16 Feb 2021, 21:10
މާލެ ސަރަހައްދުގެ ކާފިއު ދެ ހަފްތާއަށް އިތުރުކޮށްފި އެވެ.
ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި ނެރުނު އެންގުމުގައި ބުނީ، ރާއްޖޭގައި ކޮވިޑް19 ފެތުރުން ކޮންޓްރޯލުކޮށް އާންމު ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަމަށްޓަކާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް، ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބޭ ބާރުގެ ދަށުންް 2021 ފެބްރުއަރީ ދެވަނަ ދުވަހު މާލެެ ސަރަހައްދުގައި 14 ދުވަހުގެ މުއްދަތަށް އަޅާފައިވާ ފިޔަވަޅުތައް މާދަމާ އިން ފެށިގެން އިތުރު 14 ދުވަހުގެ މުއްދަތަކަށް އިތުރު ކުރަން ނިންމައި، އެކަން އަންގާ ކަމަށެވެ.
އޭގެ ތެރޭގައި ޕާކުތަކާއި މައިޒާންތަކަށް ޒިޔާރަތްކުރުން ހުއްޓައިލަން އެންގި އެންގުމާއި ޔުނިވާސިޓީތަކާއި ކޮލެޖްތަކަށް ދަރިވަރުން ހާޒިރުވެގެން ކްލާސްތައް ކުރިޔަށް ގެންދިޔުން ހިމެނެއެވެ.
މީގެ އިތުރުން އެކަނި ކުރާ ކަސްރަތުތައް ފިޔަވައި، ކުޅިވަރު ހަރާތްތަކާއި ކަސްރަތު ހަރަކާތްތައް ހުއްޓައިލުން ވެސް ހިމެނެއެވެ.
މާލެ ސަރަހައްދުގައި ބަލި ފެތުރުން ކޮންޓްރޯލު ކުރަން އަޅާފައިވާ ފިޔަވަޅުތަކުގެ ދަށުން، އެޗްޕީއޭ އިން ވަކި ގޮތެއް އަންގަންދެން ހަވީރު ހަޔަކުން ހެނދުނު ހަޔަކަށް މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު ދުއްވުން ވެސް ވަނީ މަނާ ކޮށްފައެވެ.
މީގެ އިތުރުން އެއްފަހަރާ 10 މީހުންނަށް ވުރެ އިތުރަށް އާންމު ތަންތަނަށް އެއްވެ އުޅުންވެސް ވަނީ މަނާކޮށްފައެވެ.
މީގެ އިތުރުން މާލެ ސަރަހައްދުގެ ސްކޫލުތަކުގައި ގްރޭޑު ހަޔަކުން ފެށިގެން ދަށުގެ ދަރިވަރުންގެ ކިޔެވުން ވެސް މިހާރު އޮންލައިންކޮށް ކުރިއަށް ގެންދަން ވަނީ ފަށައިފައެވެ.
އިއްޔެގެ ހަވީރު ހަޔަކާއި ހަމައަށް 17،953 މީހަކު ވަނީ ކޮވިޑް19 އަށް ޕޮޒިޓިވް ވެފައެވެ. މިވަގުތު2،328 މީހަކު ބައްޔަށް ފަރުވާ ހޯދަމުންދާއިރު 190 މީހަކު ތިބީ ހޮސްޕިޓަލުގައެވެ. ބަލީގައި 58 މީހަކު ރާއްޖެއިން މަރުވެފައިވާއިރު 15،560 މީހުން ވަނީ ބަލިން ފަސޭހަ ވެފައެވެ.