ޑައިރެކްޓް ބޭންކް ޓްރާންސްފާ މެދުވެރިކޮށް އެމްޑަބްލިއުއެސްސީގެ ހިދުމަތްތަކަށް ފައިސާ ދެއްކުމަށް ފަހު ރަސީދު ފޮނުވައިދިނުމަށް އެކުންފުނިން އެދެފި އެވެ.

އެމްޑަބްލިއުއެސްސީއިން ބުނީ ބޭންކް ޓްރާންސްފާ ކުރާ ކަސްޓަމަރުން ޓްރާންސެކްޝަންގެ ތަފްސީލާއި ފައިސާގެ ރަސީދު ފޮނުވުމަށް ހާއްސަވެބްޕޭޖެއްގާއިމުކޮށްފައިވާނެ ކަމަށެވެ.

ބައެއް ފަރާތްތަކުން ބޭންކް ޓްރާންސްފާ ކޮށްގެން ހިދުމަތްތަކަށް ފައިސާ ދެއްކުމަށް ފަހު، އެ ވެބްޕޭޖްގައިވާ ފޯމް ފުރިހަމަ ނުކުރާތީ އެ ފަރާތްތަކުގެ އެކައުންޓްތައް އަޕްޑޭޓުވުމުގައި އަދި ފައިސާ ދެއްކި ފަރާތްތައް ދެނެގަތުމުގައި ދަތިތަކެއް ދިމާވަމުން އަންނަ ކަމަށް ފެން ކުންފުނިން ބުނެ އެވެ.

އެހެންކަމުން ފައިސާ ދެއްކުމަށް ފަހު އެ ވެބްޕޭޖުގައިވާ މައުލޫމާތު ފުރިހަމަ ނުކުރާ ކަސްޓަމަރުން ވީ އެންމެ އަވަހަކަށް މައުލޫމާތު ފުރިހަމަކޮށް، ފައިސާގެ ރަސީދު ހިއްސާކޮށްދިނުމަށް އެކުންފުނިން ވަނީ އިލްތިމާސް ކޮށްފަ އެވެ.

މިކަމާ ގުޅޭގޮތުން އިތުރު މައުލޫމާތު އެމްޑަބްލިއުއެސްސީގެ ހޮޓްލައިން ނަމްބަރު 105 އާ ގުޅުމުން ލިބޭނެ އެވެ.