16 Feb 2021, 20:43
ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގެ ވޯޓު ކަރުދާސްކޮށް މިމަހު 22 ގައި ޕްރިންޓު ކުރަން ހަވާލު ކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވެއްޖެ އެވެ.
ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބު ބާއްވަން އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ކުރަމުންދާ ތާރީހަކީ އެޕްރީލް 10 ވަނަ ދުވަހެވެ.
އެކަމާ ގުޅިގެން މައުލޫމާތު ހިއްސާކުރަން މިއަދު އިންތިހާބީ މަރުކަޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަރީފު ވިދާޅުވީ ވޯޓު ކަރުދާސް ޕްރިންޓް ކުރަން ހަވާލުކުރާނެ ބައެއްވެސް މިހާރު ފައިނަލް ވެފައިވާ ކަމަށެވެ.
"އިރާދަކުރެއްވިއްޔާ މިމަހުގެ 22 ވަނަ ދުވަހު އަޅުގަނޑުމެން ހަވާލުކުރާނަން ވޯޓު ކަރުދާސް ޕްރިންޓު ކުރަން،" ޝަރީފު ވިދާޅުވި އެވެ.
ވޯޓުލާން ރެޖިސްޓްރީކޮށްފައިވާ އަދަދުތައް
މާލެ ސިޓީ - 51،499 މީހުން
އައްޑޫ ސިޓީ - 25،055 މީހުން
ފުވައްމުލައް ސިޓީ - 9177 މީހުން
ކުޅުދުއްފުށި ސިޓީ - 6825 މީހުން
އެހެނިހެން އަތޮޅުތައް - 179،924 މީހުން
އިންތިހާބުގައި ޗާޕުކުރާނެ ވޯޓު ކަރުދާހުގެ އަދަދުވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ފައިނަލް ކޮށްފަ އެވެ. ޝަރީފު ވިދާޅުވީ 272،480 ވޯޓު ކަރުދާސްކޮޅު މިފަހަރު ޕްރިންޓު ކުރާނެ ކަމަށެވެ. އެއަށް އިތުރުވިޔަސް އިތުރުވާނީ އެއް ޕަސެންޓުގައި ވޯޓު ކަރުދާސް ކަމަށް އޭނާ ވިދާޅުވި އެވެ.
ބައެއް ދާއިރާތަކަށް ކުރިމަތިލުމުގެ ފުރުސަތު
ޝަރީފު ވިދާޅުވީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބަށް ހަތް ދާއިރާއަކަށް އިންތިހާބަށް ވާދަކުރުމުގެ ފުރުސަތު އަލުން ހުޅުވާލާނެ ކަމަށެވެ. އެއީ ވާދަކުރަން ޖެހޭ އަދަދަށްވުރެ މަދުން ކުރިމަތިލާފައިވާ ދާއިރާތަކާއި ނަން ނެގުމުގެ ސަބަބުން ކުރިމަތިލާން ޖެހޭ އަދަދަށްވުރެ މަދުވި ދާއިރާތައް ކަމަށެވެ. އޭގެ ތެރެއިން ބައެއް ދާއިރާތަކަށް އެއެވެސް މީހަކު ކުރިމަތިލާފައި ނެތެވެ.
އޭގެ ތެރޭގައި ހިމެނެނީ ހދ ނޮޅިވަރަން ފަރާއި، ކ. ދިއްފުށި އާއި އއ. ފެލިދޫ އާއި، ބ. ފުޅަދޫ އާއި ހދ ނޭކުރެންދޫ އާއި ވ. ރަކީދޫ އަދި މ.ރަތްމަންދޫ އެވެ.