ސ. ގަމުގައި ހުންނަ ފްލައިން ސްކޫލްގެ ޓްރެއިނިން ފްލައިޓެއް ގަން އެއާޕޯޓްގެ ރަންވޭއަށް ޖައްސަން އުޅެނިކޮށް ވެއްޓިއްޖެ އެވެ. މި ހާދިސާ ހިނގާފައި ވަނީ ދާދި ދެންމެއަކު އެވެ.

ރަންވޭ ގައި ހުރި މީހަކު ސަން އަށް މައުލޫމާތު ދެމުން ބުނީ އެހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބޭ ކަމަށާއި އެމްއެންޑީއެފުން މިހާރު އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އަދި ފްލައިޓު އޮތީ އެކޮޅު ކޮޅުން ޖެހި ވަރަށް ބޮޑަށް ހަލާކުވެފައި ކަމަށާއި ރަންވޭ މިވަގުތު އޮތީ ބަންދުކޮށްފައި ކަމަށް ވެސް އެމީހާ ބުންޏެވެ.

އެމްއެންޑީއެފުން ބުނީ އެފަދަ ހާދިސާ އެއް ހިނގައިގެން އުޅޭ ކަމަށާއި އެކަން އިތުރަށް ބަލަމުން އަންނަ ކަމަށެވެ.

ސިވިލްއޭވިއޭޝިއަން މިނިސްޓާ އާދިލް ސަލީމް ވިދާޅުވީ އެ އެކްސިޑެންޓް ހިނގީ ފުލައިޓު ރަންވޭއަށް ޖައްސަން އުޅުމުގެ ތެރޭ ކުރީ ފުރޮޅަށް މައްސަލަ އެއް ދިމާވެގެން ކަމަށެވެ.

"ބޮޑަށް ބެލެވެނީ އެއީ ޖައްސަން އުޅުނު ގޮތުން ދިމާވި މައްސަލައެއް ކަމަށް. ރިޕޯޓު ލިބުނީމަ އެނގޭނީ ކަން ހިނގި ގޮތް ބޮޑަށް،" އާދިލް ވިދާޅުވި އެވެ.

ހާދިސާ ހިނގި ވަގުތު ފުލައިޓް އިނީ އެންމެ ދަރިވަރެއް ކަމަށް މައުލޫމާތު ލިބެ އެވެ.