14:30


އެންޓި ކޮރަޕްޝަންސް ކޮމިޝަންގެ ބައެއް މެންބަރުންނަށް ބިރު ދެއްކުމަށް ހޯރަ ވަހީދު ނަމަކަށް ކިޔާ މީހަކު މެދުވެރިކޮށް ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރ އަހުމަދު ނާޒިމް މަސައްކަތްކުރައްވާފައިވާ ކަމަށް ވިދާޅުވެފައިވާ އޯޑިއޯ ކްލިޕެއް ލީކްވެގެން އުޅޭ މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވާ މީހަކީ ހޯރަފުށީ ކަތީބު ކަމަށް ކަށަވަރުވެއްޖެ އެވެ.


ހޯރަފުށީ މީހަކު މިއަދު ބުނީ އެ މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވާ ހޯރަފުށީ، މަލަ، މުހައްމަދު ވަހީދު އުސްމާނަކީ އެކަމާ އެއްވެސް ގުޅުމެއްވާ މީހެއް ނޫން ކަމަށެވެ އަދި އެރަށުގެ އެއްވެސް މީހަކު "ހޯރަ ވަހީދު" އޭނާ އަށް ނުކިޔާ ކަމަށާއި ވަނަމަކަށް އޭނާ އަށް ކިޔަނީ ވަހީދު ކަތީބު ކަމަށް ވެސް އެ މީހާ ބުންޏެވެ. އަދި ފުލުހުން އެމީހާ ހައްޔަރުކުރީ އޭނާ ދިރިއުޅޭ ގެ ވަރަށް ބޮޑަށް ބަލައި ފާސްކުރުމަށްފަހު ކަމަށާއި އަދި އިއްޔެވެސް ފުލުހުން އެގެ ބަލާ ފާސްކޮށްފައިވާ ކަމަށްވެސް އޭނާ ބުންޏެވެ.


އެމީހާ އިތުރަށް ބުނީ އެރަށުގައި ހޯރަ ވަހީދު ކިޔާ މީހަކު އުޅޭ ކަމަށް ރަށު މީހުން ބުނާ ކަމަށާއި ނަމަވެސް އެމީހާގެ ފުރިހަމަ ނަމެއް އެނގިފައިނުވާ ކަމަށެވެ.


ލީކްވި އެ އޯޑިއޯ ކްލިފްގައި އޭސީސީގެ ދެ މެންބަރަކަށް ހޯރަ ވަހީދެއް ކިޔާ މީހެއް ލައްވާ އިންޒާރެއް ދީގެން ކޮންމެވެސް ކަންތައްތަކެއް ކުރުމަށް ހަމަޖައްސާފައިވާ ކަމަށް ދޭހަވާ ފަދަ ވާހަކަތަކެއް ޔާމިން އަބްދުލްގައްޔޫމު އަރިހު ނާޒިމް ދައްކަވާފައިވާ ކަމަށް ތުހުމަތުކުރެވެ އެވެ.


ފުލުހުންގެ މީޑިއާ އޮފިޝަލަކު އިއްޔެ ވިދާޅުވީ ނާޒިމްގެ މައްސަލައާ ގުޅިގެން އިތުރު މީހަކު ފުލުހުން ހައްޔަރުކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ މީހާއާ ބެހޭ އެއްވެސް ތަފްސީލެއް ދެއްވެން ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.


ނާޒިމްގެ ގާތް މީހަކު މިއަދު ބުނީ ލީކުވެގެން އުޅޭ އޯޑިއޯ ކްލިޕްތަކުގައި ބޭނުންކޮށްފައިވާ ރޯޒް އާއި ހޯރަ ވަހޯދު ފަދަ ނަންނަމަކީ ކޯޑު ނަންނަން ކަމަށާއި އެއީ އުޅޭ މީހުން ނޫން ކަމަށެވެ.