17 Feb 2021, 16:45
މިދިޔަ ސަރުކާރުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހިންގި ހިޔާ މަޝްރޫއުގެ ފްލެޓަށް ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން ފްލެޓް ނުލިބޭ މީހުން މި ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއުތަކުން ބާކީ ނުކުރާނެ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި އެމްޑީޕީ ޕާލިމަންޓަރީ ގްރޫޕުގެ ލީޑަރު، މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަސްލަމް ވިދަޅުވީ، ހިޔާ މަޝްރޫގެ 7،000 ފްލެޓަށް ފޯމް ލީ 23،000 މީހުންގެ ތެރެއިން ފުރިހަމައަށް ލިޔުންތައް ހުށަހެޅި 19،000 މީހުންނަކީ މާލެ ސަރަހައްދުގައި ދިރިއުޅޭ ބޯހިޔާވަހިކަން ބޭނުންވާ މީހުން ކަމަށް ސަރުކާރުން ގަބޫލުކުރާ ކަމަށެވެ. އެހެން ކަމުން ސަރުކާރުގެ ވިސްނުމަކީ، ކުރިއަށް ހުރި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގާނީ އެ މީހުންވެސް ހިމަނައިގެން ކަމަށް އޭނާ ވިދާޅުވި އެވެ.
"ފްލެޓަށް ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން ފްލެޓް ނުލިބޭ ފަރާތްތައް އެކީ ބާކީ ވެގެން ދިޔައީއެއް ނޫން. ސަރުކާރަށް ވިސްނޭ އެއީ ހައުސިން ނީޑް އޮތް ބައެއް ކަމުގައި، އެމީހުން ލައިގެން، އެމީހުނަކީ ތިބި ބައެއް ކަމުގައި ބަލައިގެން ކުރިއަށް ހުރި މަޝްރޫއުތައް ކުރިއަށް ގެންދާނީ،"އަސްލަމް ވިދާޅުވި އެވެ.
"އެ ފްލެޓްތަކުގައި ދިރިއުޅުމަށް ފުރުސަތު ދިނުމުގައި އެގޮތަށް ހުރި ފަަރާތްތަކަށް [19،000 މީހުންނަށް] އަޅުގަނޑުމެން ކޮންސިޑަރޭޝަން ދޭނަން. އޭގެ ތެރޭގައި އެ ބޭފުޅުންނަށް ބައިވެރިވުމުގެ ފުރުސަތު ދޭނަން،"

އަސްލަމް: ފުލެޓަށް ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން 19،000 މީހުންނަކީ ބޯހިޔާވަހިކަން ބޭނުންވާ މީހުންކަން ވިދާޅުވި --- ފޮޓޯ/ މަޖިލިސް
އޭނާ ވިދާޅުވީ، އެ 19،000 މީހުން މީގެ އެއް އަހަރު ފަހުން ބަލާއިރު، އެ މީހުންގެ ދިރިއުޅުމުގެ ފުރުސަތު ބަދަލުވުން އެކަށީގެންވާ ކަމަށެވެ. އެހެން ކަމުން އެ މީހުންގެ ދިރިއުޅުމުގެ ހާލަތު ބަލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެމީހާގެ ދިރިއުމުގެ ހާލަތު ބަދަލުވިތޯއާއި އެމީހާ ފްލެޓް ބޭނުންވޭތޯ ބަލާނަން. އެމީހަކީ ހުރި މީހެއްގެ ގޮތުގައި ބަލައިގެން ކުރިއަށް ގެންދާނީ. [ހިޔާ މަޝްރޫގެ] ފްލެޓްތަކުގެ އިވަލުއޭޝަން ކްރައިޓީރިއާ އެ ހުރި ގޮތަށް ފަހަރެއްގައި ބަދަލުވެދާނެ،" އަސްލަމް ވިދާޅުވި އެވެ.
"ކުރިން ލިޔުން ދިން ފަރާތްތައް ބަލައިގަންނާނަން"

މިއަދު މަޖިލިސް ޖަލްސާގައި އަސްލަމް: ކުރީ ސަރުކާރުން ދީފައިވާ ފްލެޓް ލިބުނު ކަމުގެ ލިޔުން ލިބުނު ފަރާތްތައް ވިދާޅުވީ އެކަން ބަލައިގަންނާނެ ކަމަށް --- ފޮޓޯ/ މަޖިލިސް
ކުރީ ސަރުކާރުން ވަނީ ފްލެޓް ލިބޭ ފަރާތްތައް ކަނޑައަޅައި، ވެރިކަމުގެ ފަހު ދުވަސްކޮޅުގައި ބައެއް ފަރާތްތަކަށް ލިޔުންވެސް ދީފަ އެވެ. އެހެން ނަމަވެސް އޭރުވެސް ފްލެޓް ދީފައިވަނީ ނުހައްގުން ކަމަށް ބުނެ ބައެއް މީހުން ދިޔައީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެއާއެކު އަލުން ލިސްޓް ރިވިއު ކުުރުމަށް މި ސަރުކާރުން ކޮމިޓީއެއް އުފައްދި އެވެ. އަދި މިދިޔަ ހަފްތާގައި ވަނީ ދާއިމީ ލިސްޓް ނެރެފަ އެވެ.
އަސްލަމް ވިދާޅުވި ގޮތުގައި، ސަރުކާރަކުން ލިޔުމެއް ދީފައިވާނަމަ، އެއީ ދޫކޮށްލެވޭނެ ކަމެއް ނޫނެވެ.
"އަޅުގަނޑުވެސް ގަބޫލު ކުރަން ސަރުކާރަކުން ރައްޔިތަކަށް ލިޔުމެއް ދީފައިވާނަމަ، އެ ލިޔުމަކީ ތިމަންނަމެން ކުރި ކަމެއް ނޫނޭ ކިޔާފައި ދޫކޮށްލެވޭނެ ޒާތުގެ ކަމެއް ނޫންކަން. ރައްޔިތުން އިންތިހާބު ކުރާ ސަރުކާރަކުން ލިޔުން މިދެނީ. އޭގައި މުވައްޒަފަކު ނޫނީ ސިޔާސީ މީހަކު ގޯހެއް ހަދާފައިވާ ނަމަ، އެކަމާ ގުޅޭ ގޮތުން ފިޔަވަޅު އަޅަން ޖެހޭނީ ވަކި ގޮތަކަށް،" އަސްލަމް ވިދާޅުވި އެވެ.
"ކުރު ގޮތަކަށް ދަންނަވަން އޮތީ، އެ ލިޔުމަކީ، ކޮންމެ ސަރުކާރަކުންވިޔަސް ސަރުކާރަކުން ލިޔުމެއް ދީފައި އޮތުމަކީ، އެއީ އާދައިގެ ކަމެއް ނޫން. އެކަން އަޅުގަނޑުމެން ބަލައިގަންނާނަން،"މިނިސްޓަރ އަސްލަމް
އެ ލިސްޓުގައި މައްސަލައެއް އުޅޭނަމަ، އެކަމުގެ ޒިންމާ ނަގަން ޖެހޭނީ އެކަންކޮށްފައި އޮތް ފަރާތަކުން ކަމަށް އޭނާ ވިދާޅުވި އެވެ.
އަސްލަމް އެހެން ވިދާޅުވި ނަމަވެސް، ފްލެޓް ލިބުނު ކަމުގެ ލިޔުން ލިބުނު ފަރާތްތަކުގެ ތެރެއިން މިހާރުގެ ދާއިމީ ލިސްޓުގައި ފްލެޓް ނުލިބޭ މީހުންނަށް ހަދާނެ ގޮތަކާ މެދު ސީދާ އެއްޗެއް ވިދާޅެއް ނުވެ އެވެ.