މޫނު ބުރުގާ އެޅުމުން އަންހެން ދަރިވަރުންގެ ކިޔެވުން މަހުރޫމުވެގެން ނުދާފަދަ އަދުލުވެރި ހުކުމެއް ކޮށްދެއްވުމަށް އެދި ދުސްތޫރީ މައްސަލައެއް މިއަދު ހައިކޯޓަށް ވައްދައިފި އެވެ.

މައްސަލަ ހައިކޯޓަށް ހުށަހަޅާފައިވަނީ ކުއްލިއްޔަތުލް ދިރާސާތުލް އިސްލާމިއްޔާގައި ތައުލީމް ހާސިލުކުރަމުން އަންނަ ގއ. ދާންދޫ، ބީޗްވިލާ މެހެނާޒު ހުސެއިން އެވެ. މެހެނާޒަކީ މޫނުބުރުގާ އަޅައިގެން ކުއްލިއްޔާއަށް ކިޔަވަން ދިއުމުން ކުލާހު ނެރުނު ދަރިވަރެކެވެ. އަދި އޭނާ އެ މައްސަލައިގައި ސިވިލް ކޯޓްގައި ދައުވާ ކުރުރުމުން މޫނު ބުރުގާ އަޅައިގެން ކުއްލިޔާއަށް ކިޔަވަން ވެއްދުމުގެ ވަގުތީ އަމުރެއް ވަނީ ހޮނިހިރު ދުވަހު ނެރެފަ އެވެ. އަދި ކުއްލިއްޔާއިން ވަނީ އެ އަމުރަށް ތަބާ ނުވާނެ ކަމަށް ބުނެފަ އެވެ.

މޫނު ބުރުގާގެ މައްސަލަ ދުސްތޫރީ މައްސަލައެއްގެ ގޮތުގައި މެހެނާޒް ހައިކޯޓަށް ވެއްދީ ސިވިލް ކޯޓްގެ މައްސަލަ ހިނގަމުން ދަނިކޮށެވެ.

ދުސްތޫރީ މައްސަލައާ ބެހޭ ގޮތުން ސަން އޮންލައިނަށް މައުލޫމާތު ދެއްވަމުން މެހެނާޒުގެ ގާނޫނީ ވަކީލު އަދި އޭނާގެ ފިރިކަލުން ޒުންނަވާރު ސަލީމް ވިދާޅުވީ މޫނު ބުރުގާ އެޅުން މަނާކޮށް، ދަރިވަރުން އަމަލުކުރުން ލާޒިމް ވާގޮތަށް ދަރިވަރުންގެ ހެދުން އެޅުމުގެ ގަވާއިދު ޖެނުއަރީ 25 ،2012 ވީ ދުވަހު ކުއްލިއްޔާގެ ނޯޓިސް ބޯޑުގައި ޖަހާފައިވާ ކަމަށެވެ.

ގާނޫނު އަސާސީގެ 10 ވަނަ މާއްދާގެ (ހ) ގައި އިސްލާމްދީނަކީ ދިވެހި ދައުލަތުގެ ގާނޫނުގެ މައިގަނޑު މަސްދަރުކަމަށް ބުނެފައިވާކަމަށާއި އަދި އެ މާއްދާގެ (ށ) ގައި އިސްލާމްދީނުގެ އަސްލަކާއި ޚިލާފަށް އެއްވެސް ގާނޫނެއް ރާއްޖޭގައި ނުހެދޭނެ ކަމަށް ބަޔާންކޮށްފައިވާއިރު ކުއްލިއްޔާއިން އާންމުކުރި ހެދުން އެޅުމުގެ ގަވާއިދުގެ 5.8 ވަނަ މާއްދާގައި "ކާކުކަން ނޭނގޭގޮތަށް މޫނު ފޮރުވޭފަދަ ހެދުން" އަޅައިގެން ކުއްލިއްޔާއަށް ހާޒިރުވުމަކީ މަނާކަމެއްކަމަށް ބުނެފައިވާކަމަށް ވެސް ޒުންނަވާރު ވިދާޅުވި އެވެ.

ހައިކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައިގައި ކުއްލިޔާއިން ނެރުނު ގަވާއިދުގެ އެ މާއްދާއަކީ ގާނޫނު އަސާސީގެ 10 ވަނަ މާއްދާގެ (ހ) އާއި (ށ) އަދި ގާނޫނު އަސާސީގެ 16 ވަނަ މާއްދާއާ 17 ވަނަ މާއްދާއާ 19 ވަނަ މާއްދާއާ 36 ވަނަ މާއްދާއާ 63 ވަނަ މާއްދާއާ 66 ވަނަ މާއްދާއާ އަދި ގާނޫނު އަސާސީގެ 62 ވަނަ މާއްދާގެ (ށ) އާއި ޚިލާފު ބާތިލު މާއްދާއެއް ކަމަށް ކަނޑައަޅައިދިނުމަށް މެހެނާޒުގެ ފަރާތުން ވަނީ އެދިފަ އެވެ.

މީގެއިތުރުން މޫނުބުރުގާ އެޅުމަކީ ކީރިތި ރަސޫލާގެ ސުންނަތުން ސާބިތުވާކަމަކަށް ވާތީ، ރާއްޖޭގައި ތައުލީމުދޭ އެއްވެސް ތަނަކުން މޫނު ބުރުގާ އަޅާ އަންހެނުން ކިޔެވުމުން މަހުރޫމްވެގެން ނުދިޔުމަށްޓަކައި އަދުލުވެރި ޝަރޫއީ ހުކުމެއް ކޮށްދިނުމަށް ވެސް އެ ދަރިވަރުގެ ދައުވާގައި ވެއެވެ.

މެހެނާޒުގެ މި ދައުވާއަކީ މޫނު ބުރުގާއާ ގުޅިގެން ދައުލަތަށް ދައުވާ ލިބޭ ގޮތަށް ރާއްޖޭގެ ކޯޓަކަށް ދުސްތޫރީ މައްސަލައެއް ވެއްދި ފުރަތަމަ ފަހަރެވެ. މި ދައުވާ މިހާރު ވަނީ ހައިކޯޓަށް ބަލައިގެންފަ އެވެ. ބަލައި ގަތީ މިއަދު އެވެ.