17 Feb 2021, 08:24
ދެހާސް ވަނަ އަހަރު އޭޝިޔާ ޕެސިފިކްގެ ރީތީގެ ރާނީކަން ހޯދި ބޮލީވުޑުގެ އެކްޓްރެސް ދިއާ މިރުޒާ 39، ދެވަނަ ކައިވެންޏެއް ކޮށްފި އެވެ.
ހޯމަ ދުވަހު ދިއާ ކައިވެނިކުރީ އޭނާގެ ލޯބިވެރިޔާ ވައިބަވް ރެކީއާ އެވެ. ބަންޑްރާގައި ދިއާ ދިރިއުޅޭ ގޭގެ ހުސްތަނުގައި ދެމީހުންގެ ކައިވެނީގެ ހަފްލާ ބޭއްވިއިރު މި ކައިވެނި ހަފްލާގައި ބައިވެރިވީ އެދެމީހުން އާއިލާ މެންބަރުންނާ ގާތް ރަހުމަތްތެރިން އެކަންޏެވެ.
ވައިބަވް އާ ދިއާ ކައިވެނިކުރީ ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ އަހަރަކަށްފަހުއެ ވެ. ބަތަލާ ދިއާ ވަނީ މީގެ ކުރިން ކައިވެންޏެއްކޮށްފަ އެވެ. ޕްރޮޑިއުސަރު ސާހިލް ސަންގާ އާ ދިއާ 2014 ވަނަ އަހަރު ކައިވެނިކުރިއިރު އެ ކައިވެނި ރޫޅުނީ 2019 ވަނަ އަހަރުގައެވެ. އެ ކައިވެންޏަށް ދަރިއަކު ލިބިފައެއްނުވެ އެވެ.
ދިއާ ބޮލީވުޑަށް ނުކުތީ 2001 ވަނަ އަހަރު ނުކުތް ފިލްމު "ރެހެނާ ހޭ ތޭރި ދިލް މޭ" އިން ނެވެ. ދިއާގެ ފާހަގަ ކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި "ލަވް ބްރޭކްއަޕްސް ޒިންދަގީ،" "ލަގޭ ރަހޯ މުންނާ ބާއި" "ބްލެކްމެއިލް"، "ތައްޕަޅު" އަދި "ސަންޖޫ" ފަދަ ފިލްމުތައް ފާހަގަކޮށްލެވެ އެވެ.