޅުވެފައި ވަނީ ސިއްހީ ދާއިރާ އަށް ބޭނުންވާ ބައެއް ތަކެތި ގަތުމަށް 2010 ވަނަ އަހަރު ހެލްތުން ކޮންޓްރެކްޓަރަކާ އެކު ވެފައިވާ އެއްބަސްވުމާ ހިލާފަށް، 12.7 މިލިއަން ރުފިޔާ، ތަކެތި ހެލުތު މިނިސްޓްރީގެ އިރުޝާދެއް ނެތި ފިނޭންސް މިނިސްޓްރީގެ ހާއްސަ ބަޖެޓަކުން ހަރަދުކޮށްފައިވާ ކަމަށެވެ.
އެގްރީމަންޓްގެ ދަށުން 552158ރ. ގެ މެޑިކަލް ކޮންސިއުމަބަލް އާއި އެއާ ގުޅޭ ޑޮކިއުމަންޓްތައް ހުށަހަޅާފައިވީ ނަމަވެސް، ލިޔުންތަކުގެ އަދަދުތަކާއި ތަކެތީގެ އަދަދުތައް ދިމާނުވާތީ، ކޮންޓްރެކްޓާ އެލިޔުންތައް އިސްލާހުކުރުމަށް އަނބުރާ ގެންދިޔަ ފަހުން، މުދާ ސަޕްލައިކުރުމަށް ދީފައިވާ މުއްދަތު ހަމަވެ. އެގާރަ މަސްވީ އިރު ވެސް އެތަކެތި ނޫން އެއްވެސް އެއްޗެއް އެއެގްރީމަންޓްގެ ދަށުން ހަވާލުކޮށްފައި ނުވާކަން އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ. އަދި އެއެގްރީމެންޓާ އެއްގޮތަށް އަމަލްކޮށްފައިނުވާ ފަރާތްތަކާ މެދު ވެސް ފިޔަވަޅު އެޅުމަށް އޮޑިޓާ ޖެނެރަލް ވަނީ އެދިވަޑައިގެންފައިވެ އެވެ.
އޮޑިޓް ރިޕޯޓްގައި ވަނީ ނޭޝަނަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އަށް 2010 ވަނަ އަހަރު ލިބިފައިވާ 15،713،727ރ. ބަލައިގެންފައިވީ ނަމަވެސް، އެފައިސާއާ ބެހޭ ލިޔެކިޔުންތައް މާލިއްޔަތު ގާނޫނާ އެއްގޮތަށް ބަލަހައްޓާފައިނުވާ ކަމަށެވެ. އެގޮތުން ރަސީދު ނުހަދައި 6،329،947ރ. ބަލައިގެންފައިވާ ކަމަށާއި 2010 ވަނަ އަހަރު އެންސްޕާ އަށް ލިބުނު ފައިސާ އިން ޖަމާކޮށްފައި ވަނީ 12،396،813ރ ކަމަށެވެ.
އެހެން ކަމުން އެ އަހަރު މިނިސްޓްރީގެ ދާއިރާތަކަށް އާމްދަނީގެ ގޮތުގައި ލިބުނު ފައިސާ މާލީ ހިސާބުގައި ހިމަނާފައި ނެތުމުން، އެމިނިސްޓްރީ އަށް ލިބިފައިވާ އާމްދަނީ ކަމަށް މާލީ ބަޔާނުން ދައްކާ އަދަދު ސައްހަ ނޫން ކަމަށް ވެސް އެރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.
އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި 2010 ވަނަ އަހަރު ހެލްތު މިނިސްޓްރީގެ ބެލުމުގެ ދަށުގައިވާ ހޮސްޕިޓާތަކަށް 1.4 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހޭނައްތާ ދެ މެޝިން ގަތުމުގައި، ބީލަމާ ބެހޭ ލިޔެކިޔުންތައް އޮޑިޓްކުރުމާ ހަމައަށް ލިބިފައިނުވާކަން އެރިޕޯޓްގައި ވަނީ ފާހަގަކޮށްފަ އެވެ.
މިނިސްޓްރީން ފައިސާ ބެލެހެއްޓުމުގެ ކަންކަމުގައި ވެސް މާލިއްޔަތު ގާނޫނާ ހިލާފްވެފައިވާ އެތައް ކަމެއް ފާހަގަކޮށް، ކުރިއަށް އޮތް ތަނުގައި އެކަންކަން އިސްލާހުކުރުމަށް އޮޑިޓް ރިޕޯޓްގައި އަންގާފައިވެ އެވެ.