ކޮވިޑް19 ކޮންޓްރޯލު ކުރުމަށް އައްޑޫ ގައި އަޅާފައިވާ ފިޔަވަޅުތައް އިތުރު ހަފްތާ އަކަށް ދަންމާލައިފި އެވެ.

ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި ނެރުނު އެންގުމުގައި ވަނީ އައްޑޫގައި ކޮވިޑް 19 ފެތުރުން ކޮންޓްރޯލު ކުރުމަށް މިމަހުގެެ ނުވަވަނަ ދުވަހުން ފެށިގެން އެއް ހަފްތާ އަށް އެޅި ފިޔަވަޅުތައް އިތުރު ހަފްތާ އަކަށް ދަންމާލަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން ރޭގަނޑު 8:00އިން ފެށިގެން ފަތިހު 4:30އަށް، އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މަނާކޮށް އަދި އައްޑޫގެ އެއް އަވަށުން އަނެއް އަވަށަށް ދިޔުމާއި ޕާޓީތަކާއި ހަފްލާތަކާއި ރަސްމިއްޔާތުތައް ބޭއްވުންވެސް ވަނީ މަނާކޮށްފައެވެ.

އޭގެ އިތުރުން އެރަށުގެ ހޮޓާތަކާއި ރެސްޓޯރެންޓްތައް ޑެލިވަރީގެ ހިދުމަތް ފިޔަވައި އެހެން ހިދުމަތްތަކަށް ބަންދުކުރުމަށްވެސް ވަނީ ނިންމައިފައެވެ.

އިތުރު ހަފްތާއަކަށް ދަންމާލާ އެހެން ފިޔަވަޅުތައް

- ޔުނިވާސިޓީ/ކޮލެޖް/ސްކޫލަތަކުގެ ދަރިވަރުން ހާޒިރުވެގެން ކްލާސްތައް ކުރިއަށް ގެންދިޔުން.
- އެއްފަހަރާ ތިން މީހުންނަށްވުރެ ގިނަ މީހުން އެއްވެ އުޅުން މަނާކުރުން.
- ސެލޫން، ޖިމް އަދި ބޯކޮށާ ތަންތަން ބަންދުކުރުން.
- ހުރިހާ ކުޅިވަރު ހަރަކާތްތަކާއި ކަސްރަތުގެ ހަރަކާތްތައް ހިންގުން ހުއްޓާލުން.
- ޓެކްސީ ހިދުމަތް ދޭ ފަރާތްތަކުން އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ހިދުމަތް ދިނުން.
- ފިހާރަތާކާއި ބޭންކުތަކުން އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ހިދުމަތް ދިނުން.

އައްޑޫގައި މިވަގުތު ކޮވިޑްގެ 62 ކޭހެއް އެބައޮތެވެ. އެއީ ހިތަދޫގައި 20، ފޭދޫގައި 13،ހުޅުދޫ މީދޫގައި 25 އަދި މަރަދޫފޭދޫގައި ހަތަރު ކޭހެވެ.