17 Feb 2021, 11:52
ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާ މެމްބަރު މުހައްމަދު ނަޝިދު އަބްދުﷲ (މޮސްޓާ)، ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމަށް އަމާޒުކޮށް ތުހުމަތެއް ކުރެއްވުމުން، މިނިސްޓަރުގެ ރުޅި ފަޅައިގެން ހިނގައްޖެ އެވެ.
މިއަދު މަޖިލީހުގެ ޖަލްސާގައި މޮސްޓާ ސުވާލު ކުރެއްވީ، ފަރެސްމާތޮޑާ އެއާޕޯޓު ހެދުމަށް އެ ސަރަހައްދު ސާފު ކުރުމަށްފަހު، އެތަނުގައި ހުރި ރުއްތައް ވިއްކާލީތޯ އެވެ. އަދި ޕައިލެޓެއް މެދުވެރިކޮށް އެ ފައިސާ ދުބާއީއަށް ފޮނުވިކަމަށް އޭނާ ސުވާލު އުފެއްދެވި އެވެ.
"އޭގެ ލިބުނު ފައިސާއިންތޯ ދުބާއީއަށް ޕައިލެޓެއްލައްވާ ތި ފޮނުވަނީ، ޑޮލަރުގެ އަގު މިހާ ބޮޑު އިރު،" މިނިސްޓަރަށް ތުހުމަތު ކުރައްވާ މޮސްޓާ ވިދާޅުވި އެވެ.

މަޖިލީހުގެ ޖަލްސާއެއްގައި މޮސްޓާ ވާހަކަ ދައްކަވޏި -- ފައިލް ފޮޓޯ/ މަޖިލިސް
އެއީ މަޖިލީހުގެ ޖަލްސާގެ އެޖެންޑާގައި މިނިސްޓަރާ ކުރަން އޮތް ސުވާލާ ނުގުޅޭ ސުވާލަކަށްވާތީވެ މަޖިލިސް ރައީސް އެ ސުވާލަށް ޖަވާބު އެރުވުމަށް ފުރުސަތު ނުދިނެވެ.
އެހެން ނަމަވެސް، އެހެން މެމްބަރަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މޮސްޓާ ކުރި ތުހުމަތުތަކަށް ޖަވާބު ދިނުމުގެ ހުއްދައަކަށް މިނިސްޓަރު ރިޔާސަތުން ހޯއްދެއްވި އެވެ. މޮސްޓާ ކުރެއްވި ތުހުމަތުތައް ދޮގު ކުރައްވައި، އަސްލަމް ވިދާޅުވީ، އެފަދަ ދޮގު ތުހުމަތެއް ކުރެވުމުން އޭނާ އެކަން ދޮގުކުރަން ޖެހޭ ކަމަށެވެ.
"އިއްޒަތްތެރި މެމްބަރު [މޮސްޓާ] އަޅުގަނޑާ ބެހޭ ގޮތުން ތަނެއްގައި ހުރި ރުއްތަކެއް ވިއްކާލިކަމަށް ބުނާ ވާހަކައަކީ އެއްވެސް ހަގީގަތެއް ނެތް، އަމިއްލަ ހިޔާލަށް ދެއްކި ވާހަކައެއް،" އަސްލަމް ވިދާޅުވި އެވެ.
"ރައްޔިތުންގެ މަޖިލީހުގެ ތަޅުމަކީ، މިތަނުގައި އެއްވެސް ވާހަކައެއް ދައްކައިގެން ގާނޫނީ އެއްވެސް ފިޔަވަޅެއް ނޭޅޭ ތަނަކަށް ވާހިނދު، މީހުންނާ ބެހޭ ގޮތުން އަދި އަޅުގަނޑު ހާޒިރުކޮށް ހާޒިރުކޮށް ބޭސްލެސް [ހަގީގަތެއް ނެތް] ވާހަކައެއްކަމަށްވާނަމަ، އެކަން ސާފުކޮށްދޭން ޖެހޭ އެއީ ބޭސްލެސް ވާހަކައެއްކަން،"

ހައުސިން މިނިސްޓަރު އަސްލަމް މަޖިލީހުގައި ވާހަކަ ދައްކަވަނީ --- ފައިލް ފޮޓޯ/ މަޖިލިސް
އަސްލަމް ރުޅިފަޅައިގެން ގޮސް މޮސްޓާއަށް ރައްދުދެއްވައި ވިދާޅުވީ، އެފަދަ ދޮގު ވާހަކަތައް މެމްބަރާ ގުޅޭ ގޮތުންވެސް ދެއްކި ދާނެ ކަމަށާއި އެހެން ނަމަވެސް އެކަން ކުރަން ބޭނުން ނުވާ ކަމަށެވެ.
"ދުބާއީއަށް މީހަކު ފޮނުވި ވާހަކަ، ޕައިލެޓް ފޮނުވި ވާހަކަ، އިއްޒަތްތެރި މެމްބަރާ ގުޅޭ ގޮތުން ކޮންމެފަދަ ވާހަކައެއް އަޅުގަނޑަށް ދެއްކިދާނެ. އިއްޒަތްތެރި މެމްބަރާ ގުޅޭ ގޮތުން މާލެ ތެރޭ ދެކެވޭ ވަހަކަތައް މަދެއް ނޫން. އެވަހަކަތައް މަޖިލީހުގައި ދައްކާކަށް އަޅުގަނޑު ނެތިން،" ވަރަށް އަޑު ހަރުކޮށް އަސްލަމް ވިދާޅުވި އެވެ.
އެފަދަ ދޮގު ތުހުމަތުތައް ނުކުރެއްވުމަށް އަސްލަމް މޮސްޓާއަށް އިންޒާރު ކުރެއްވި އެވެ.
"އިއްޒަތްތެރި މެމްބަރު އަޅުގަނޑުމެންނާ ބެހޭ ގޮތުން އެގޮތަށް ވާހަކަ ނުދައްކަވާތި! އެގޮތަށް ވާހަކަ ނުދައްކަވާތި! އަޅުގަނޑުމެންނަކީވެސް މި މާލޭގައި ބޮޑުވެފައި ތިބި މީހުން. މާ ރީތިކޮށް މިހެން ޓައި އަޅާފައި ރީތިކޮށް ތިއްބަސް ހުތުރުު ބަހުންވެސް ވާހަކަ ދައްކަން އެނގޭ،" އަސްލަމް ވިދާޅުވި އެވެ.
ރުއްތައް ވިއްކާލިކަމަށް ބުނާ ވާހަކަވެސް މިނިސްޓަރު ސާފުކޮށްދެއްވި އެވެ. އޭނާ ވިދާޅުވީ، އެއާޕޯޓުގެ ސަރަހައްދު ސާފު ކުރުމަށް ބަޔަކާ ހަވާލުކުރީ ޓްރާންސްޕޯޓު މިނިސްޓްރީން ކުރި އިއުލާނެއްގެ ދަށުން އާންމުކޮށް ހުޅުވާލައިގެން ކަމަށެވެ. އަދި އިއުލާން ކުރީވެސް އެބައެއްގެ އަމިއްލަ ހަރަދުގައި ކުރުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.
"އެތަނުގައި ހުރި ރުކާއި ގަސް، އަމިއްލަ ހަރަދުގައި ނަގައިގެން ސާފު ކުރާނެ ބަޔަކު ހޯދުމަށް ކުރި އިއުލާނަށް ބަޔަކު ކުރިމަތިލައިގެން ބަޔަކު ހޯދީ. އަދި ކޮންޓްރެކްޓްގައި އިނީ، ނެގި ރުއްތަކާއި ގަސްތަކަކީ އެއްލާލާ އެއްޗަކަށް ނުވެ، އެހެން ތަނެއްގައި އިންދުމަށް. އެކަަމަކީ ކޮންޓްރެކްޓެއްގެ ދަށުން ހިނގައި ދިޔަ ކަމެއް،" އަސްލަމް ވިދާޅުވި އެވެ.