01 Feb 2012, 11:37
ސިފައިން ހައްޔަރުކޮށް، އެމީހުންގެ ޓްރޭނިން ކޭމްޕް ގިރިފުށީގައި ބަހައްޓާފައި ހުންނެވި އިސް ގާޒީ އަބްދުﷲ މުހައްމަދު މިނިވަން ކުރުމަށް ގޮވާލައި ކުރަން ފެށި މުޒާހަރާ ރޭ ފެށި އިރު އިދިކޮޅު ސިޔާސީ ޕާޓީތަކުގެ އިސް ފަރާތްތަކުގެ ތެރެއިން ހުންނެވީ އެންމެ ބޭފުޅެކެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ވިލިމާފަންނު ދާއިރާގެ މެމްބަރު އަހުމަދު ނިހާނު ހަސަން މަނިކެވެ.
އޭނާ އިސްވެ ހުންނަވައިގެން ފެށި މުޒާހަރާއަކީ މި ސިލްސިލާގެ މުޒާހަރާތަކުގެ ތެރެއިން އެންމެ މީހުން މަދު މުޒާހަރާ އެވެ. ހާވިޔާވެފައި އޮތް މުޒާހަރާގެ ބައިވެރިންނަށް އެމީހުން ތިބި ސަރަހައްދު ދޫކޮށް ދިއުމަށް ފުލުހުން ރޭ އިންޒާރުކުރީ ވެސް އެހާ އަވަހަށެވެ. އެ އިންޒާރުތަކާއެކު ފުލުހުން މުޒާހަރާގެ ބައިވެރިން ގެންގުޅޭ އަޑުގަދަކުރާ ބެހެއްޓި ޕިކަޕް ވަށައިލީ ވެސް އެހާ އަވަހަށެވެ. އެދި އެހެން ރޭރެއަށްވުރެ މާ އަވަހަކަށް ރޭ ވަނީ މުޒާހަރާގެ ތެރެއަށް ކަރުނަގޭސް ބުރުވާލައި އެކި މީޙުން އެކިދިމާއަށް ވިއްސިވިހާލިކޮށްލައިފަ އެވެ.
މުޒާހަރާ އަލުން އެކަތިގަނޑަކަށްވެގެން މައިދާނަށް ނުކތް އިރު އިރުޝާދު ދޭނޭ ލީޑަރެއް ވެސް ނެތެވެ. މަޖިލިސް މެމްބަރު ނިހާނާއި ޕީޕީއެމްގެ ކައުންސިލް މެމްބަރު މާޒް ސަލީމް ވެސް ވަޑައިގެންނެވި ތަނެއް ނޭނގުނެވެ. ގައިމު ވެސް ފުލުހުން އެއިން ބޭފުޅަކު ހައްޔަރެއް ނުކުރެ އެވެ.
ކަރުނަގޭސް ޖެހުމުން ދުރަށް ދުވި އިދިކޮޅު އެކްޓިވިސްޓުން އެނބުރި އައުމުން ދެން ފެނުނީ މުޒާހަރާތަކުގައި ކުރިން ނުފެންނަ ފަދަ ބައެއް މަންޒަރުތަކެވެ. އާގުބޯޓްފަހަރު ހާލުގައި ޖެހުމުން އުދުއްސާ ނެވިގޭޝަން ފްލޭޝް ބޯމަތިން އަޅާފައި ދިޔައިރު ހީކުރެވުނީ އެއީ ބަންކިޔާފައި ގޮވާނެ އެއްޗެއް ކަމަށެވެ.
އަމިއްލަ ސަލާމަތަށް، ފަހަތަށް ޖެހިފައި އެނބުރި އައިރު އެކަން ނިމިއްޖެ އެވެ. އެކަމަކު ވަރުގަދައަށް އަލިފާން ހިފާ ޒާތުގެ ކޮންމެވެސް އެއްޗެއް އަޅާފައިވާ ފުޅިއެއް އޭރު ފުލުހުންގެ ސަފުތަކުގެ ތެރޭގައި އޮވެ އަނދަމުން ދިޔަ އެވެ. އޭގައި ހުޅު ހިފިލެއް ގަދަކަމުން އޭގެ އަލިފާންގަނޑު ފުލުހެއްގެ ގައިގައި ހިފިއެވެ. އަލިފާން ނިވާ ފުޅި ބޭނުންކޮށްގެންނާއި ފައިން ތަޅާ ހަދައިގެން ފުލުހުން އެފުޅި ނިއްވައިލެވޭތޯ އުޅުނު އިރު ވެސް ގަލާއި އުނބައި ކުލަޕެކެޓާއި ބިހުގެ ހަމަލާތައް ފުލުހުން ދިޔައީ އަމާޒުވަމުންވެ. އެންމެ ބިހެއް އެއްލަނީ އެއް ނޫނެވެ. ބިސް ޓްރޭ ހުރި ގޮތަށް އުކާފައި ވެއެވެ.
ދެން ފެތުރުނު ހަބަރަކީ ފުލުހުންގެ އައްޑަނައަކުން ޖެހި މީހަކަށް ވަރަށް ބޮޑަށް އަނިޔާވެގެން ހޮސްޕިޓަލަށް ގެންދިޔަކަމަށް ފެތުރުނު ހަބަރެކެވެ. އެކަމެއް ސާފެއް ނުވެ އެވެ. އެވަގުތުވީ ފުލުހުން ކުރިއަރައި، އެކްޓިވިސްޓުންގެ ބަޔަކު ހައްޔަރުކުރި ވަގުތަށެވެ. އެއީ ގާތްގަނޑަކަށް މުޒާހަރާގެ ނިމުނު ހިސާބެވެ. މީހުން ވެސް ވަރަށް ބޮޑަށް މަދުވެފައިވާތީ އާއި ތިބި މީހުން ވެސް ގުންފާޖަހާގައި ދުވަން ފެށުމުންނެވެ. ފުލުހުން އެއެންމެން ފަހާ ދުއްވަމުން ދިޔައިރު ނޫސްވެރިންނަކަށް ނުބަލަ އެވެ. ވަކިވަކިން މޫނަށް ޕެޕަ ސްޕްރޭ ޖަހައިދިނެވެ.
ދެން އޮތީ މުޒާހަރާއެއް ނޫނެވެ. އެކި ދިމަދިމާއިން ގޯޅިގޯޅިއަށް މަދުމަދުން މީހުން އެއްވެފައި ދުވުމެވެ. އެގޯޅިތަކުގެ ކަންކަން މައްޗަށް ފުލުހުން ދުވެ މުޒާހަރާ މުޅިން ނިމުނީ ކަމަށް ބަލައި ނައްޓައިލި އިރު ވެސް އެހެން ރޭރޭ ފެންނަ ލީޑަރުންނެއް ނެތެވެ. މުޒާހަރާ ނިންމާލީ ކަމެއް ވެސް މިރޭ ޖައްސާނެ ކަން ވެސް އިއުލާން ކުރާނެ މީހަކު ނުވި އެވެ. މުޒާހަރާގެ ބައިވެރިން މަގުތަކުން ހުސްވީ ސިޔާސީ ލީޑަރުންނާ ނުލައި އެކި ދިމަ ދިމާގައި އެނބުރެމުން އެނބުރެމުން އެކަކު އަނެކަކަށް ގެއްލިގެނެވެ.
ލިޔުމާ ގުޅޭ ވީޑިއޯ: ރޭ ކުރި މުޒާހަރާގައި ފުުލުހުންނާ މުޒާހަރާގެ ބައިވެރިން ކުރިމަތިލަނީ
http://www.youtube.com/watch?v=BpdmlnWa8ws