17 Feb 2021, 00:02
މިއަދުން ފެށިގެން މާލެ ސަރަހައްދުގައި އުޅޭ އުމުރުން 40 އަހަރުން މަތީގެ މީހުންނަށް ވެކްސިން ޖެހުމުގެ ފުރުސަތު އޮންނާނެ ކަމަށް އެޗްޕީއޭ އިން ބުނެފިއެވެ.
އެޗްޕީއޭ އިން ބުނީ މިއަދުން ފެށިގެން ވެކްސިން ދޭނީ 40 އަހަރުން މަތީގެ މީހުންނަށާއި އުމުރުން 18 އަހަރާ 40 އަހަރާ ދެމެދުގެ މީހުންގެ ތެރެއިން ދިގު މުައްދަތަކަށް ބޭސް ފަރުވާ ކުރާ މީހުންނަށް ކަމަށެވެ.
ވެކްސިން ޖެހުން ސޯޝަލް ސެންޓަރު އަދި އިސްލާމީ މަރުކަޒު ގައި ހެނދުނު ނުވަޔަކުން ހަވީރު ފަހަކަށް ކުރިއަށް ދާނެއެވެ.
މީގެ އިތުރުން ވިލިމާލޭ ޒުވާނުންގެ މަރުކަޒުގައި ވެކްސިން ޖެހުން ހެނުދު ނުވަޔަކުން މެންދުރު އެކަކަށް އަދި ހުޅުމާލޭ ފްލޫ ކްލިނިކު ހިންގި އިމާރާތުގައި ނިވަޔަކުން ފަހަކަށް ވެކްސިން ޖެހުން ކުރިއަށް ދާނެއެވެ.
އެޗްޕީއޭ އިން އާންމުކުރި ހިސާބުތަކަށް ބަލާއިރު މިހާތަނަށް ރާއްޖެއިން ޖުމްލަ 50،047 މީހުން ވަނީ ވެކްސިން ޖަހާފަ އެވެ.
އޭގެ ތެރެއިން 39،309 މީހުންނަކީ މާލެ ސަރަހައްދުން ވެކްސިން ޖެހި މީހުންނެވެ. އަތޮޅުތަކުން ވެކްސިން ޖަހާފައިވަނީ 10،519 މީހުންނެވެ. އަދި ރިސޯޓުތަކުން 219 މީހަކު ވެކްސިން ޖަހާފައިވެ އެވެ.
ރާއްޖޭގައި މިހާރު ޖަހަމުން އަންނަނީ އިންޑިއާއިން ހަދިޔާ ކުރި އޮކްސްފޯޑް-އެސްޓްރާޒެކެނާ ކޮވިޝީލްޑް ވެކްސިންގެ 100،000 ޑޯޒް އެވެ.
މީގެ އިތުރުން ޗައިނާގެ ސައިނޯފަމް ވެކްސިންގެ 10،000 ޑޯޒް ވެސް ރާއްޖެ އަށް ވަނީ ލިބިފައެވެ. ހެޔޮ އެދޭ ފަރާތްތަކުން ހަދިޔާކުރި އެ ވެކްސިން ޖަހަން ފަށާނީ ވެކްސިނަށް ހުއްދަ ލިބުމުން ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
ޗައިނާއިންވެސް ވަނީ ރާއްޖެއަށް ސައިނޯފާމް ވެކްސިންގެ 100،000 ޑޯޒް ހަދިޔަ ކުރަން ނިންމައިފައެވެ.
މި މަސް ނިމުމުގެ ކުރިން ކޮވިޑު ވެކްސިންގެ އިތުރު 100،000 ޑޯޒް ރާއްޖެ ގެނެވޭނެކަމަށް އުންމީދުކުރެވޭ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ. އޭގެ ތަފްސީލެއް ނުދެއެވެ.
އެ ވެކްސިންތަކުގެ އިތުރުން ސަރުކާރުން ވަނީ 700،000 ޑޯޒް ގަތުމަށް އެސްޓްރާޒެނެކާއާއެކު އެއްބަސްވުމެއް ހަދާފަ އެވެ.
އެ އެއްބަސްވުމުގެ ދަށުން ގެންނަ ވެކްސިން އަންނަ މާޗު މަހު ލިބޭނެ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވަނީ ވިދާޅުވެފަ އެވެ.