މިއަދު ރާއްޖެއިން އިތުރު 142 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިރޭ އާންމު ކުރި ހިސާބުތަކަށް ބަލާއިރު މާލެ ސަރަހައްދުން ޕޮޒިޓިވްވީ 129 މީހުންނެވެ. މިއަދު ޕޮޒިޓިވްވި މީހުންގެެ ތެރޭގައި ދެން ހިމެނެނީ ރަށްރަށުން ޕޮޒިޓިވްވި ހަ މީހަކާއި ރިސޯޓުތަކުން ޕޮޒިޓިވްވި ފަސް މީހަކާއި ލިވް އެބޯޑްތަކުން ޕޮޒިޓިވްވި ދެ މީހެކެވެ.

މިއާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ވަނީ 18،224 އަށް އަރައިފަ އެވެ.

މިވަގުުތު 2،391 މީހަކު ރާއްޖޭގައި ކޮވިޑަށް ފަރުވާ ހޯދަމުންދާއިރު 171 މީހަކު ތިބީ ހޮސްޕިޓަލުގައި އެޑްމިޓު ކޮށްފަ އެވެ.

ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ މިހާރު ވަނީ 15،768އަށް އަރާފަ އެވެ.

ކޮވިޑް ޖެހިގެން ރާއްޖެއިން މިހާތަނަށް 58 މީހަކު ވަނީ މަރުވެފައެވެ.