17 Feb 2021, 17:50
ލޮނުޒިޔާރަތްކޮޅުގައި ޕާކް ތަރައްގީ ކުރުމުގައި ހިންގި ކަމަށް ބުނާ ކޮރަޕްޝަންގެ އަމަލެއްގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދުގެ ބައިވެރިވުމެއްވާ ކަމަށް ތުހުމަތުކޮށް ރާއްޖޭގެ އޮންލައިން ނޫހެއް ކަމަށްވާ މޯލްޑިވްސް ނިއުސް ނެޓްވޯކު (އެމްއެންއެން) އިން ޝާއިއުކުރި ލިޔުމަކާ ގުޅިގެން އެކަމަނާގެ ކިބައިން މައާފަށް އެދެން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)އިން އަންގައިފި އެވެ.
އެމްއެންއެންއިން 22 އޮކްޓޯބަރު 2020ގައި އިނގިރޭސިބަހުން ޝާއިއު ކުރި ލިޔުމެއްގައި ބުނެފައި ވަނީ ލޮނުޒިޔާރަތްކޮޅުގައި ތަރައްގީ ކުރި ޕާކަށް ގަސް ވިއްކީ ފަޒްނާގެ ހިއްސާ އޮންނަ ކުންފުންޏަކުން ކަމަށެވެ. އަދި އެ ކުންފުނީގެ އަނެއް ޕާޓްނަރަކީ ސްރީލަންކާގެ ރައްޔިތެއް ކަމަށްވެސް ބުނެފައިވެ އެވެ. އަދި އަޑި ޕާކަށް ގަސް ފޯރުކޮށްދިނީ މާކެޓްގެ އަގުތަކަށް ވުރެ ދެ ގުނަ ބޮޑުކަމަށްވެސް ބުނެފައިވެެ އެވެ.
ފަޒްނާގެ ފަރާތުން ވަނީ އެ ތުހުމަތުތައް ދޮގުކުރައްވައިފަ އެވެ. އަދި އެ ހަބަރު ޝާއިއުކޮށްފައި ވަނީ އޭގެ ސަބަބުން އެކަމަނާގެ އިއްޒަތާއި އަބުރަށާއި ގަދަރަށް އުނިކަން ލިބި މުޖުތަމައުގައި އެކަމަނާއާ މެދު ނުބައި ތަސައްވަރެއް އުފެދިދާނެ ފަދަ ގޮތަކަށް ކަމަށް ބުނެފައިވެ އެވެ. އަދި އެއީ ބްރޮޑްކާސްޓު ކުރުމުގެ ކޯޑް އޮފް ކޮންޑަކްޓާ ހިލާފު ކަމެއް ކަމަށް ބުނެ އެކަމަނާގެ ވަކީލުންގެ ފަރާތުން ވަނީ އެ މައްސަލަ މީޑިއާ ކައުންސިލަށް ވެސް ހުށަހަޅައިފަ އެވެ.
އެ މައްސަލައިގައި ސުލްހަވެރި ހައްލެއްގެ ގޮތުގައި، ފަޒްނާގެ ފަރާތުން އެދުނީ، އާޓިކަލްއާ ގުޅިގެން އެކަމާނާގެ އަރިހުން މައާފަށް އެދި، އެމްއެންއެންގެ ފަރާތުން އެކަން އާންމުކޮށް އިއުލާނުކުރުމަށެވެ.
މީޑިއާ ކައުންސިލުން މިދިޔަ މަހުގެ 31 ވަނަ ދުވަހު އެ މައްސަލަ ބަލައި، ނިންމާފައި ވަނީ، އެމްއެންއެންއިން އަމަލުކޮށްފައި ވަނީ މީޑިއާ ކައުންސިލުގެ ގާނޫނާއި ދިވެހި މީޑިއާގެ ހަމަތަކާއި އަހުލާގީ މިންގަނޑާ ހިލާފަށް ކަމަށެވެ.
އެގޮތުން މީޑިއާއަށް ލިބޭ މައުލޫމާތަކީ ތެދުތޯ ބެލުމަށް ފުރުސަތު އޮވެ، އެކަން ނުބަލައި އެ މައުލޫމާތެއް ޝާއިއުކޮށްގެން ނުވާނެ ކަމަށް މީޑިއާ ކައުންސިލުގެ ގާނޫނުގައި އޮންނަ އިރު، އެމްއެންއެންއިން މީޑިއާ ކައުންސިލުގެ ކޮމިޓީއަށް ދީފައިވާ މައުލޫމާތަށް ބަލާއިރު، އެ މީޑިއާއިން އެގޮތަށް އަމަލުކޮށްފައި ނުވާ ކަމަށް މީޑިއާ ކައުންސިލުގައި މައްސަލަ ބެލި ކޮމިޓީއިން ބުނެފައިވެ އެވެ.
އަދި ވަކި ފަރާތަކާ ބެހޭގޮތުން ހޯދާ އެ ފަރާތުގެ އަމިއްލަ މައުލޫމާތަކީ، ތެދު، ފުރިހަމަ، އަދި އެންމެ ފަހުގެ މައުލޫމާތެއްކަން ކަށަވަރު ކުރަން ޖެހޭ ކަމަށް އެ ގާނޫނުގައި ބަޔާން ކުރާ އިރު، އެމްއެންއެންއިން އެކަން ކަށަވަރުކޮށްފައި ނުވާކަމަށް އެ މީީޑިއާއިން ކޮމިޓީއަށް ދިން މައުލޫމާތު އެނގޭ ކަމަށް އެ ކޮމިޓީގެ ނިންމުމުގައިވެ އެވެ.
މީޑިއާތަކުން ޝާއިއު ކުރާ ހަބަރުތަކަކީ ސައްހަ ތެދު މައުލޫމާތެއްކަން ކަށަވަރު ކުރަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަންވާނެ ކަމަށް ދިވެހި މީޑިއާގެ ހަމަތަކާއި އަހުލާގީ މިންގަނޑުގައި ބަޔާންކޮށްފައިވާއިރު، އެމްއެންއެންއިން އެގޮތަށް މަސައްކަތް ކޮށްފައި ނުވާ ކަމަށް ބުރަވެވޭ ކަމަށްވެސް އެ ކޮމިޓީއިން ބުނެފައިވެ އެވެ.
މީޑިއާ ކައުންސިލުން އަންގާތާ ތިން ދުވަހުގެ ތެރޭގައި ފަޒްނާގެ ކިބައިން މަައާފަށް އެދުމަށާއި، މައާފަށް އެދުނުކަން ރަސްމީ ބަންދު ނޫން ތިން ދުވަހުގެ ތެރޭގައި އާންމު ކުރުމަށް އަންގާފައިވެ އެމްއެންއެންއަށް އެވެ. އަދި އެފަދަ ކަމެއް ތަކުރާރު ނުކުރުމަށް އެމްއެންއެމްއަށް އަންގަން މީޑިއާ ކައުންސިލުން ނިންމާފައިވެ އެވެެ.
މީޑިއާ ކައުންސިލުން އެގޮތަށް އެންގިތާ ތިން ދުވަސް ހަމަވެފައިވާއިރު، އަދިވެސް އެމްއެންއެމްއިން މައާފަށް އެދި އެކަން އާންމުކޮށްފައި ނުވެ އެވެ.