ކުޑަކުއްޖަކާއިއެކު އެއްޖިންސުން ގުޅުންހިންގި މީހެއްގެ މައްޗަށް ކުށް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައި ކޯޓުން ބާތިލްކޮށްފި އެވެ.

ހައިކޯޓުން ބާތިލް ކޮށްފައިވަނީ ގދ. ފަރެސްމާތޮޑާ، ޔާޑްލީ، އަބްދުﷲ ރަޝީދުގެ މައްޗަށް ސެޕްޓެމްބަރު ،19 ،2009 ގައި ހުޅުމާލޭ ވަތަނިއްޔާ އެންޓަނާ ސަރަހައްދުގައި ހުރެ ކުޑަކުއްޖަކާއިއެކު އެއް ޖިންސުން ގުޅުން ހިންގިކަމަށް ޝަރީއަތަށް ސާބިތުވެ 19 އެތިފަހަރުން ތައުޒީރުކޮށް ތިން އަހަރަށް ޖަލަށްލުމަށް ޖެނުއަރީ، 3، 2011 ގައި ކްރިމިނަލް ކޯޓުން ކުރި ހުކުމެވެ.

ހައިކޯޓުގެ ފަނޑިޔާރު އައްބާސް ޝަރީފް، އަބްދުއްރައޫފް އިބްރާހިމާއި އަލީ ސަމީރު ސޮއިކުރައްވާ ބުރާސްފަތި ދުވަހު ކުރެއްވި ހުކުމްގައި ބުނަނީ އޭނާގެ މައްޗަށް ކުށް ސާބިތުވާކަމަށް ހުކުމްކުރި އިރު ކުޑަކުއްޖަކާއެކު އެއް ޖިންސުން ގުޅުންހިންގިކަން ގާނޫނު އަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް އޭނާގެ މައްޗަށް ސާބިތުވެފައި ނުވާ ކަމަށެވެ.

އެ ހުކުމް ބާތިލްކޮށްފައިވަނީ އެ މައްސަލަ ބެއްލެވި ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުންނެވެ.