އައްޑޫ ސިޓީގައި ބަޔަކު އައިސް ހަމަލާދީ ސ. ހިތަދޫ އެތީނާގޭ، ހުސެއިން ޝިޔާރު، 19، މަރާލި މައްސަލައިގައި ޓެރަރިޒަމްގެ ދައުވާ ކުރި ހަތަރު މީހުންގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.

ޝިއާރު މަރާލީ ޖޫން 15، 2015 ވަނަ ދުވަހުގެ ރޭ އޭނާގެ ގޭގެ ފާރުބުރިއެއް މަތީ އިންދާ މޫނު ނިވާކޮށްގެން އައި ބަޔަކު އައިސް ތޫނު އެއްޗެހިން ހަމަލާދީ އެވެ. ޝިއާރު މަރުވުމުގެ ކުރިން އޭނާއަށް ހަމަލާދިން ކަމުގެ ތުހުމަތު ބަޔަކަށް ކުރި އެވެ.

އޭނާ މަރުގެ މައްސަލައިގައި ދައުލަތުން ޓެރަރިޒަމްގެ ދައުވާ ކުރީ، ސ. ހިތަދޫ، ހަނދުވަރު، އިސްމާއިލް ރަޝީދާއި އެ ރަށު ޗާނދުމާގޭ އަލީ ސަމްއާނާއި ސ. މަރަދޫ، އޮނުފީނުގޭ، މުހައްމަދު ނިފާޒާއި އެ ރަށު ގަނދަކޯޅިގޭ، މުހައްމަދު އަޒާނު އަލީގެ މައްޗަށެވެ.

އެ މައްސަލައިގައި ދައުލަތުން ހުށަހެޅި ސިއްރު ހެކިވެރިންގެ ތެރެއިން ބައެއް މީހުން ވަނީ ޝިއާރު މަރާލީ "އަޒާންމެން" ކަމަށް އޭނާ އަމިއްލައަށް މަރުވުމުގެ ކުރިން ބުނެފައިވާ ކަމަށް ހެކިބަސް ދީފަ އެވެ.

މުހައްމަދު ނިފާޒު ފިޔަވައި ދެން ދައުވާ ލިބޭ ތިން މީހުންގެ ނަންވެސް ޝިއާރު ބުނި ކަމަށް ބުނެވެސް ހެކިވެރިއަކު ހެކިބަސް ދިނެވެ. ނަމަވެސް އެ ހެކިވެރިޔާގެ ހެކިބަސް ގާޒީ އިސްމާއިލް ރަޝީދު ބަލައިގަނެފައި ނުވެ އެވެ. އެއީ އޭނާ ފުލުހުންގެ ތަހުގީގަށް އެ މައުލޫމާތު ދީފައި ނުވުމުންނެވެ.

ޝިއާރުގެ މަރުގެ މައްސަލައިގައި އިއްޔެ އިއްވި ހުކުމުގައި ވަނީ ހާދިސާ ހިނގިތަން ފެނުނު އެއްވެސް މީހަކު ޝަރީއަތުގައި ހެކިބަސް ދީފައި ނުވާ ކަމަށް ބުނެފަ އެވެ. އަދި ޑީއެންއޭ ނުވަތަ ފިންގާޕްރިންޓް ފަދަ ފޮރެންސިކް ހެއްކެއްވެސް ދައުލަތުން ހުށަހަޅާފައި ނުވާ ކަމަށް ބުނެފައިވެ އެވެ.

މުޅި އެ މައްސަލަ ބިނާވެފައި ވަނީ ޝިއާރު މަރުގެ ތުންފަތް މަތީގައި އޮވެގެން އޭނާ މަރާލީ ދައުވާ ލިބޭ "އަޒާންމެން" ކަމަށް ބުނާ ބުނުމުގެ މައްޗަށް ކަމަށް ހުކުމުގައިވެ އެވެ.

މަރުގެ ތުންފަތް މަތީގައި ބުނާ ބުނުން ނުވަތަ "ޑައިން ޑެކްލެރޭޝަން" ގަބޫލު ކުރުމުގައި އެ މީހަކީ ބުއްދި ސަލާމަތުން ހުރި މީހަކަށްވުމަކީ ޝަރުތެއް ކަމަށް ހުކުމުގައިވެ އެވެ. ނަމަވެސް، ޝިއާރަށް ހަމަލާދީގެން އޭނާ ހޮސްޕިޓަލަށް ގެންދިޔަ އިރު އޭނާ ހުރީ މަސްތުގެ ހާލަތުގައި ކަމަށް އޭނާ ގެންދިޔަ ހޮސްޕިޓަލުގެ މެޑިކަލް ރިޕޯޓަކުން އެނގެން އޮންނަ ކަމަށާއި، އެއީ އޭނާ މަރު މަތީގައި ބަސް ބުނި ވަގުތު ހަމަ ބުއްދީގައި ހުރި ކަމާ މެދު ސުވާލު އުފެދޭ ކަމެއް ކަމަށް ހުކުމުގައިވެ އެވެ. އެހެންކަމުން ގާޒީ ނިންމެވީ، ޝިއާރު މަރު މަތީގައި ދިން ބަހަށް ބުރަދަނެއް ނުދެވޭނެ ކަމަށެވެ.

ޝިއާރުގެ ލޭގެ ތަހުލީލު ރިޕޯޓެއްގައި އޭނާ އެއްވެސް މަސްތުވާތަކެއްޗަކަށް ޕޮޒިޓިވް ނުވާ ކަމަށް ބަޔާންކޮށްފައިވާކަން ދައުލަތުން ފާހަގަކޮށްފައިވެ އެވެ. އެ ރިޕޯޓުގައި ހުރި ކަންކަމަށް ބެލުމަށްވެސް ދައުލަތުން ޝަރީއަތުގައި އެދުނެވެ. ނަމަވެސް، އެ ރިޕޯޓު ދައުލަތުން ޝަރީއަތަށް ހުށަނާޅާ އެތައް އަހަރެއް ވެފައިވާ ކަމަށް ބުނެ އެ ރިޕޯޓު ގާޒީ ބަލައިގެންފައި ނުވެ އެވެ. އެއީ ދައުލަތުން އަދާ ކުރަން ޖެހޭ ގާނޫނީ މަސްއޫލިއްޔަތު އަދާ ނުކުރުން ކަމަށް ހުކުމުގައިވެ އެވެ.

އެ ސަބަބުތަކާ ހުރެ ހަތަރު މީހުންގެ މައްޗަށް ދައުލަތުން އުފުލި ޓެރަރިޒަމްގެ ދައުވާ ސާބިތު ނުވާ ކަމަށް ގާޒީ އިސްމާއިލް ރަޝީދު ނިންމެވި އެވެ.

ޓެރަރިޒަމްގެ ދައުވާ ސާބިތު ނުވިޔަސް، އެ މައްސަލައިގެ ތެރެއިން އަޒާންގެ މައްޗަށް ބިރު ދެއްކުމުގެ ކުށް ސާބިތުވި ކަމަށް ނިންމައި އޭނާ 18 މަހަށް ޖަލަށްލާން އިއްޔެ ހުކުމް ކުރި އެވެ.

އެއީ އެ މައްސަލައިގައި ދައުވާ ކުރާ އަޒާން، ޝިއާރު މަރާލާނެ ކަމުގެ އިންޒާރު ދީފައިވާ ކަމަށް ސިއްރު ހެކިވެރިން ހެކިބަސް ދީފައި ވުމުންނެވެ. އަދި އަޒާން ޝިއާރުއަށް ދެތިން ދުވަސް ކުރިން ތޫނު އެއްޗަކުން ހަމަލާދީ ޝިއާރުގެ އަތް ޒަހަމްކޮށްލި ކަމަށްވެސް ބުނެފައިވެ އެވެ. އަޒާން ޝިއާރުއަށް މަރުގެ އިންޒާރުދިންކަން އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ކަމަށް ހުކުމުގައިވެ އެވެ.