ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް އާޓްސްއިން މިއަހަރު ފަށާފައިވާ މާސްޓާޒް އޮފް ދިވެހި ލެންގުއޭޖް އެންޑް ކަލްޗާ ކޯސް އިފްތިތާހް ކޮށްފި އެވެ.

އިއްޔެ ކޯސް އިފްތިތާހް ކޮށްދެއްވީ އަމީނީ ބިލްޑިންގެ އޮޑިޓޯރިއަމްގައި ބޭއްވި ހަފްލާއެއްގަ އެވެ. ކޯސް އިފުތިތާހުކޮށްދެއްވެވީ މިނިސްޓާ އޮފް ސްޓޭޓް ފޯ އެޑިއުކޭޝަން ޑރ. އަހުމަދު އަލި މަނިކު އެވެ.

އޭނާ ވިދާޅުވީ ފުރަތަމަ ފެށި ދިވެހި ބަހުގެ ޑިގްރީ ކޯހުގެ ބައިވެރިން މި ކޯހުގައި ބައިވެރިވެ ވަޑައިގަންނަވާ ކަމަށާއި އޭގެ ތެރޭގައި ފެކަލްޓީގެ ބައެއް އިސް ބޭފުޅުންވެސް ހިމެނޭ ކަމަށެވެ.

"މާސްޓާޒް ކޯހުގައި ފުރަތަމަ ޑިގްރީ ކޯހުގެ ދަރިވަރުން ވެސް ބައިވެރިވޭ އެއީ ވަރަށް ރަނގަޅު ފާލެއް. އަދި އެ ބޭފުޅުންގެ ތެރޭގައި ބަހުގެ ކަންތައްތަކުގައި ކުރީގައި އުޅުއްވާ އަދި މިހާރުވެސް އުޅުއްވަމުން ގެންދަވާ ބޭފުޅުން އެބަ ތިއްބެވި. އަދި ބަހާބެހޭ ގޮތުން ބަސްފުޅު ވިދާޅުވާން ޖެހޭ ދިވެހި ބަހުގެ އެކަޑަމީގެ ރައީސް އާއި ނައިބު ރައީސާ ވެސް މި ކޯހުގައި އެބަ ބައިވެރިވޭ،" އޭނާ ވިދާޅުވި އެވެ.

ބޭރުގެ ކޯސްތައް ވެސް ފަރުމާ ކޮށްފައިވާ ގޮތަށް ބެންޗް މާކް ކޮށްގެން މި ކޯސް ފަރުމާކޮށްފައި އޮތުމުން މިކޯހަކީ ވަރަށް ރަނގަޅަށް ހިންގަން ޖެހޭނެ ކަމަށް ވެސް ސްޓޭޓް މިނިސްޓަރު ވިދާޅުވި އެވެ.

ފެކަލްޓީ އޮފް އާޓްސްގެ އެޑްވައިޒަރިން ކޮމެޓީގެ މެންބަރުކަން ވެސް ކުރައްވަމުން އަންނަ ޑރ. އަހުމަދު އަލި މަނިކު ވިދާޅުވީ މަތީ ފެންވަރުގެ މި ކަހަލަ ކޯސްތަކެއް އިތުރުވެގެން ދިއުމަކީ ދިވެހި ބަހާއި ސަގާފަތް ދިރުވާނެ އާ ދިވެހިންތަކަކާއި ދަރިވަރުންތަކެއް އިތުރުވެގެންދާނެ ކަމެއް ކަމަށާއި އަދި މިކޯހުގެ ސަބަބުން މަތީ ސާނަވީ އަށް ވެސް ރަނގަޅު އަސަރެއް ކުރާނެ ކަމަށެވެ.