17 Feb 2021, 22:45
ރާއްޖޭގައި ކޮވިޑް-19ގެ ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ދޭނީ ވެކްސިން ޖަހާ މީހާ ފުރަތަމަ ޑޯޒް ޖަހާތާ އަށް ހަފްތާ ފަހުން ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)އިން ބުނެފި އެވެ.
މިރޭ އެޗްއީއޯސީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ މުސްތަފާ ވިދާޅުވީ، ރާއްޖޭގައި ދެވަނަ ޑޯޒް ދޭނެ މުއްދަތު އަށް ހަފްތާއަށް އިތުރު ކުރަން ނިންމާފައިވާ ކަމަށެވެ.
"ފުރަތަމަ ޑޯޒް ޖެހުމަށްފަހު އަށް ހަފްތާ ވުމަށްފަހު ދެވަނަ ޑޯޒް ޖެހުމަށް ނިންމާފައި ވަނީ،" ޑރ. ނަޒްލާ ވިދާޅުވި އެވެ.
އެއީ ޓެކްނިކަލް އެޑްވައިޒަރީ ކޮމިޓީއިން އެންމެ ފަހުގެ ދިރާސާތަކާއި ޑަބްލިއުއެޗްއޯގެ މިންގަނޑުތަކަށް ބެލުމަށް ފަހު ނިންމާފައިވާ ނިންމުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ޑރ. ނަޒްލާ އިތުރަށް ވިދާޅުވީ، ހަތަރު ހަފްތާ ފަހުން ދެވަނަ ޑޯޒް ޖެހުމަށް ވުރެ އަށް ހަފްތާ ފަހުން ދެވަނަ ޑޯޒް ޖެހުމުން ލިބޭ ރައްކާތެރިކަން ބޮޑު ކަމަށެވެ.
"އެއީ ހަތަރު ހަފްތާއާ އަޅާ ބަލާއިރު، ދެވަނަ ޑޯޒް އަށް ހަފްތާ ފަހުން ޖެހީމަ އޭގެން ލިބޭ ރައްކާތެރިކަން އިތުރުވާ ކަމަށް ފާހަގަ ކުރެވޭތީވެ،" ޑރ. ނަޒްލާ ވިދާޅުވި އެވެ.
ޑރ. ނަޒްލާ މިރޭ އިލްތިމާސް ކުރެއްވީ، ވެކްސިން ޖަހަމުން ދިޔަޔަސް، ރައްޔިތުން ފަރުވާކުޑަ ނުކުރުމަށެވެ. މިހާރު ވެކްސިން ޖަހަމުންދާތީ ފަރުވާ ކުޑަ ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.
ވެކްސިންގެ ފުރިހަމަ ރައްކާތެރިކަން ލިބޭނީވެސް ދެވަނަ ޑޯޒް ޖެހުމުގެ ދެ ހަފްތާ ފަހުން ކަމަށް އޭނާ ވިދާޅުވީ އެވެ. އަދި އާބާދީގެ ބޮޑު ބަޔަކަށް ފުރަތަމަ ޑޯޒްވެސް ނުޖެހި އުޅޭ އިރު އަދިވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުން ގެންދަން ޖެހޭނެ ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ.
އެޗްޕީއޭއިން އެންމެ ފަހުން އާންމު ކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގައި މިހާތަނަށް 56،218 މީހުންނަށް ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފަ އެވެ.