ދެއިރު ދެދަޅައަށް ގެ ބަދަލުވުމާއި ބޮޑެތި ސިންގާހާ ފަރުނީޗަރުތައް ކޮނޑުއަޅައިން ދުވުމަކީ އަހަރެމެންނަށް އާ ކަންކަމެއް ނޫނެވެ. ލިބޭތަންތަން ކުޑަވެފައި، އާއިލާގެ މެންބަރުންގެ އުމުރު މަތިވެ، އާ މެންބަރުން އިތުރުވާ ވަރަކަށް ބޭނުންވާ ޖާގަވެސް އިތުރު ވެއެވެ. އެއާއެކު އޮންނަނީ އާ ތަނަކަށް އަނެއްކާވެސް ބަދަލުވާންވެފަ އެވެ. ކުދިކުދި ޖާގަތަކުގައި އެތަށް ސަތޭކަ ސާމާނާއި އެކު އުޅެންޖެހިފައިވާ ހާސްކަން ބޮޑު ދިރިއުޅުމަށް ކުޑަ ލުޔެއް ހޯދައިދެވޭތޯ އިންޓީރިއާ ޑިޒައިނާ މަރިޔަމް މީފާއު ރަޝީދު (މިނީ) މިވަނީ ފަސް ކަމެއް ކިޔައިދީފަ އެވެ.

އިންޓީރިއާ ޑިޒައިިިނިންގައި މިވީ ހަތަރު އަހަރު ހޭދަ ކުރެވުނު އިރު މިހާރު މިނީ އަކީ މި މަސައްކަތް ފްރީލާންސްކޮށް ކޮށްދެމުން އަންނަ ޒުވާނެކެވެ.

ބަދިގެ ސެޓު އުސްކޮށްްް

1. އަމިއްލަ ތަނެއްގައި އުޅޭނަމަ ސްޓޯރޭޖަށް ސަމާލުކަން ދީ

އަމިއްލަ ތަންތަނުގައި އުޅޭ މީހުންނާއި ގިނަ މުއްދަތަކަށް ތަނެއްގައި ދިރިއުޅޭނަމަ ލިބިފައިވާ ޖާގައިގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފުމަކީ މިނީ ބުނާގޮތުގައި ކޮންމެހެންވެސް މުހިންމު ކަމެކެވެ. ހާއްސަކޮށް ބަދިގެ ކަބަޑު ސެޓާއި، ހެދުން ބަހައްޓާ އަލަމާރި ވީހާވެސް އުސްކޮށް ބެހެއްޓުމަކީ ތަކެތި ރައްކާކުރާނެ ޖާގަ އިތުރުކުރުމަށް ކުރެވިދާނެ ކަމެކެވެ.

"ވާގޮތަކީ ރާއްޖޭގައި ވަރަށްް ކުދި ތަންތަންކޮޅު މިހުންނަނީ. އެއްޗެހި ަބަހައްޓާނެ ޖާގައެއް ގިނަފަހަރަކު ނޯވޭ. އެހެންވީމަ މިގޮތަށް ސީލިންގް އާ ހަމައަށް ފުލް ހައިޓްކޮށް ކަބަޑު އެއްޗެހި ޖެހީމަ ގިނަ ޖާގަ އެބަލިބޭ އެއްޗެހި ރައްކާކުރަން" މިނީ ބުންޏެވެ

މީގެ އިތުރުންވެސް އެނދު ދަށުގައިވެސް އެއްޗެހި ސްޓޯ ކޮށްފައި ބެހެއްޓޭނެ ހާއްސަ ސްޓޮރޯޖް ބޮކްސް ހެޔޮއަގުގައި މިހާރު ލިބެން ހުންނައިރު، އެކި ބާވަތްތައް ވަކިވަކިކޮށް އެނދު ދަށުން ފަސޭހައިން ނެގޭނެހެން ބެހެއްޓުމަކީ މިގޮތުން ކުރެވިދާނެ ކަމެކެވެ. އަދި ހާޢްސަކޮށް ފާހާނާ އަކީ ގޭގެ އެންމެ ޖާގަ ކުޑަ އެހެންނަމަވެސް ގިނަ އެއްޗެހިތަކެއް ބަހައްޓަންޖެހޭ ތަނަކަށްވާއިރު، މިހާރު ލިބެން ހުރީ އެކިއެއްޗިއްސަށް ބަލައި ސްޓޮރޭޖްއާއި އެއްކޮށް ހުންނަ ލޯގަނޑުފަދަ ތަކެތިވެސް ބޭނުންކުރުމަށް އިސްކަންދެވިދާނެ ކަމަށް މިނީ ބުންޏެވެ.

ފްރިޖުގެ އެއްފަރާތް

2. ތަނބާއި ފާރާއި ދެމެދުގެ ޖާގަތަކަކީ ވެސް ވަރަށް ބޭނުންތެރި ތަނެއް

މިހާރުގެ ގިނަ އިމާރާތްތަކުގައި އެކި ސައިޒުތަކުގެ ތަނބުތައް ނިކަން ގިނައިން ހުރެއެވެ. މިފަދަ ތަނބުތަކުން މާ ބޮޑު ބޭނުމެއް ނުކުރެވުނު ނަމަވެސް މިނީ ބުނާގޮތުގައި މިއީވެސް ލައްކަ ބޭނުމެއް ހިފޭނެ ތަނެކެވެ.

މިގޮތުން ކުދި ހެޔޮވަރުވަރުގެ ޝެލްފްތައް ޖަހައި އެތަންތަނުގައި އެކި އެއްޗެހި ބެހެއްޓިދާނެ އެވެ. ހަމައެޔާއެކު ބަދިގޭގައި ނުވަތަ ސިޓިން ރޫމްގައި ބަހައްޓާފައި ހުންނަ ފރިޖުގެ އެއް ފަރާތުގައިވެސް ފޮއިލްއާއި ޓިޝޫ އާއި މިޒތުގެ އެއްޗެހި ހަރުކޮށްފައި ބެހެއްޓޭނެ އެވެ.

އަދި ގާތްގަނޑަކަށް އެންމެންހެން ދޮރުގެ ފަހަތުގައި އަންނައުނު ބަހައްޓާއިރު ދޮރުގައި އަޅުވާލެވޭނެ ގޮތަށް މިހާރު ފައިވާން ބަހައްޓާއެއްޗެހި ވެސް ހުންނަކަށް މިނީ ފާހަގަކުރިއެވެ. އެހެންކަމުން އެންމެ ހީނުކުރާ ޖާގައިގައިވެސް ތަފާތު މޮޅު ބޭނުމެއް ކުރެވިދާނެއެވެ.

ފާރުގައި ވެސް އެއްޗެކ ހަރުކުރެވޭނެ

3. ފަރުނީޗަރު ބަހައްޓާނެ ތަނެއް ނެތިއްޔާ ދެން ހުރީ ފާރު

ކޮންމެ ގެއެއްގައިވެސް ކޮންމެހެން ޒަރޫރީ ފަރުނީޗަރުތަކެއް ހުރެއެވެ. އެ ތަކެތި ބަހައްޓާފައި ދެން އިތުރު ފަރުނީޗަރެއް ބަހައްޓާނެ ޖާގަ އެއް ގިނަފަހަރަކު ނޯވެއެވެ. ނަމަވެސް އެއްގޮތް ނެތިއްޔާ އަނެއްގޮތްވެސް އޮންނާނެއޭ ބުނާފަދައިން މިނީ ބުނަނީ ދެން ބޭނުންކުރަންވީ ފާރުތައް ކަމަށެވެ. މިދުވަސްވަރަކީ ހާޢްސަކޮށް ގޭތެރޭގައި ތަފާތު ގަސްތައް އިންދުމުގެ ފޯރިއެއް އޮތް ދުވަސްވަރަކަށްވާއިރު، ގަހެއް ބަހައްޓާނެ ޖާގައެއް ނެތިއްޔާ ފާރުގައި ކޮންމެވެސް ގޮތަކަށް ހަރުކޮށްލާށެވެ.

ނުވިތާކަށް ކާމޭޒާއި އިށީންނަ ގޮނޑިތަކަކީވެސް މިހާރު ފާރުގައި ހަރުކޮށްލެވޭނެ ހެން ނުވަތަ ފަތްޖަހާފައި ބެހެއްޓޭނެ ހެން ފަރުމާކުރެވިފައިހުންނަ އެއްޗިއްސެވެ. ޖާގަ ނެތްނަމަ މިޒާތުގައި ފަރުނީޗަރު ޖަހައިގެން ނުވަތަ ހޯދައިގެން ބޭނުންކުރެވިދާނެ އެވެ.

އޯގަނައިޒްކުރާ ޓްރޭ

4. ގެއްލޭކަހަލަ ސާމާނުވެސް ނުގެއްލޭ ކަހަލަ ގޮތަކަށް

ދެން މިއޮތީ ނިކަން ޒާތެއްގެ ވާހަކައެކެވެ. ގޭގެ ތަޅުދަނޑިތަކާއި، އޭތިމީތި ގަނެ ބާކީވާ ވަކި ލާރިކޮޅާއި ފޯނުގެ ހެޑްސެޓާއި މި ޒާތުގެ ތަކެއްޗަކީ ނިކަން ފަަސޭހައިން ތަންތަނަށް ގިނަވެ ޖަމާވާ އެއްޗިއްސެވެ.

ނުވިތާކަށް ޑްރެސިންޓޭބަލް މަތީގައި އަތުރާލެވިފައި ނުވަތަ އުކާލެވިފައި އެ ހުންނަ ރީތިވާ ސާމާނަކީ ވެސް ހަމަ މިފަދައިން ގޭތެރޭގެ ތަރުތީބުކަމާއި ރީތިކަން ގެއްލުވާލާ ތަކެއްޗެވެ. މިކަންކަމަށްް އޮތް ހައްލަކީ ހުރިހާ އެއްޗެއް އެއް ދިމާލަކަށް ގިނަ ކޮށްފައި ބެހެއްޓުމުގެ ބަދަލުގައި ވަކިވަކި ވަށިގަނޑުތަކެއްގައި ބެހެއްޓުމެވެ. އެކި ކަހަލަ އޯގަނައިޒާސް ބޭނުންކުރުމެވެ.

ކުޅޭ ސާމާނު

5. ހުރިހާ އެއްޗަކަށްވެސް ހާއްސަ ތަނެއް

މިއީ އެންމެނަށްވެސް އެނގޭ ނިކަން ގިނައިން އަޑުއިވޭނެ ވާހަކައެކެވެ. ގެއަށް ތިމާ ވައްދާ ކޮންމެ އެއްޗަކީވެސް އެ އެއްޗަކަށް ވަކި ހާއްސަ ޖާގައެއް ކަނޑައެޅިފައި އޮންނަން ވާނެ އެއްޗެކެވެ. އެއީ އަދި ކިތަންމެ ކުޑަ ކިއްލި ކޮތަޅަކަސް، ނުވަތަ އަވަނާއި ކުކަރާއި ދަރިންގެ ކުޅޭ ސާމާނަށްވިޔަސް މެއެވެ.

"މިސާލަކަށް ކުޅޭ އެއްޗިއްސަށް މި ހާޢްސަކުރަނީ ކޮޓަރިއެއްގެ ވަކި ތަނެއް. އަބަދުވެސް ހުރިހާ ކުޅޭއެއްޗެއް އެތަނުގައި ބެހެއްޓީމަ ކުދިންނަށްވެސް އެބަ އެގޮތަށް އެކަން ކުރަން ދަސްވޭ. އަނެއްކާ ގޭގެ އެހެން ދިމާތަކުން އެކި ކުދި ސާމާނުތައްވެސް ހުންނަލެއް މަދުވާނެ." މިނީ ބުންޏެވެ.

އާންމުގޮތެއްގައި މާލެކަހަލަ ތޮއްޖެހިފައިވާ ތަނެއްގައި ލިބޭ ގެތައް ނުވަތަ އެޕާޓްމަންޓްތައް އެހާ ކުދިއިރު، އެކަށޭނަ ސައިޒްތަކުގެ އަދި އަތްފޯރާ އަގެއްގައި ބޭނުންވާ ކަހަލަ ފަރުނީޗަރިތައް ލިބެން ނެތުމަކީ މިފަދައިން ގޭތެރެ ތަރުތީބުކޮށް ބޭއްވުމަށް ދިމާވާ އެންމެ ބޮޑު ހުރަސް ކަމަށް މިނީ ބުންޏެވެ.

"އަބަދުވެސް ބަލަންވީ ކޮންމެހެން ރީތި އެއްޗެއް ގަތުމުގެ ބަދަލުގައި، ތިމާ ދިިރިއުޅޭޭތަނަކަށް ހެޔޮވަރު އެކަށޭނަ އެއްޗެއްތޯ. " މިނީ ބުންޏެވެ.