17 Feb 2021, 16:50
ޔަންގޮން (ފެބްރުއަރީ 17): މިޔަންމާގެ އަސްކަރީ ސަރުކާރާ ދެކޮޅަށް މުޒާހަރާ މީހުން މިއަދު އެގައުމުގެ އެންމެ ބޮޑު ސިޓީ ކަމަށްވާ ޔަންގޮންގެ މަގުތައް ބަންދުކޮށްފި އެވެ.
މިޔަންމާގެ އަސްކަރިއްޔާއިން މި މަހުގެ އެކެއްގައި ކުރި ބަޣާވާތާ ދެކޮޅު ހެދުމުގެ ގޮތުންނާއި ކުރީގެ ލީޑަރު އަންގް ސަން ސޫޗީ ދޫކޮށްލުމަށް ގޮވާލާ މުޒާހަރާތަކުގައި މިއަދު ބައެއް މީހުން ވަނީ މަގުތައް ބަންދު ކުރުމަށް ގޮވާލާފަ އެވެ. އޭގެ މަގުސަދަކީ ސިވިލް ސާވެންޓުން ވަޒީފާއަށް ދިޔުން ހުއްޓުވުމާއި އަސްކަރިއްޔާގެ އުޅަނދުތަކަށް ހުރަސް އެޅުން ކަމަށް ރިޕޯޓުތަކުގައިވެ އެވެ.
އެ މުޒާހަރާތަކުގައި ބައިވެރިވާ މީހުން ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ ފޮޓޯތަކުން ޔަންގޮންގެ މައި މަގުތަކުގައި ގިނަ އަދަދެއްގެ މީހުން އެމީހުންގެ އުޅަނދުތައް ކައިރީގައި މަޑުކޮށްގެން ތިބޭތަން ފެނެ އެވެ. އަދި އުޅަނދުތައް ހުއްޓިފައި ވަނީ މައްސަލައެއް ޖެހުމުން ކަމަށް ބުނެ ގިނަ އަދަދެއްގެ މީހުން ތިބީ އުޅަނދުގެ ބޮނެޓް ހުޅުވައިގެންނެވެ.
މީގެ އިތުރުން މިޔަންމާގެ އެކި ސަރަހައްދުތަކުގައި އެތައް ހާސް މީހުން ދަނީ އެއްވުންތައް ބާއްވަމުންނެވެ. އަދި ޑޮކްޓަރުންނާއި ޓީޗަރުންނާއި ސަރުކާރުގެ މުވައްޒަފުން ދަނީ މަދަނީ ބަސްނޭހުމުގެ ހަރަކާތްތަކުގައި ބައިވެރިވަމުންނެވެ.

މިޔަންމާގައި އަސްކަރީ ވެރިކަމާ ދެކޮޅަށް މުޒާހަރާ ކުރާ ބައެއް މީހުން ވަނީ މަގުތައް ބަންދުކޮށްފަ -- ފޮޓޯ: ރޮއިޓާސް
އދ.އިން މިޔަންމާއަށް އައްޔަންކޮށްފައިވާ ސްޕެޝަލް ރެޕެޓުއާ އޮން ހިއުމަން ރައިޓްސް، ޓޮމް އެންޑްރޫސް ވިދާޅުވި ގޮތުގައި އެގައުމުގައި ސިފައިންގެ ހަރަކާތްތައް އިތުރުވެފައިވާ ކަމުގެ ރިޕޯޓުތައް އޭނާއަށް ވަނީ ލިބިފަ އެވެ. އަދި އަސްކަރިއްޔާއިން ގައުމުގެ ރައްޔިތުންނާ ދެކޮޅަށް ޖަރީމާތައް ހިންގުމުގެ ބިރު އޮތް ކަމަށް ވިދާޅުވެފަ އެވެ.
މިޔަންމާގެ އަސްކަރިއްޔާއިން ބަޣާވާތް ކުރި ފަހުން ސޫޗީ ހުންނެވީ ގޭ ބަންދުގައި ކަމަށް އޭނާގެ ވަކީލު ވިދާޅުވި އެވެ. އަދި މިހާރު އޭނާގެ މައްޗަށް ވަނީ ދެ ދައުވާއެއްކޮށްފަ އެވެ. އެއީ ގަވާއިދާ ހިލާފަށް ވޯކީޓޯކީތަކެއް އެތެރެ ކުރުމާއި ކޮވިޑް-19އާ ގުޅިގެން އެޅި ފިޔަވަޅުތަކާ ހިލާފުވި ކަމުގެ ދައުވާ އެވެ.
މިޔަންމާގައި ހައްޔަރު ކުރާ މީހުން ޓްރެކް ކުރަމުންދާ ޖަމިއްޔާއެއް ކަމަށްވާ އެސިސްޓެންސް އެސޯސިއޭޝަން ފޯ ޕޮލިޓިކަލް ޕްރިޒިނާސްއިން ބުނި ގޮތުގައި މި މަހުގެ އެކެއްގެ ފަހުން އެގައުމުން 452 މީހަކު ހައްޔަރުކޮށްފައިވެ އެވެ. އަދި އޭގެ ތެރެއިން ދޫކޮށްލާފައި ވަނީ 35 މީހެކެވެ.
މިޔަންމާގެ އަސްކަރިއްޔާއިން އިއްޔެ ބޭއްވި ނޫސް ކޮންފަރެންސެއްގައި ސިފައިން ވަނީ ބަޣާވާތެއް ނުކުރާ ކަމަށާއި ވެރިކަމާ ހަވާލުވާން ޖެހުނީ މިދިޔަ ނޮވެމްބަރު މަހު ބޭއްވި އާއްމު އިންތިހާބުގެ ނަތީޖާ އޮޅުވާލާފައި ވާތީ ކަމަށް ބުނެފަ އެވެ. އަދި އަލުން އިންތިހާބު ބާއްވާނެ ކަމަށް ބުނި ނަމަވެސް އެ އިންތިހާބު ބާއްވާނެ އިރެެއް އަސްކަރިއްޔާއިން ނުބުނެ އެވެ.
މިދިޔަ ނޮވެމްބަރު މަހުގެ އަށެއްގައި މިޔަންމާގައި ބޭއްވި އާއްމު އިންތިހާބުގައި ޕާލިމެންޓުގެ 476 ގޮނޑިއަށް މެމްބަރުން ހޮވި އިރު އޭގެ ތެރެއިން 396 ގޮނޑި ކާމިޔާބު ކުރީ ސޫޗީގެ ޕާޓީންނެވެ. އަދި އަސްކަރިއްޔާއިން ތާއިދު ކުރާ ޕާޓީއަށް ލިބުނީ އެންމެ 33 ގޮނޑި އެވެ.