މިރޭ ވ. އަތޮޅު ފޮއްތެޔޮ ބޮޑުފުށިން މަރުވެފައި އޮއްވާ ފެނުނު މީހާ އާއި މިއަދު ހަވީރު ވ. އަންބަރާ ކައިރިން ޑިންގީގައި އޮޔާ ދަނިކޮށް ފެނުނު މީހާ އާއި ގުޅުން އެބައޮތްކަން ފާހަގަ ކުރެވިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ މަރުވެފައި އޮއްވާ ފެނުނު މީހާ އަކީ އަންބަރާ ބޭރުން އޮޔާ ދަނިކޮށް ފެނުނު ޑިންގީއާ ގުޅުން އޮތް މީހެެއް ކަމަށް މިހާތަނަށް ތަހުގީގަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ.

އިތުރު ތަފްސީލެއް ދޭން އަދި ދަތިކަމަށް ފުލުހުން ބުންޏެވެ.

ފޮއްތެޔޮ ބޮޑުފުށިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިގެން ފުލުހުންނަށް ރިޕޯޓު ކޮށްފައިވަނީ މިއަދު ހެނދުނު 11:02 ހާއިރު އެވެ.

ފުލުހުން ބުނީ މަރުވެފައި އޮއްވާ ފެނުނު މީހަކީ ބިދޭސީއެއް ކަމަށް ބެލެވޭ ކަމަށެވެ.

އަދި އެމީހާގެ ހަށިގަނޑު ފެނުނީ އެ ރަށަށް ދަނޑިކަނޑަށް ގޮސް އުޅުނު ބަޔަކަށް ކަމަށް ވެސް ފުލުހުން ބުންޏެވެ.

މަރުވެފައި އޮއްވާ ފެނުނު މީހާގެ ހަށިގަނޑުގެ ބޭރުފުށުން ޝައްކު ކުރެވޭ އެއްވެސް ނިޝާނެއް ފެންނަން ނެތް ކަމަށާއި ނަމަވެސް އިތުރަށް ބަލަން ޖެހޭ ކަންތައް ބެލުމަށް ހަށިގަނޑު މާލެ ގެންނަ ކަމަށް ފުލުހުން ބުންޏެވެ.

އަންބަރާ ކައިރިން އޮޔާ ދިޔަ ޑިންގީ އެއް ފެނިގެން އެމްއެންޑީއެފް އަށް ރިޕޯޓު ކޮށްފައިވަނީ މިއަދު ހަވީރު އެވެ. އެ ޑިންގީގައި އިން މީހާގެ އަތުގައި ހުރި ލިޔެކިޔުމުން އޭނާ އަކީ ލަންކާ މީހެއްކަން ދެނެގަނެވިފައިވާ ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.

ކޯސްޓްގާޑްގެ ބެލުމުގެ ދަށުން އެ ޑިންގީ ވ. ފެލިދުއަށް ގެންގޮސް ވަނީ ފުލުހުންނާ ހަވާލުުކޮށްފައެވެ.

މަރުވެފައި އޮއްވާ ފެނުނު މީހާ އަކީ ސީދާ ލަންކާ މީހެއް ކަމަށް ބުނަން އަދި ނޭނގޭ ކަމަށާއި އިތުރަށް ބަލަންކެހޭ ކަންތައް ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.