18 Feb 2021, 09:42
ނިޔުޔޯކް (ފެބްރުއަރީ 18) : ކޮވިޑް-19 އާ ދެކޮޅަށް ބޭނުންކުރާ ވެކްސިންތައް މުއްސަނދި ގައުމުތަކާއި ބާރާއި ނުފޫޒުހުރި ގައުމުތަކުން މޮނޮޕޮލައިޒުކޮށް ފަގީރު ގައުމުތަކުގެ މަތިން ހަނދާން ނައްތާލަމުން ގެންދާ މައްސަލާގައި އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.
ސަލާމަތީ މަޖިލީހުގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ގުޓަރެސް ވިދާޅުވީ ކޮވިޑް-19 އާ ދެކޮޅަށް ބޭނުންކުރާ ވެކްސިންތައް ފަގީރު ގައުމުތަކަށް ނުލިބޭކަމަށާ ވެކްސިން ބޭނުންކުރަނީ ހަމަހަމަކަމާއި އިންސާފުން އެއްކިބާވެފައިވާ ގޮތެއްގައި ކަމަށްވާތީ ހިތާމަ ކުރައްވާ ކަމުގައެވެ. ހަމަހަމަކަމެއް ނެތި ފަގީރުގައުމުތަކުގެ މަތިން ހަނދާން ނައްތާލުމަށް ފަހު މޮނޮޕޮލީ އުސޫލުން ވެކްސިން ބޭނުންކުރުމަކީ ތަހުޒީބު ދުނިޔެއެއްގައި އުޅޭބަޔަލު ލަދުގަންނަން ޖެހޭކަމެއްކަމަށް ގުޓަރެސް ވިދާޅުވި އެވެ.
ދުނިޔޭގެ ބާރާއި ނުފޫޒުހުރި ގައުމުތަކާއި ފައިސާގެ ތަނަވަސްކަން ލިބިފައިވާ މުއްސަނދި ދިހަވަރަކަށް ގައުމަކުން ކޮވިޑް-19 ވެކްސިންގެ 75 އިންސައްތަ ކޮންޓްރޯލް ކޮށްފައިވާކަން ހިތާމައާ އެކު ގުޓަރެސް ފާހަގަ ކުރެއްވި އެވެ. މިމޭރުމުން ވާހަކަ ދައްކަވަމުން ކޮވިޑް-19 ވެކްސިންގެ އެންމެ ޑޯޒެއްވެސް މިހާތަނަށް ލިބިފައިނުވާ 130 ގައުމު އެބައޮތްކަން ގުޓަރެސް ހާމަ ކުރެއްވި އެވެ. މީގެ ތެރޭގައި ގިނައީ އެފްރިކާގެ ފަގީރު ގައުތަކެވެ.
ގުޓަރެސް މިހެން ވިދާޅުވެފައިވާ އިރު ފަލަސްތީނުގެ ބިމަށް އިސްތިއްމާރީ އުސޫލުން ވެރިވެގަނެގެންއުޅޭ އިސްރާއީލު ގެންދަނީ އެގައުމުގެ ރައްޔިތުންގެ 70 ޕަސެންޓް މީހުންނަށް ބޭނުންވާވަރަށް ކޮވިޑް ވެކްސިން ހޯދައި އެކަން ކަށަވަރުކުރުމަށް ފަހު އެގައުމުން އަޅުވެތިކޮށްގެންއުޅޭ ފަލަސްތީނުގެ ނިކަމެތި ރައްޔިތުން ކޮވިޑް ވެކްސިން އިން މަހްރޫމް ކުރުމަށް މަސައްކަތް ކުރަމުންނެވެ.
ކޮވިޑް-19 އާ ދެކޮޅަށް ބޭނުންކުރާ ވެކްސިންތައް މުއްސަނދި ގައުމުތަކާއި ބާރާއި ނުފޫޒުހުރި ގައުމުތަކުން މޮނޮޕޮލީކޮށް ފަގީރުގައުމުތަކުގެ މަތިން ހަނދާން ނައްތާލަމަކީ ބައިނަލް އަގުވާމީ މުޖްތަމައަށް ކުރިމަތިވެފައިވާ އަޚްލާގީ އެންމެބޮޑު އެއް މައްސަލަކަން ފާހަގަ ކުރައްވަމުން ދުނިޔޭގެ ހުރިހާ ގައުމުތަކަށް ހަމަހަމަ ގޮތެއްގައި ވެކްސިން ފޯރުކޮށްދިނުމުގެ އަޚްލާގީ އަދި ތަހުޒީބީ ޒިންމާ އުފުލުމަށް ބައިނަލްއަގްވާމީ މުޖްތަމައަށް ގުޓަރޭޝް ގޮވާލެއްވި އެވެ.
މިކަމަށް ޓަކައި ވެކްސިން އުފައްދާ ކުންފުނިތަކާއި ބައިނަލްއަގްވާމީ މާލީ އިދާރާތަކާ އަދި ތަނަވަސްކަން ހުރި ގައުމުތަކާއި ބާރާއި ނުފޫޒުހުރި ގައުމުތަށް އދ.ގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން ކޮވިޑް ވެކްސިން ފޯރުކޮށްދިނުމުގެ ބައިނަލް އަގްވާމީ ޕްލޭނެއް އެކުލަވާލުމަށް ވެސް ގުޓަރެސް އިލްތިމާސް ކުރެއްވި އެވެ.
ފަގީރު ގައުމުތަކަށް ކޮވިޑް ވެކްސިން ފޯރުކޮށްދިނުމަށް ޓަކައި ދުނިޔޭގެ ސިއްހަތާބެހޭ ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ) އިން ވަނީ "ކޮވިކްސް"ގެ ނަމުގައި ޕްރޮގްރާމެއް އެކުލަވާލާފަ އެވެ. ނަމަވެސް ވެކްސިންގެ ޑޯޒުތައް ލިބުމުގެ ދަތިކަމުންނާއި ފައިސާގެ ދަތިކަމުން އެ ޕްރޮގްރާމް އަދިވެސްވަނީ ހިނގައިގަންނަގޮތް ނުވެފަ އެވެ.
"ކޮވިކްސް" ޕްރޮގްރާމްގެ ދަށުން ވެކްސިން ލިބުން މާބޮޑަށް ލަސްވަމުންދާތީ ފަގީރު ގައުމުތަކުން މިހާރު ގެންދަނީ އަގުހެޔޮކޮށް ވެކްސިން އުފައްދާ އިންޑިއާއާއި ޗައިނާ ވާހަކަ ދައްކައިގެން ފަހުން ފައިސާ ދައްކާގޮތަށާއި އަދި ހިލޭ ކޮވިޑް ވެކްސިން ހޯދުމަށް މަސައްކަތް ކުރަމުންނެވެ. އިންޑިއާއިން ވަނީ ދުނިޔޭގެ ފަގީރު 24 ގައުމަކަށް އެގައުމުގައި އަނޑާ ލައިސަންސްގެ ދަށުން އުފައްދާ "ކޮވިޝީލްޑް" ވެކްސިން އަގުހެޔޮކޮށް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންނެވެ. މީގެއިތުރުން އިންޑިއާ ވަނީ ބައެއް ގައުމުތަކަށް ހިލޭވެސް ވެކްސިން ފޯރުކޮށްދީފަ އެވެ.
ޗައިނާއިން ދެ ބާވަތެއްގެ ވެކްސިން އެއް އަމިއްލައަށް އީޖާދުކޮށް އެދެވެކްސިންގެ ޑޯޒުތައް އުފައްދަމުން ގެންދާއިރު އޭގެ ޑޯޒުތައް ދުނިޔޭގެ ފަގީރު 50 ގައުމަކަށް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިޔަށްގެންދާ ކަމަށާއި މީގެ ތެރެއިން ބައެއް ގަމުތަކަށް ބައެއް ޑޯޒުތައް ފޯރުކޮށްދޭނީ ހިލޭކަމަށް ޗައިނާއިންވަނީ ބުނެފަ އެވެ.
އިންސާނީ ހައްގުތަކާއި އިންސާފުގެ ނަމުގައި ޕްރޮޕަގެންޑާ ފަތުރަމުން ގެންދާ އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުން ފަގީރު ގައުމުތަކަށް ވެކްސިން ފޯރުކޮށްދޭނެކަމުގެ އެއްވެސް އިޝާރާތެއް އަދި ކޮށްފައެއް ނުވެ އެވެ. ނަމަވެސް ޑަބްލިޔުއެޗްއޯގެ "ކޮވިކްސް" ޕްރޮގްރާމަށް މާލީ އެހީފޯރުކޮށްދޭނެ ކަމަށް ޔޫރަޕްގެ މުއްސަނދި ގައުމުތަކުން ވަނީ ބުނެފަ އެވެ. (އަލްޖަޒީރާ)