17 Feb 2021, 13:27
ރަށްރަށުގައި ހައުސިން ޔުނިޓް ނުވަތަ ގެދޮރުއެޅުމަށް ހުޅުވާލީ، އެކަމަށް ޑިމާންޑް އޮތްވަރު ބެލުމަށް ކަމަށާއި ގެދޮރު އަޅައިދޭނެ ކަމަށް ސަރުކާރުން ބުނެފައި ނުވާނެ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ވައުދުގެ ދަށުން ރަށްރަށުގައި ހުރި އަމިއްލަ ގޯތިތަކުގައި ހައުސިން ޔުނިޓް އިމާރާތްކުރުމަށް އެދޭ ފަރާތްތަަކުން ޝައުގުވެރިކަން ފާޅުކުރުމަށް ބައެއް ކައުންސިލްތަކުން 2019 ވަނަ އަހަރު ހުޅުވާލި އެވެ. އަދި އެކަމަށް އެދި ގިނަ ބަޔަކު ކުރިމަތި ވެސް ލި އެވެ. އަދި އެ މަސައްކަތާ ގުޅޭ އިތުރު މައުލޫމާތެއް ލިބިފައި ނުވާތީ، އެކަމާ ގުޅޭ ގޮތުން ސުވާލު ކުރުމަށް މިނިސްޓަރު އަސްލަމް މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހާޒިރު ކުރި އެވެ.
ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު ކުރި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ، ކައުންސިލްތަކުން އެގޮތަށް ހުޅުވާލީ، ހައުސިން މިނިސްޓްރީން ބޯހިޔާވަހިކަމަށް ބޭނުންވާ މީހުން ދެނަގަތުމަށް އެސްސެމަންޓެއް ހެދުމަށް ކަމަށެވެ.
"އެއީ ހައުސިން ނީޑް އެސްސެމަންޓް ބޭނުނަށް މައުލޫތު [ހޯދުމަށް]. ދެން މިވަގުތު މިނިސްޓްރީން އިތުރަށް ވެރިފިކޭޝަން ހެދުމަށް ކުރާކަމެއް ކުރާނީ. ހައުސް ނީޑް އެސެސްމަންޓް ހެދޭނީ. އަޅުގަނޑު ނެތިން ދަންނަވާކަށް މިވެނި ރަށަކަށް މިވެނި ގެއެއް އަޅާފައި ދޭށޭ މިއުޅޭނީ،" އަސްލަމް ވިދާޅުވި އެވެ.
ރަށްރަށުގެ ކައުންސިލްތަކުން އެ ރަށްރަށުގައި ހައުސިން ޔުނިޓް އެޅުމަށް ޝަގުވެރިވާ ބަޔަކު ތިބިތޯ ބެލީ "ރަށުގެ ޑިމާންޑް [އެކަމަށް] އޮތް މިންވަރު ބެލުމަށް" ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އޭރު އިއުލާން ކުރި އިރު ވެސް ބައެއް ފަރާތްތަކަށް އެކަން އޮޅިވަޑައިގެންނެވި ކަމަށާއި އެހެން ނަމަވެސް އެއީ ގެދޮރު އެޅުމަށް ކުރި އިއުލާނެއް ނޫން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އެއީ ވެދާނެ މިކަން ކުރާ ގޮތުގެ [އެގޮތަށް އިއުލާން ކުރުން] މައްސަލައެއް ކަމަށް. ވަރަށް ސާފުކޮށް ނުބުނެދެވޭތީ، ކަމެއް ކުރަން އަހާލާއިރަށް ހީވެގެން ނުވާނެ [ނުވަތަ] ހީވެފައި އޮތީ ކުރީގައި ވެސް އެކަން ކުރި ގޮތުން، މިއުޅެނީ މިރަށަށް މިހާ ގެ ދޭށޭ،.. އަޅުގަނޑު ސާފުކޮށް ދަންނަވަން އެގޮތަކަށް ނޫނޭ މިކަން ހިނގާނީ، އެގޮތަކަށް އެކަން ނުކުރެވޭނެ." އަސްލަމް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ، މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުން އެކަމަށް 6،000 މީހުން ކުރިމަތިލި ކަމަށެވެ. އަދި އެ މަސައްކަތް ކުރުމަށް ހަ ފަރާތަކުން ޝައުގުވެރިކަންފާޅުކޮށް، ޕްރޮޕޯސަލް ހުށަހެޅި ކަމަށެވެ.
އެ ފަރާތްތަކާ އެކު ސަރުކާރުން މަޝްވަރާތަކެއް ވެސް ކުރި ކަމަށާއި އެހެން ނަަމަވެސް އެފަރާތްތަކުން ހުށަހެޅި އަގަކީ ސަރުކާރަށް އެކަން ކުރެވޭނެ އަގަކަށް ނުވާތީ އެކަން ކުރިއަށް ނުދިޔަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އަސްލަމް އިތުރަށް ވިދާޅުވީ، ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ސަރުކާރުން ހިންގުމުގެ ވިސްނުމެއް ނެތް ކަމަށެވެ. އަދި އެފަދަ މަޝްރޫއުތައް ދެމެހެއްޓެނިވި ގޮތެއްގައި ހިންގޭނީ ވިޔަފާރި އުސޫލުން ރަށްރަށުގެ ބިންތައް ކައުންސިލް މެދުވެރިކޮށް ދިގު މުއްދަތަކަށް ކުއްޔަށް ދީގެން ފައިސާ ހޯދައިގެން ކަމަށް އޭނާ ވިދާޅުވި އެވެ.
"ސަރުކާރުގެ ވިސްނުމަކީ، ކައުންސިލްތަކުން އެ ރަށަކުން ބިން ވިއްކައިގެން ލިބޭ ލާރިން، އެ ފައިސާއިން އެއީ ސީޑް މަނީގެ ގޮތުގައި، ބޭންކަކަށް ލޯނަަކަށް ދާން ވިޔަސް އިކުއިޓީގެ ގޮތުގައި ބޭނުންކުރެވޭނޭ. އެހެންވީމަ ރަށުގައި ހުރި އިމާރާތް ކުރުމަށް ބޭނުންވާ ގެދޮރު ޕޫލްކޮށްފައި ކައުސިލް މެދެވެރިކޮށް، ޓްރައިޕާޓާ ގޮތަށް ބޭންކާއި ކައުސިލާއި ގޯތިގޭ ވެރިފަރާތާ އެކު އެތަން ތަރައްގީކުރުން،" އަސްލަމް ވިދާޅުވި އެވެ.
ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގުމަށް ޓަކައި 25 ރަށަކުން 99 އަހަރަށް ބިން ކުއްޔަށްދިނުމަށްޓަކައި އެކަން މަޖިލީހުގެ ކޮމިޓީއަކަށް ހުށަހަޅުއްވާފައިވާ ކަމަށް އަސްލަމް ވިދާޅުވި އެވެ.
މަޖިލީހަށް ހުށަހެޅި ހުށަހަޅުމުގައި، އެ ރަށްރަށުން ބިން ކުއްޔަށް ދޭން ކަނޑައަޅާފައިވާ ބޭސް ވެެލިއު އިން ބަލާއިރު، ކުއްޔަށްް ދެވެން ހުރި ބިންތަކުން 1.3 ބިލިޔަން ރުފިޔާ ލިބޭނެ ކަމަށް އަަންދާޒާ ކުރެވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.