17 Feb 2021, 07:10
މިދިޔަ މަހުގެ ހަތަރު ވަނަ ދުވަހުގެ ރޭ ގައިމައްޗަށް ޓާފް ރޯލެއް ވެއްޓި ސީރިއަސް އަނިޔާތަކެއް ލިބުނު ޒުވާނާއަށް އިންޑިއާގެ ހޮސްޕިޓަލެއްގައި ފަރުވާ ދެމުން ދަނިކޮށް މަރުވެއްޖެ އެވެ.
އެމްޕީއެލް ސަރަހައްދުގައި ހިނގި އެ ނުރައްކާތެރި ހާދިސާގައި ހދ. ނޮޅީވަރަން، ނައިޓް ޑްރީމް، އިމްރާން އަލީ، 28 ގެ ގައިމައްޗަށް ޓާފްރޯލް ވެއްޓި އޭނާގެ ދެފައި ވަނީ އިރައިގެން ގޮސްފަ އެވެ.
އިތުރު ފަރުވާއަށް އިންޑިއާ އަށް ގެންދިޔައީ އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާދިނުމަށްފަހު މިދިޔަ ހޯމަ ދުވަހުގެ ވަގުތެއްގަ އެވެ.
އިމްރާން މަރުވީ އިންޑިއާގެ ކޮޗިންގެ އަމްރިތާ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް ރޭ 1:30 އެހައިކަންހާއިރު އެވެ.
އެ ހާދިސާ ހިނގީ މަޖޫރީންތަކެއް ޓާފް ރޯލުތަކެއް އަންލޯޑު ކުރުމަށްފަހު ކެރޭނެއް ބޭނުންކޮށްގެން ރޯލުތައް ދޯންޏަކަށް އެރުވުމުގެ މަސައްކަތް ކުރަމުން ދަނިކޮށެވެ.
އިމްރާނަކީ "މިނާ އިންވެސްޓްމަންޓް" ކްލިއަރެންސް ގްރޫޕުގެ މަޖޫރީއެކެވެ.
އެ މައްސަލައާ ގުޅިގެން "މިނާ އިންވެސްޓްމަންޓް" ކްލިއަރެންސް ގްރޫޕާއި އެ އޮޕަރޭޝަނުގައި ބައިވެރިވި އެމްޕީއެލްގެ މުވައްޒަފުން ވަނީ ސަސްޕެންޑުކޮށްފަ އެވެ.
އެ ހާދިސާއާ ގުޅިގެން އެމްޕީއެލްގެ އެކްސިޑެންޓު އެންޑް އިންވެސްޓިގޭޝަން ކޮމެޓީން ވަނީ ތަހުގީގެއް ފަށައިފަ އެވެ.
އެމްޕީއެލް އިން ބުނެފައި ވަނީ އެ ހާދިސާ ތަހުގީގު ކުރަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ކަމަށާއި، އެކަމުގައި ޒިންމާވާންޖެހޭ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެކަމަށެވެ.
މިއީ މި އަހަރުގެ ތެރޭގައި އެމްޕީއެލްގައި ހިނގި މިފަދަ ދެވަނަ ހާދިސާ އެވެ. މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި، ބިއްލޫރި ޕެލެޓެއް، ކޮންޓޭނަރަކުން ނެރުމަށް މަސައްކަތްކުރުމުގެ ތެރޭގައި ނ. ލަންދޫ ފޭރުގަސްދޮށުގެ، އަބްދުﷲ އާސިމް، 27ގެ ގައިމައްޗަށް ޕެލެޓު ވެއްޓި ލިބުނު އަނިޔާތަކަށް ފަރުވާ ދެނިކޮށް އޭނާ ވެސް ވަނީ މަރުވެފަ އެވެ.