ކޮވިޑް-19 ކޭސްތަކާ ގުޅިގެން ގދ. ތިނަދޫގައި އަޅާފައިވާ މޮނިޓަރިން ފިޔަވަޅުތައް އުވާލައި އެ ރަށް އާންމު ހާލަތަށް އަނބުރާ ގެނެސްފި އެވެ.

ތިނަދޫއިން ނެގި ހަތަރު ރެންޑަމް ސާމްޕަލެއް ޕޮޒިޓިވްވުމާ އެކު އެ ރަށް މޮނިޓަރިންއަށް ލީ މި މަހުގެ ހަތް ވަނަ ދުވަހު އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ނެރުނު އިއުލާނެއްގައިވާ ގޮތުން ނަމަ ތިނަދޫ މޮނިޓަރިންގް އަށް ލީ ކަންކަން ބަލައި ނިމިފައިވާތީވެ، އެ ރަށުގެ މޮނިޓަރިން ހާލަތު އިތުރަށް ދަމަހައްޓަންޖެހޭ ސަބަބެއް މިހާރަކު ނެތެވެ. އެހެންވެ، މޮނިޓަރިން ވަނީ މިހާރު އުވާލައިފަ އެވެ.

އެ ރަށުން މިފަހުން ފެނުނު ފުރަތަމަ ކޮވިޑް-19 ކޭސްއަކީ އައްޑޫ ސިޓީއިން އެރަށަށް މި މަހުގެ ތިން ވަނަ ދުވަހު ދިޔަ ފަރާތެކެވެ. އެ ފަރާތަކީ އައްޑޫ ސިޓީއިން ފެނުނު އޭވިއޭޝަން ކްލަސްޓާގެ ކޮންޓެކްޓެކެވެ. އެ ކޭސްއާ ގުޅިގެން ތިނަދޫއިން ނެގުނު ރެންޑަމް ސާމްޕަލްތަކުގެ ތެރެއިން ހަތަރު ސާމްޕަލެއް ކޮވިޑަށް ޕޮޒިޓިވްވި އެވެ.

ގދ. އަތޮޅުގެ އެންމެ އާބާދީ ބޮޑު ރަށް ކަމުގައިވާ ތިނަދޫއިން ފެނުނު ކޭސްތަކާއި ގުޅިގެން 400 އަށް ވުރެ ގިނަ ރެންޑަމް ސާމްޕަލް ވަނީ ނަގާފަ އެވެ. ދެކުނުގެ އެންމެ ބޮޑު ދެ ރަށްކަމުގައިވާ ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީ އަދިވެސް އޮތީ މޮނިޓަރިން ގަ އެވެ. ތިނަދޫގައިވެސް މިހާރު ދަނީ ކޮވިޑާ ދެކޮޅަށް އާންމުންނަށް ވެކްސިން ދެމުންނެވެ.