17 Feb 2021, 11:40
އައްޑޫ ސިޓީގައި މިވަގުތު ކޮމިއުނިޓީ ސްޕްރެޑެއް ނެތް ކަމަށާއި އަދި އެ ސިޓީގައި ގާތްގަނޑަކަށް ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރެވިފައިވާ ކަަމަށް އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އޭއީއޯސީ) އިން ރޭ ބުނެފި އެވެ.
އޭއީއޯސީ އިން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގެ ޑޮކްޓަރު، ޑރ. އަބްދުﷲ މުންޝިދު ވިދާޅުވީ އައްޑޫ އިން ފެނިފައިވާ ދެ ކްލަސްޓާގެ ބޭރުން މިހާތަނަށް އެއްވެސް މީހަކު ޕޮޒިޓިވްވެފައި ނުވާ ކަމަށެވެ.
އައްޑޫގައި މިވަގުތު އޮތީ ހިތަދޫއިން ފެނުނު ކްލަސްޓާއަކާއި ހުޅުދޫ މީދޫ އިން ފެނުނު ކްލަސްޓާއެކެވެ. ޑރ. މުންޝިދު ވިދާޅުވީ އިއްޔެ ވެސް އައްޑޫ އިން ފަސް އަހަރުގެ ކުޑަ ކުއްޖެއް ޕޮޒިޓިވްވި ކަމަށާއި އެކުއްޖާ އަކީ ކްލަސްޓާއެއްގެ ޑައިރެކްޓް ކޮންޓެކްޓެއް ކަމަށެވެ.
"އައްޑޫ ސިޓީގައި މިވަގުތު ކޮވިޑް ކޭސްތައް މިވަނީ ގާތްގަނޑަކަށް ކޮންޓްރޯލް ކުރެވިފައޭ އަޅުގަނޑު ދަންނަވާނީ. އެއީ އަޅުގަނޑުމެންނަށް އަދި މިހާތަނަށް ރަށު ތެރެއިން އަޅުގަނޑުމެންނަށް މިހާރު ފެނިފައިވާ ކްލަސްޓާގެ ބޭރުން އަދި ކޭސް އެއް ފެނިފައެއް ނުއެއް ނެތް،" ޑރ. މުންޝިދު ވިދާޅުވި އެވެ.
މިވަގުތު އައްޑޫ ސިޓީގެ ގުޅިފައިވާ ތިން އަވަށުގައި ކޮވިޑަށް ޕޮޒިޓިވް 37 މީހަކު އެބަތިއްބެވެ. އެއީ ހިތަދޫއިން 20 މީހަކާއި ފޭދޫއިން 13 މީހަކާއި މަރަދޫފޭދޫ އިން ހަތަރު މީހެކެވެ.
ހުޅުދޫ މީދޫގައި ތިބި 25 ޕޮޒިޓިވް މީހުންނާއެކު އެ ސިޓީގައި މިވަގުތު ބައްޔަށް ޕޮޒިޓިވް 62 މީހަކު އެބަތިއްބެވެ.
ޑރ. މުންޝިދު ވިދާޅުވީ ޕޮޒިޓިވްވި އެންމެންގެ ކޮންޓެކްޓް ޓްރޭސިން މިހާރު ނިމިފައިވާ ކަމަށެވެ. އަދި އެމީހުންނާ ޑައިރެކްޓް ކޮންޓެކްޓުވި އެންމެން ހޯދާ، އެމީހުން ކަރަންޓީނުކުރެވިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
ޑރ. މުންޝިދު ވިދާޅުވީ މިހާރުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ކޮމިއުނިޓީ ސްޕްރެޑެއް ނެތް ކަމަށް ބުނެވެން އޮތް ނަމަވެސް، ރެންޑަމް ސާމްޕަލް ނަަގައި ގިނަ ބަޔަކު ޓެސްޓު ކުރުމަށް ބޮޑު އިސްކަމެއް ދީގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެގޮތުން އިއްޔެ އެކަނި ވެސް 190 ރެންޑަމް ސާމްޕަލް ނަގާފައިވާ ކަމަށެވެ. އޭގެ އިތުރުން ސާވައިލެންސްގެ ގޮތުގައި 15 ސާމްޕަލް، ހޯމް ކަރަންޓީނުން 37 ސާމްޕަލް، ފްލޫ ކްލިނިކުން 12 ސާމްޕަލް، އަދި ޓްރެވަލް ސާމްޕަލްގެ ގޮތުގައި 27 ސާމްޕަލް އާއެކު އިއްޔެ އައްޑޫ ސިޓީން ޖުމްލަ 280 ސާމްޕަލް ވަނީ ނަގައިފަ އެވެ.
"އަޅުގަނޑުމެންގެ [އައްޑޫ ސިޓީގެ] ހާލަތު އޮތް މިންވަރެއް އެނގިގެންދާނީ ރެންޑަމް ސާމްޕަލްތައް ނެގި، ޓެސްޓުކުރެވި ނަތީޖާ އަންނަ ގޮތަކުން،" ޑރ. މުންޝިދު ވިދާޅުވި އެވެ.
އޭނާ ވަނީ އައްޑޫ ސިޓީގެ ރައްޔިތުން ފިޔަވަޅުތަކަށް ބޯލަނބައި ބައްޔާ ދެކޮޅަށް ކުރާ މަސައްކަތް ފާހަގަކޮށް ޝުކުރު އަދާކުރައްވައިފަ އެވެ.
އިއްޔެ އައްޑޫ ސިޓީގެ 693 މީހަކަށް ވަނީ ކޮވިޑް ވެކްސިން ޖަހައިފަ އެވެ. އެ ސިޓީން މިހާތަނަށް 2340 މީހަކަށް ވަނީ ވެކްސިން ޖަހައިފަ އެވެ. އައްޑޫ ސިޓީގައި މިހާރު އަމާޒު ހިފާފައި ވަނީ ދުވާލެއްގެ މައްޗަށް 1000 މީހުންނަށް ވެކްސިން ދިނުމަށެވެ.
ކޮވިޑް19 ކޮންޓްރޯލު ކުރުމަށް އައްޑޫ ގައި އަޅާފައިވާ ފިޔަވަޅުތައް އިތުރު ހަފްތާ އަކަށް ވަނީ ދަންމާލައިފަ އެވެ.
އެގޮތުން ރޭގަނޑު 8:00 އިން ފެށިގެން ފަތިހު 4:30 އަށް، އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މަނާކޮށް އަދި އައްޑޫގެ އެއް އަވަށުން އަނެއް އަވަށަށް ދިޔުމާއި ޕާޓީތަކާއި ހަފްލާތަކާއި ރަސްމިއްޔާތުތައް ބޭއްވުންވެސް ވަނީ މަނާކޮށްފަ އެވެ.
އޭގެ އިތުރުން އެރަށުގެ ހޮޓާތަކާއި ރެސްޓޯރެންޓްތައް ޑެލިވަރީގެ ހިދުމަތް ފިޔަވައި އެހެން ހިދުމަތްތަކަށް ބަންދުކުރުމަށްވެސް ވަނީ ނިންމައިފަ އެވެ.
އިތުރު ހަފްތާއަކަށް ދަންމާލާ އެހެން ފިޔަވަޅުތައް:
- ޔުނިވާސިޓީ/ކޮލެޖް/ސްކޫލަތަކުގެ ދަރިވަރުން ހާޒިރުވެގެން ކްލާސްތައް ކުރިއަށް ގެންދިޔުން
- އެއްފަހަރާ ތިން މީހުންނަށްވުރެ ގިނަ މީހުން އެއްވެ އުޅުން މަނާކުރުން
- ސެލޫން، ޖިމް އަދި ބޯކޮށާ ތަންތަން ބަންދުކުރުން
- ހުރިހާ ކުޅިވަރު ހަރަކާތްތަކާއި ކަސްރަތުގެ ހަރަކާތްތައް ހިންގުން ހުއްޓާލުން
- ޓެކްސީ ހިދުމަތް ދޭ ފަރާތްތަކުން އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ހިދުމަތް ދިނުން
- ފިހާރަތާކާއި ބޭންކުތަކުން އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ހިދުމަތް ދިނުން