ރާއްޖޭގައި ބައިލައްކަ އަށްވުރެ ގިނަ މީހުންނަށް ކޮވިޑް ވެކްސިން ދީިފިއެވެ.

އެޗްޕީއޭ އިން މިރޭ އަންމުކުރި ހިސާބުތަކަށް ބަލާއިރު މިއަދާ ހަމައަށް ރާއްޖެއިން ޖުމްލަ 50،047 މީހުން ވަނީ ވެކްސިން ޖަހާފަ އެވެ.

އޭގެ ތެރެއިން 39،309 މީހުންނަކީ މާލެ ސަރަހައްދުން ވެކްސިން ޖެހި މީހުންނެވެ. އަތޮޅުތަކުން ވެކްސިން ޖަހާފައިވަނީ 10،519 މީހުންނެވެ. އަދި ރިސޯޓުތަކުން 219 މީހަކު ވެކްސިން ޖަހާފައިވެ އެވެ.

މިއަދުގެ ނަންބަރުތަކަށް ބަލާއިރު، މިއަދު ވެކްސިން ދީފައިވަނީ ޖުމްލަ 6،230 މީހުންނަށެވެ. އެއީ މާލެއިން 4،020 މީހުންނާއި އަތޮޅުތަކުން 2،090މީހުންނަށް އަދި ރިސޯޓުތަކުން 120 މީހުންނަށެވެ.

ރާއްޖޭގައި މިހާރު ޖަހަމުން އަންނަނީ އިންޑިއާއިން ހަދިޔާ ކުރި އޮކްސްފޯޑް-އެސްޓްރާޒެކެނާ ކޮވިޝީލްޑް ވެކްސިންގެ 100،000 ޑޯޒް އެވެ.

މީގެ އިތުރުން ޗައިނާގެ ސައިނޯފަމް ވެކްސިންގެ 10،000 ޑޯޒް ވެސް ރާއްޖެ އަށް ވަނީ ލިބިފައެވެ. ހެޔޮ އެދޭ ފަރާތްތަކުން ހަދިޔާކުރި އެ ވެކްސިން ޖަހަން ފަށާނީ ވެކްސިނަށް ހުއްދަ ލިބުމުން ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

ރާއްޖޭގައި މިވަގުތު 45 އަހަރުން މަތީގެ މީހުންނަށާއި 18 އަހަރުން މަތީގެ މީހުންގެ ތެރެއިން ދާއިމީ ބަލިތަކަށް ބޭސްކުރާ މީހުންނަށް ވެކްސިން ދެއެވެ.

މި މަސް ނިމުމުގެ ކުރިން ކޮވިޑު ވެކްސިންގެ އިތުރު 100،000 ޑޯޒް ރާއްޖެ ގެނެވޭނެކަމަށް އުންމީދުކުރެވޭ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

ޗައިނާއިންވެސް ވަނީ ރާއްޖެއަށް ސައިނޯފާމް ވެކްސިންގެ 100،000 ޑޯޒް ހަދިޔަ ކުރަން ނިންމައިފައެވެ. އެ ވެކްސިންތަކުގެ އިތުރުން ސަރުކާރުން ވަނީ 700،000 ޑޯޒް ގަތުމަށް އެސްޓްރާޒެނެކާއާއެކު އެއްބަސްވުމެއް ހަދާފަ އެވެ.

އެ އެއްބަސްވުމުގެ ދަށުން ގެންނަ ވެކްސިން އަންނަ މާޗު މަހު ލިބޭނެ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވަނީ ވިދާޅުވެފަ އެވެ.